މިނިސްޓްރީ އޮފް އެޑިއުކޭޝަން

މިއަހަރުގެ އޯލެވަލް އިމްތިހާން ނިންމާލައިފި

Jun 10, 2022

މި އަހަރުގެ އައިޖީސީއެސްއީ، އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު މިއަދު ނިންމާލައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން މައުލޫމާތު ދިން ގޮތުގައި މި އަހަރުގެ އޯލެވެލް އަދި އައިޖީސީއެސްއީގައި ޖުމުލަ 236 ސެންޓަރަކުން 5،936 ދަރިވަރުން ބައިވެރިވެފައިވެ އެވެ. އަދި އެސްއެސްސީ އިމްތިހާނުގައި 233 ސެންޓަރަކުން 5،640 ދަރިވަރުން ބައިވެރިވެފައިވެ އެވެ.

ކޮވިޑް 19ގެ އުދަގުލުގައި މިދިޔަ އަހަރު ބޭއްވި އޯލެވަލް އިމްތިހާންގައި ޖުމްލަ 235 ސެންޓަރަކުން 5،955 ދަރިވަރުން ބައިވެރިވި އެވެ.

އޯލެވެލް، އައިޖީސީއެސްއީ އިމްތިހާން ކުރިއަށް ގެންދިޔައީ މިދިޔަ އޭޕްރީލް 13 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ. އޭޕްރީލް 13 އަދި 14 ވަނަ ދުވަހު ކުރިއަށް ގެންދިޔައީ އާޓް އެންޑް ޑިޒައިން މާއްދާ އެވެ. އަދި އެސްއެސްސީ އިމްތިހާނު ކުރިއަށް ގެންދިޔައީ މިމަހުގެ އެކަކުން ހަވަނަ ދުވަހުގެ ނިޔަލަށެވެ.

ދަރިވަރުންގެ ނަތީޖާތައް ރަނގަޅުކުރުމުގެ ގޮތުން ގިނަ ސްކޫލުތަކެއްގައި ގުރޭޑް 10ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ރަސްމީ ކްލާސްތަކުގެ އިތުރުުން ވަކިވަކި މާއްދާތަކުގެ ފަންނީ ބޭފުޅުންނާ އެކު ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދިޔަ އެވެ. އަދި ބައެއް ސްކޫލުުތަކުގައި ސްޓަޑީ ކޭމްޕްތައް ވެސް ބޭއްވި އެވެ.

އިމްތިހާނުތަކުގެ ނަތީޖާ ދޫކުރަން ނިންމާފައިވަނީ މިއަހަރުގެ އޮގަސްޓް 29 ވަނަ ދުވަހުން ފެށިގެންނެވެ.