ޓީވީ ސިލްސިލާ "ދިލް މިލް ގަޔޭ" ކުޅުނު ދުވަސްވަރު އެ ޝޯގެ ލީޑް ދެ އެކްޓަރުން ކަމަށްވާ ކަރަން ސިންގް ގްރޯވަރު އާއި ޖެނިފާ ވިންގެޓްގެ މެދުގައި ލޯބީގެ ގުޅުން އުފެދުނެވެ. އަދި މި ގުޅުން ފަހުން ކައިވެންޏަށް ބަދަލުވި އެވެ. ނަމަވެސް ޖެނިފާ އާއި ކަރަންގެ ކައިވެންޏަށް މާ ގިނަ ދުވަހެއް ނުވެ ކަރަން ވަނީ ޖެނިފާ ވަރިކޮށް ބަތަލާ ބިޕާޝާ ބާސޫ އާ ކައިވެނިކޮށްފަ އެވެ.
މިހާތަނަށް މިކަމާ ގުޅޭ ގޮތުން ޖެނިފާ ވާހަކަ ދައްކާފައެއް ނުވެ އެވެ. ނަމަވެސް ޓީވީ ހޯސްޓް ސިދާރްތު ކަނަން އަށް ދާދިފަހުން ދިން އިންޓަވިއުގައި ޖެނިފާ ވަނީ އޭނާގެ ޒަވާޖީ ހަޔާތުގައި ދިމާވި މައްސަލަތަކާއި ކަރަން އާ ވަކިވާން ޖެހުނު ސަބަބު ކިޔައިދީފަ އެވެ.
ޖެނިފާ އާއި ކަރަން ކައިވެނިކުރީ އޭޕްރީލް 2012 ގައެވެ. އޭގެ ދެ އަހަރު ފަހުން ނޮވެމްބަރު 2014ގައި ދެ މީހުން ވަނީ ވަރިވެފަ އެވެ.
ޖެނިފާ ބުނި ގޮތުގައި އެ ދެ މީހުން ވަރިވުމާއެކު މީޑިއާއިން ތަފާތު ޚަބަރުތައް ހަދަހަދައިގެން ފެތުރި ކަމަށެވެ. އެކަމުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑު ހިތްދަތިކަމެއް ލިބި ގެއިން ބޭރަށް ނުކުންނަން ބޭނުން ނުވެފައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ހުންނަން ޖެހުނު ކަމަށެވެ.
"ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށް. އެކަން ވެސް އެވީ ރަނގަޅަކަށް ކަމަށް މިހާރު ގަބޫލުކުރަން. ސަބަބަކީ އަހަރެންގެ ހަޔާތުގައި މީގެ ކުރިން ދުވަހަކުވެސް ނުލިބޭހާ އުފާ މިހާރު އަހަންނަށް ލިބެމުންދާތީ،" ޖެނިފާ ބުންޏެވެ.
ޖެނިފާ އާއި ކަރަންގެ މެދަށް ވަނީ ބިޕާޝާ ކަމަށް އެ ދުވަސްވަރު ބައެއް ނޫސްތަކުގައި ލިޔެފައި ވެއެވެ. ނަމަވެސް މި ވާހަކަ މިހާރު އިތުރަށް ދައްކަން ޖެނިފާ ބޭނުމެއް ނުވެ އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އެ ދެމީހުންގެ މެދުގައި ޖެހުނު މައްސަލަތަކުގެ ވާހަކަ އެމީހުންގެ ހަޔާތުގެ ސިއްރެއްގެ ގޮތުގައި ބޭއްވުން ރަނގަޅުވާނެ އެވެ.
ޖެނިފާ މިހާރު ކުޅެމުންދަނީ "ކޯޑް އެމް ސީޒަން 2" އެވެ. މި ވެބް ސީރީޒްގައި އޭނާއާއެކު ލީޑް ރޯލު ކުޅެނީ ތަނޫޖް ވިރްވާނީ އެވެ. ތަނޫޖް އަކީ ކުރީގެ މަޝްހޫރު ބަތަލާ ރަތީ އަގުނިހޯތުރީގެ ހުރި ހަމައެކަނި ދަރިފުޅެވެ.
މި ވެބް ސީރީޒްގެ ޝޫޓިން ފެށުމާއެކު ތަނޫޖް އާއި ޖެނިފާގެ ލޯބީގެ ގުޅުން އޮންނަ ކަމުގެ ވާހަކަތައް ވަނީ ފެތުރިފަ އެވެ. ނަމަވެސް މި ވާހަކަތަކަކީ ޖެނިފާ އަށް އާ ވާހަކަ ތަކެއް ނޫނެވެ.
"އަހަރެން ކޮންމެ ސިލްސިލާއެއް ކުޅެން ފަށާއިރަށް އެ ސިލްސިލާއެއްގެ ލީޑް އެކްޓަރާ އަހަންނާ އަޅުވާ ކިޔާ. އެހެންވީމަ މިފަހަރު ވެސް ތަނޫޖް އާ އަހަންނޭ ކިޔައިގެން ވާހަކަ ދެއްކިޔަސް އަހަރެން ހާހެއް ނުވޭ. އަހަރެމެން ދެ މީހުންނަކީ ވަރަށް ގާތް ދެ އެކުވެރިން. އަހަރެމެން އެކަކު އަނެކަކާ ވަރަށް ގުޅޭ. އޭނާއަކީ ވަރަށް އުފާވެރި މިޒާޖެއްގެ މީހެއް. އެފަދަ މީހުންނާއެކު އުޅެން އަހަރެން ހިތްހަމަޖެހޭ،" ޖެނިފާ ބުންޏެވެ.
ޖެނިފާ އަކީ ކަރަން ފުރަތަމަ ކައިވެނިކުރި ބަތަލާ އެއް ނޫނެވެ. ކަރަން ފުރަތަމަ ކައިވެނިކުރީ ޓީވީ ބަތަލާއެއް ކަމަށްވާ ޝްރަދާ ނިގަމް އާއެވެ. ޖެނިފާ އާ ކައިވެނިކުރީ ޝްރަދާ ވަރިކޮށްފަ އެވެ. އަދި ބިޕާޝާގެ އަވައިގައި ޖެހި ޖެނިފާ ވެސް ވަރިކޮށްލީ އެވެ.