މާލޭ ސިޓީ ކައުންސިލް

ޓީވީ މެދުވެރިކޮށް އިންޑިއާ ހައިކޮމިޝަނުން މާފަށް އެދެން ޖެހޭ: ސިޓީ ކައުންސިލް

މުޅި އިންސާނިއްޔަތަށް މާތް ﷲ ފޮނުއްވި އެންމެ މަތިވެރި ރަސޫލާ މުހައްމަދުގެފާނަށް ފުރައްސާރަކޮށް އެކަލޭގެފާނުގެ ކައިވެނިފުޅުތަކަށާއި އިސްލާމީ ރިވެތި އުސޫލުތަކަށް ބަދުބަސް ބުނެ ހަގީގަތާއި ހިލާފު ވާހަކަތަކެއް އަވަށްޓެރި އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީ ޕާޓީގެ އިސް ތަރުޖަމާނު ނުޕުރް ޝަރްމާ ދައްކާފައިވާތީ އެކަން މާލެ ސިޓީ ކައުންސިލް އިން ކުށްވެރި ކޮށްފި އެވެ.

ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއުއްމަތުގެ މާތް ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމަ އަކީ ޖަހާލަތުގެ އަނދިރިކަމުން އިލްމާއި އަހްލާގިއްޔާތަށް މީސްތަކުން ނެރެދެއްވުމަށް މާތް ﷲ ފޮނުއްވި އެ އިލާހުގެ މިތުރު ކަމުގައި ވީހިނދު މުސްލިމުންގެ ޖާނާއި މާލާއި މައިންބަފައިންނާއި އަނބިދަރިންނަށް ވުރެވެސް ބޮޑަށް އެކަލޭގެފާނުދެކެ ލޯބިވުމީ އީމާންކަން ލާޒިމު ކުރާ ކަމެއް ކަމުގައި ކަމުން އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ތަރުޖަމާނާއި ނިއުދިއްލީގައި ހުންނަވާ އެޕާޓީގެ މީޑިއާ އިންޗާޖު، އިންޑިއާގެ ގައުމީ ޓީވީ ޗެނަލެއްކަމުގައިވާ ދޫރުޝަންއިން ގެނެސްދިން ޕްރޮގްރާމެއްގެ ތެރެއިން ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމައަށް ފުރައްސާރަ ކުރިކުރުން މާލޭ ސިޓީ ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އިންޑިއާގެ ގައުމީ ޓީވީ ޗެނަލެއްކަމުގައިވާ ދޫރުޝަންއިން ގެނެސްދިން ޕްރޮގްރާމެއްގެ ތެރެއިން އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ތަރުޖަމާނާއި ނިއުދިއްލީގައި ހުންނަވާ އެޕާޓީގެ މީޑިއާ އިންޗާޖު ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމައަށް ފުރައްސާރަ ކުރި ހިނދުގައިވެސް އެކަމަށް ފަރުވާލެއްނެތި އެފަދަ ފަރާތްތަކުގެ މަސްލަހަތަށް އިސްކަން ދިނުމީ ދިވެހި ދައުލަތުގެ އެންމެ އަސާސީ ބަހާކަމުގައިވާ މި ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދުނިޔެވީ މަގުސަދަކަށްޓަކައި ކަތިލުންކަމުގައިވެސް ކައުންސިލްގެ ބަޔާނުގައިވެއެވެ.

އަދި އިސްލާމު ދީނާއި ކީރި ރަސޫލާ އާއި ބެހޭގޮތުން ކުރާ މިފަދަ ކޮންމެ އަމަލަކީ އިސްލާމު ދީނުގެ ބާރު ކަނޑުވާލުމާއި އަޑު ކަނޑުވައިލުމަށްޓަކައި ހިންގާފައިވާ ވަރަށް ނާތަހުޒީބު ފިނޑި އަމަލެއްކަމުގައި ވަނީ ބުނެފައެވެ.

"އެހެންކަމުން އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ ފަރާތުންނާއި އިންޑިއާ ސަރުކާރުން އިންޑިއާގެ ގައުމީ ޗެނަލް މެދުވެރިކޮށް ހުރިހާ މުސްލިމުންގެ ކިބައި މާއަފާށް އެދުމާއި ދިވެހި ރާއްޖޭގެ ގައުމީ ޓީވީ ޗެނަލް މެދުވެރިކޮށް އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ އިސް ދެ މެމްބަރަކު ކޮށްފައިވާ ހަޑިމުޑުދާރު އަމަލު ކުށްވެރިކޮށް އެކަމަށް މާއަފަށް އެދުމަށް މާލޭ ސިޓީގައި ހުންނަ އިންޑިއަން ހައިކޮމިޝަނަށް ގޮވާލަމެވެ،" މާލެ ސިޓީ ކައުންސިލްގެ ބަޔާނުގައިވެއެވެ.