ވިލިމާލެ

ވިލިމާލޭގެ އިރުމަތި ފަރާތުގައި ފައިބަރު މަސައްކަތް ނުކުރަން ނިންމައިިފި

Jun 10, 2022

ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރާ ސަރަހައްދު އެ އަވަށުގެ އިރުމަތި ފަރާތަށް ބަދަލުކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރިން ނިންމާފައި އޮތް ނިންމުން ބަދަލުކޮށްފި އެވެ.

ސިޓީ ކައުންސިލުން މިގޮތަށް ނިންމީ މިދިޔަ ބުދަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ވިލިމާލޭ ފައިބަރުގެ މަސައްކަތް ކުރިން ކުރަމުން ގެންދިޔައީ އެ އަވަށުގެ ހުޅަނގު ދެކުނު ފަރާތުގަ އެވެ. އެ މަސައްކަތް އަވަށުގެ އިރުމަތި ފަރާތު ބީޗާ ދިމާލަށް ބަދަލުކުރަން މާލެ ސިޓީ ކައުންސިލުން ކުރިން ނިންމީ މާލެ، ވިލިމާލެ ތިލަފުށި އަދި ގުޅިފަޅު ގުޅުވާލާ ތިލަމާލެ ބްރިޖުގެ މަސައްކަތްކުރުމަށް ވިލިމާލޭގެ ހުޅަނގު ދެކުނު ފަރާތް ސަރުކާރުން ބޭނުންވުމުންނެވެ.

ފައިބަރު އުޅަނދު ބަންނަ ސަރަހައްދު ވިލިމާލޭގެ އިރުމަތި ފަރާތަށް ބަދަލުކުރަން ނިންމި ނިންމުމަށް ސިޓީ ކައުންސިލުން ބަދަލު ގެނެސްފައި މިވަނީ އިރުމަތި ފަރާތަކީ ވިލިމާލޭގެ އެންމެ ގިނަ ބަޔަކު މޫދަށް އެރޭ ސަރަހައްދަށް ވެފައި އެ ސަރަހައްދުގައި ފައިބަރު މަސައްކަތް ކުރުމަކީ ތިމާވެށްޓަށާއި އާންމު ސިއްހަތަށް ހުރި ގެއްލުމަކަށްވާތީ ބައެއް ފަރާތްތަކުން އިހްތިޖާޖު ކުރަން ފެށުމުންނެވެ.

އިހްތިޖާޖު ކުރުމުގެ ގޮތުން ސޭވް ދަ ބީޗް މޯލްޑިވްސް އިން ވަނީ ޓްވިޓާގައި ވެސް ހާއްސަ ކެމްޕޭނެއް ކުރިއަށް ގެންގޮސްފަ އެވެ.

މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރާ މީހުންނަށް ތިލަފުށިން ބިމެއް ހަމަޖައްސައިދިނުމަށް ޕްލޭނިން މިނިސްޓްރީގައި އެދިފަ އެވެ.

ބިމެއް ލިބެންދެން ވިލިމާލޭގައި ވަގުތީ ހަރުގެއެއް ހަދައިގެން އެތަނުގައި ފައިބަރު މަސައްކަތް ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްވެސް ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.

ތިލަމާލެ ބްރިޖާ އެކު ވިލިމާލޭގެ އިރުމަތީ ފަރާތު ބީޗަށްވެސް ގެއްލުންވާނެ ކަމަށް ބުނެ އެކަމާ ދެކޮޅަށް ވެސް ބައެއް ފަރާތްތަކުން ދަނީ އަޑުއުފުލަމުންނެވެ.