މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ގައުމީ ފެރީ ނިޒާމުގެ ހދ. އަތޮޅުގެ އަގުތައް ހާމަކޮށްފި

Jun 10, 2022

ހދ. އަތޮޅުގައި ގާއިމުކޮށްފައިވާ ގައުމީ ފެރީ ނިޒާމު ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މެދުވެރިކޮށް ހދ. އަތޮޅުގައި ކުރާ ދަތުރުތަކުގެ އަގުތައް ކަނޑައަޅައި، އެ އަގުތައް ހާމަކޮށްފި އެވެ.

މިދަތުރުތަކުގެ އަގުތައް ސަރުކާރުން ހާމަކޮށްފައި މިވަނީ މިދިޔަ މެއި މަހުގެ ދެވަނަ ދުވަހުން ފެށިގެން ދަތުރުތައް ހިލޭ ކޮށްދިނުމަށްފަހު އެވެ. އެކަމަކު މާދަމާ އިން ފެށިގެން މިދަތުރުތަކަށް އަގު ނެގުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އާރްޓީއެލް އެޕްލިކޭޝަންގައިވާ ޕޯޓަލްގެ ތެރެއިން ދަތުރުތަކަށް ޓިކެޓް ބުކްކޮށް ފައިސާ ދެއްކޭނެ އިންތިޒާމު އެމްޓީސީސީން ވަނީ ހަމަޖައްސާފަ އެވެ.

ސަރުކާރުން މިރޭ އިއުލާންކުރި އަގުތަކަށް ބަލާއިރު ހދ. އަތޮޅުގެ 14 ރަށުގެ ތެރެއިން އެންމެ އަގު ބޮޑީ މުޅިން ވަކިން އޮންނަ މަކުނުދޫ އަށް ކުރާ ދަތުރުތަކެވެ. ހދ. އަތޮޅުގެ ކޮންމެ ރަށަކުން މަކުނުދޫ އަށް ދަތުރުކުރި ނަމަވެސް އެއްކޮޅު ޓިކެޓްގެ އަގަކީ 100 ރުފިޔާ އެވެ. މަކުނުދޫ އަށް ކުރާ ދަތުރުގެ ދެކޮޅު ޓިކެޓުގެ އަގަކީ 200 ރުފިޔާ އެވެ.

ހދ. އަތޮޅުގައި ކުރާ ދަތުރުތަކުގެ ތެރެއިން އެންމެ އަގުހެޔޮކޮށް ދަތުރުކުރެވެނީ ހަނިމާދޫ - ނޮޅިވަރަންފަރު އަދި ނޮޅިވަރަންފަރު - ހަނިމާދޫ ދަތުރާއި، ފިނޭ - ހިރިމަރަދޫ އަދި ހިރިމަރަދޫ - ފިނޭ ދަތުރާއި، ކުރިނބީ - ހިރިމަރަދޫ އަދި ހިރިމަރަދޫ - ކުރިނބީ ދަތުރާއި، ނެއްލައިދޫ - ހިރިމަރަދޫ އަދި ހިރިމަރަދޫ - ނެއްލައިދޫ ދަތުރާއި، ނޮޅިވަރަމް - ހިރިމަރަދޫ އަދި ހިރިމަރަދޫ - ނޮޅިވަރަމް ދަތުރާއި، ކުޅުދުއްފުށި - ކުމުންދޫ އަދި ކުމުންދޫ - ކުޅުދުއްފުށި ދަތުރާއި، ނޮޅިވަރަމް - ކުޅުދުއްފުށި އަދި ކުޅުދުއްފުށި - ނޮޅިވަރަމް ދަތުރާއި، ނޭކުރެންދޫ - ކުޅުދުއްފުށި އަދި ކުޅުދުއްފުށި - ނޭކުރެންދޫ ދަތުރާއި، ނެއްލައިދޫ - ކުރިނބީ އަދި ކުރިނބީ - ނެއްލައިދޫ ދަތުރާއި، ނެއްލައިދޫ - ނާވައިދޫ އަދި ނާވައިދޫ - ނެއްލައިދޫ ދަތުރާއި، ވައިކަރަދޫ - ނޭކުރެއްދޫ އަދި ނޭކުރެންދޫ - ވައިކަރަދޫ ދަތުރާއި، ކުމުންދޫ - ނޭކުރެންދޫ އަދި ނޭކުރެންދޫ - ކުމުންދޫ ދަތުރާއި، ނޮޅިވަރަމް - ނޮޅިވަރަންފަރު އަދި ނޮޅިވަރަންފަރު - ނޮޅިވަރަމް ދަތުރެވެ. މިދަތުރުތަކުގެ އެއްކޮޅު ޓިކެޓްގެ އަގަކީ 35 ރުފިޔާ އެވެ. ދަތުރުގެ ދެކޮޅު ޓިކެޓެއްގެ އަގަކީ 65 ރުފިޔާ އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ގައުމީ ފެރީ ނިޒާމު މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއުގެ ދަށުން ފުރަތަމަ ދަތުރުތައް ފެށީ ހދ. އަތޮޅުގެ 14 ރަށް ފަސް ރޫޓަކުން ގުޅާލައިގެންނެވެ.

އިންޓެގްރޭޓެޑް ފެރީ ނިޒާމުގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ގެންގުޅޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފްލީޓްގައި ހިމެނޭ ދުވެލި ބާރު ފެރީ ތަކަކީ 50 މީހުންގެ ޖާގަ ހިމެނޭ އަދި ޕަސެންޖަރުންނަށް ފަސޭހަކަމާ އެކު ތިބެވޭ އުޅަނދުތަކެކެވެ. ފެރީތަކުގައި މޯބައިލް ފޯން ޗާޖު ކުރެވޭނެ ގޮތާއި ފާހާނާ އާއި ލަގެޖަށް ހާއްސަ ކުރެވިފައިވާ ޖާގަ ވެސް ހުރެ އެވެ.