ސަލްމާން ޚާނަކީ ބޮލީވުޑްގައި މިހާރު މަސައްކަތްކުރާ އެކްޓަރުންގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބޭ އެއް އެކްޓަރެވެ. އޭނާގެ މަހެއްގެ އާމްދަނީ އަކީ މީހަކު ހިތަށް ވެސް ނާރާ ވަރުގެ ބޮޑު އަދަދެކެވެ.
ޖީކިއު އިންޑިއާގައިވާ ރިޕޯޓެއް ބުނާ ގޮތުގައި 2016 ގައި ރިލީޒްކުރި ބްލޮކްބަސްޓާ ފިލްމު "ސުލްތާން" އިން އެކަނިވެސް ސަލްމާނަށް 100 ކްރޯޑު ރުޕީސް ލިބިފައި ވެއެވެ. އަދި "ޓައިގާ ޒިންދާ ހޭ" އޭނާ ކުޅެދިނީ 130 ކްރޯޑު ރުޕީސް އަށް ކަމަށާއި މިހާރު އޭނާގެ މުއްސަނދިކަމުގެ މިންވަރު 2000 ކްރޯޑަށް ވުރެ މަތިވާނެ ކަމަށް މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި މުމްބައިގެ އެންމެ އަގުބޮޑު ހިސާބުތަކުން އެޕާޓްމަންޓްތަކާއި އޭނާ ދިރިއުޅޭ އަގުބޮޑު ގެލެކްސީ އެޕާޓްމަންޓްގެ އިތުރުން ބޮޑު ފާމްހައުސް އެއް ވެސް އޭނާގެ ނަމުގައި ގަނެފައި އޮތްކަމަށް ރިޕޯޓުގައި ފާޙަގަ ކޮށްފައި ވެއެވެ.
ޓްރިބިއުން އިންޑިއާގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ސަލްމާންގެ މުއްސަނދިކަމުގެ އަގު 2،255 ކްރޯޑަށް ވުރެ މައްޗެވެ. އަދި އޭނާ ހޯސްޓްކުރާ "ބިގް ބޮސް" ގެ ކޮންމެ ސީޒަނެއްގައި ކޮންމެ އެޕިސޯޑަކަށް އެތައް ކްރޯޑު ރުޕީސްއެއް ނަގާ ކަމަށް ވެއެވެ.
އެހެންކަމުން އޭނާގެ މަހެއްގެ އާމްދަނީ އުޅެނީ އެވްރެޖްކޮށް 16 ކްރޯޑުގައި ކަމަށް ވެސް މި ރިޕޯޓުގައި ވެއެވެ.