ބޮލީވުޑް

މަހީމާގެ ކެންސަރު ތަޖުރިބާ، ރޯލުތައް ލިބެންފެށީ އިސްތަށިތައް ފޭބިފަހުން!

ޝާހް ރުކް ޚާން އާއެކު "ޕަރްދޭސް" އިން ބޮލީވުޑަށް ތައާރަފްވި މަހީމާ ޗައުދަރީ މިހާރު ގެންދަނީ އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދަމުންނެވެ. މަހީމާ ކެންސަރާ ހަނގުރާމަ ކުރަމުންދާކަން އެނގުނީ އެކްޓަރު އަނޫޕަމް ކޭރް އޭނާ އާ ބައްދަލުކޮށް ހިއްސާ ކުރި ވީޑިއޯ އަކުންނެވެ. މި ވީޑިއޯގައި އަނޫޕަމް އެކި ސުވާލުތައް މަހީމާ އާ ކުރާ ތަން ފެނެ އެވެ. އޭނާއަށް ކެންސަރު ޖެހުނުކަން އެނގުނީ ކޮން އިރަކުންތޯ އާއި ހޯދަމުންދާ ފަރުވާ ތަކާއި މިހާޜުގެ ހާލަތާ ގުޅޭ ގޮތުންނެވެ. އަދި މި ސުވާލުތަކަށް މަހީމާ ޖަވާބުދޭ ތަން ވެސް ވީޑިއޯގައި ފެނެ އެވެ.

މިހާރު ކީމޯތެރަޕީގެ ފަރުވާ ހޯދަމުންދާ މަހީމާގެ ބޮލުގައި ހުރި އިސްތަށިކޮޅު ފައިބަން ފެށުމުން އޭނާ ވަނީ ބޯ ބާލާފަ އެވެ.
މަހީމާ ބުނި ގޮތުގައި އެކްޓިންގެ އެއްވެސް ފުރުސަތެއް ނުލިބި ގިނަ ދުވަސްތަކެއް ވުމަށްފަހު އޭނާއަށް ވެބް ސީރީޒްތަކާއި ޝޯތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ލިބެން ފެށީ ކެންސަރު ޖެހި ބޮލުގައި ހުރި އިސްތަށިކޮޅު ފައިބައިގެން ދިޔަ ފަހުންނެވެ.

"އަހަރެން ހިތަށްއެރި ޔާރައްބީއޭ. މިމީހުން ކީއްވެހޭ މިހާރު ދެން މި ގުޅަނީ އަހަންނަށް. އަހަރެންގެ ބޮލުގެ އިސްތަށިތައް ވެސް ނެތްއިރު. އެކަމަކު އަހަރެންގެ ހާލަތެއް އަހަރެން އެއްވެސް މީހެއް ކައިރިއަކު ނުބުނަން،" މަހީމާ މި ވީޑީއޯގައި ބުނެފައި ވެއެވެ.

މަހީމާ އިތުރަށް ބުނި ގޮތުގައި އޭނާގެ ކެންސަރުގެ ތަޖުރިބާ އަނޫޕަމާ ހިއްސާ ކުރީ އޭނާއަށް ކުރާ ގަދަރެއްގެ ބޮޑުކަމުން ދޮގު ހަދަން ނުކެރިގެންނެވެ. މިހެން ބުނުމާއެކު އޭނާއަށް ހިފެހެއްޓުމެއް ނެތި ރޮވުނެވެ.

ކެންސަރު ޖެހިފައިވާކަން އެނގުނީ ކިހިނެއްތޯ އަނޫޕަމް ސުވާލު ކުރުމުން މަހީމާ ބުނީ ބަލީގެ އެއްވެސް ނިޝާނެއް އޭނާގެ ހަށިގަނޑުން ނުފެންނަ ކަމަށެވެ. ގަވާއިދުން ކޮންމެ އަހަރަކުވެސް މެޑިކަލް ޗެކްއަޕް ހަދާ ކަމަށާއި ބަލި ހުރިކަން އެނގުނީ އެގޮތަށް ހެދި މެޑިކަލް ޗެކްއަޕަކުން ކަމަށެވެ.

"އަހަރެންގެ ޓެސްޓުތައް ހެދި މީހާއަށް އަހަރެންގެ އުރަމަތީ ކެންސަރު ހުރިކަން ފާހަގަކުރެވިގެން އެ ވާހަކަ ބުނީ. އަދި ކީމޯތެރަޕީ ނަގަން ޖެހޭނެވެސް ބުނި. އަހަރެންނަށް އެ ވަގުތު ވީ ގޮތް ބުނެދޭން ވެސް ނޭނގޭ. ބަޑިފަޅައިގެން ގޮސް ރޮއިގަނެވުނު. އަހަރެންގެ ކޮއްކޮ ކައިރީގައި ހުރެފައި ބުނި މިހާރު ބްރެސްޓް ކެންސާ އަކީ ފަސޭހަ ކުރެވޭ ބައްޔެކޭ. ކީއްވެހޭ ތިވަރަކަށް ތި ރޮނީ. އެވަރުން ވެސް މައިންބަފައިންނަށް މި ބަލީގެ ވާހަކަ އެނގުނަ ނުދޭން ވަރަށް މަސައްކަތްކުރިން. އެމީހުންނަށް ކުރާނެ އަސަރު ހިތަށް އަރާފައި،" މަހީމާ ބުންޏެވެ.

ކެންސަރު ޖެހިފައިވާކަން އެނގިގެން ރޮއި ހިތާމަކުރަނިކޮށް އެކަމުން ހިތާމަތަކާ ދުރަށް ދެވުނު ގޮތް ވެސް މަހީމާ ކިޔައިދިނެވެ.

"އަހަރެން ވަރަށް ރޮއި ހިތާމަކުރަމުން ދަނިކޮށް އެއް ދުވަހު ހޮސްޕިޓަލުން ކުޑަ ފިރިހެންކުއްޖަކާ ބައްދަލުވި. އޭރުވެސް އަހަރެން އިނީ ރޯން. އެ ކުއްޖާ ބުނި ކީއްވެހޭ ތި ރޮނީ. ތިހިރީ ކަލޭ ކާންޖެހޭ ކުޑަ ބޭސްކޮޅު. އަހަރެންނަށް ތިއަށް ވުރެ މާ ގިނަ ބޭސް ކާން ޖެހެއޭ. އެ ކުއްޖާ ދިން ހިތްވަރުން އަހަންނަށް ހިތްވަރުލިބި ކެންސަރާ ހަނގުރާމަކުރަން ފަސޭހަވި. މިހާރު އަހަރެންގެ ހަށިގަނޑުގައި ބަލީގެ އެއްވެސް އަސަރެއް ނެތް. އަހަރެން މިވަނީ މުޅިން ފަސޭހަވެފައި،" ވީޑިއޯ ނިމޭ ހިސާބުގައި މަހީމާ ބުނެފައި ވެއެވެ.

އަނޫޕަމް ބުނެފައިވާ ގޮތުގައި މީގެ މަހެއްހާ ދުވަސް ކުރިން އޭނާ މަހީމާއަށް ފޯނުކުރީ "ދަ ސިގްނޭޗާ" ކިޔާ ފިލްމެއްގެ މުހިއްމު ރޯލެއް ދޭން ވެގެންނެވެ. މަހީމާ ކެންސަރަށް ފަރުވާ ހޯދަމުންދާކަން އެނގުނީ މި ފިލްމާ ބެހޭ ގޮތުން އެ ދެ މީހުންގެ ތެރޭގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން ކަމަށް އަނޫޕަމް ބުންޏެވެ.