ސިވިލް ކޯޓް

ހިޔާ ފްލެޓްތަކުގެ ކުލީގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

Jun 9, 2022

ހިޔާ ފްލެޓްތަކުން ކުލި ނެގުން ފަސްކުރުމުގެ އަމުރަކަށް އެދި ހިޔާ ޔޫނިއަންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.

ކުލި ނެގުން ފަސްކުރުމުގެ އަމުރަކަށް އެދި ހިޔާ ޔޫނިއަނުން މައްސަލަ ހުށަހެޅީ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ކުރުމަށް ހަރަދުކުރަންޖެހުނު ފައިސާ ފްލެޓްގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދުން މައާފުކޮށްދިނުމަށް ނުވަތަ އަދަދު ހަމަވަންދެން ކުލި ނެގުން ފަސްކޮށްދިނުމަށް އެދި އެވެ.

މިމައްސަލައިގައި ދައުވާ ލިބޭ އެޗްޑީސީން ވަނީ ހިޔާ ޔޫނިއަންއަކީ ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގެ ބައިވެރިއެއް ނޫން ކަމަށް ބުނެ އިޖުރާއީ ނުކުތާއެއް ފާހަގަކޮށްފަ އެވެ. އެއްބަސްވުމުގެ ބައިވެރިޔަކަށް ނުވާއިރު ހިޔާ ފްލެޓްތަކުގެ ކުލީގެ މައްސަލައިގައި އެ ޖަމިއްޔާ އަށް ދައުވާ ނުކުރެވޭނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެ އެވެ.

މައްސަލަ ބެއްލެވި ގާޒީ ރިޒްމީނާ އިދުރީސް މިއަދު އިއްވެވި ހުކުމްގައި ބުނެފައިވަނީ ހިޔާ ފްލެޓްތަކުން ކުލި ނެގުން ފަސްކުރުމުގެ ޕެޓިޝަނެއް އެ ޖަމިއްޔާ އިން ހެދިއިރު ޕެޓިޝަންގައި ސޮއިކޮށްފައިވަނީ ހިޔާ ފްލެޓް ލިބުނު 6،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 2،039 މީހުން ކަމަށެވެ. އެހެންވެ ހުކުމްގައި ވަނީ އެ ޕެޓިޝަން ބޭނުންކޮށްގެން ހިޔާ ޔޫނިއަން އަށް ދައުވާކުރުމުގެ ހައިސިއްޔަތު ނެތް ކަމަށް ކަނޑައަޅާފަ އެވެ.

ހުކުމްގައި ބުނެފައިވަނީ ހިޔާ ފްލެޓް ލިބިގެން އެޗްޑީސީއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވަކިވަކި މީހުން ކަމަށާއި އެހެންކަމުން ހިޔާ ޔޫނިއަން އަކީ އެއްބަސްވުމުގެ ބައިވެރިއެއް ވެސް ނޫން ކަމަށެވެ. ދެފަރާތަކުން ހަދާފައިވާ އެއްބަސްވުމެއްގެ ތެރެއަށް ޖަމިއްޔާ އަކަށް ވަދެވޭނަމަ ހުޅުވިގެންދަނީ ނުބައި ދޮރެއް ކަމަށްވެސް ހުކުމްގައި ބުނެފައިވެ އެވެ. އެހެންވެ އެ ސަބަބުތަކަށްޓަކައި ހިޔާ ފްލެޓްތަކުގެ ކުލީގެ މައްސަލައިގައި ހިޔާ ޔޫނިއަން އަށް ދައުވާކުރުމުގެ ހައިސިއްޔަތު ނެތް ކަމަށްވެސް ވަނީ ކަނޑައަޅާފަ އެވެ.

ހިޔާ ފްލެޓްތަކަށް އެއްބަސްވުމާ އެއްގޮތަށް ކުލި ނުދައްކާ މީހުން ޖޫރިމަނާކޮށް ކުލި ނުދައްކާ މީހުންނަށް އެޗްޑީސީން މިހާރު ދަނީ ކުލި ދެއްކުމަށް އަންގާ، ފުރަތަމަ ނޯޓިސް ފޮނުވަމުންނެވެ. އެޗްޑީސީގެ ލިޔުމުގައި ވަނީ އެ ލިޔުން ލިބޭތާ 30 ދުވަހުގެ ތެރޭގައި ކުއްޔާއި ޖޫރިމަނާ ދެއްކުމަށް އަންގާފަ އެވެ.