ރައްޔިތުން އެދޭ ކުރިއެރުން ގެނެވޭނީ ރައްޔިތުންގެ އިހްސާސްތައް ދެނެގަނެ ހިޔާލު ހޯދާ ޝަކުވާތައް އަޑު އަހައިގެން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވީ ލާމަރުކަޒީ ނިޒާމު ކުރިއަރުވާ ބައިނަލްއަގްވާމީ އެންމެ ބޮޑު ޖަމިއްޔާކަމުގައިވާ ޔުނައިޓަޑް ސިޓީސް އެންޑް ލޯކަލް ގަވާންމަންޓްސް (ޔޫސީއެލްޖީ) ގެ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ އަހަރީ ޖަލްސާގައި ތަގުރީރު ކުރައްވަމުންނެވެ.
ޗައިނާގެ ޝިއާންގައި އޮތް މި ބައްދަލުވުމުގައި މޭޔަރު މުއިއްޒު ތަގުރީރު ކުރެއްވެވީ ވީޑިއޯ ކޮންފަރެންސް މެދުވެރި ކުރައްވައެވެ.
"ހަރުދަނާ ތިމާވެށްޓާ ރަހްމަތްތެރި އަދި ދެމެހެއްޓެނިވި ސިޓީތަކުގެ މުސްތަގްބަލަށް އަތުގުޅާލުން" މި ޝިއާރުގެ ދަށުން ބޭއްވުނު މި ބައްދަލުވުމުގެ ފުރަތަމަ ދުވަހުގެ ދަންފަޅިތަކުގެ ތެރެއިން "ބެލްޓް އެންޑް ރޯޑް" މައުލޫއަށް ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ރަހްމަތްތެރި ގުޅުގެ ތެރެއިން މާލެއަށް ލިބިފައިވާ ބޮޑެތި ކުރިއެރުންތައް ފާހަގަ ކުރައްވާފައެވެ. އެގޮތުން ސިނަމާލޭ ބްރިޖް ފަދަ މަޝްރޫއުތަކުގެ ސަބަބުން މާލޭ ސިޓީގެ ރައްޔިތުންނަށް އުންމީދީ ކުރިއެރުންތަކެއް ލިބިގެންދިޔަ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުން އެދޭ ކުރިއެރުން ގެނެވޭނީ ރައްޔިތުންގެ އިހްސާސްތައް ދެނެގަނެ ހިޔާލު ހޯދާ ޝަކުވާތައް އަޑު އަހައިގެން ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޗައިނާގެ "ބެލްޓް އެންޑް ރޯޑް" އެއްބަސްވުމުގެ ތެރެއިން ކުރެވުނު މަސައްކަތްތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި އަދި ރައްޔިތުންނަށް އުފާވެރިކަމާއި އުންމީދީ ކުރިއެރުންތަކެއް ގެނެސްދިން ކަމަށް ވިދާޅުވިއެވެ.