މިނިސްޓްރީ އޮފް އެޑިއުކޭޝަން

ތިން ސްކޫލަކަށް ޖާގަ އިތުރުކުރަން ބަޔަކާ ހަވާލުކޮށްފި

Jun 10, 2022

ތިން ސްކޫލަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވަނީ ހދ. ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލާއި، ނ. މާފަރު ސްކޫލުގެ އިތުރުން ރ. އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ.

އަފީފުއްދީން ސްކޫލުގެ ތިން ފަންގިފިލާގެ އިމާރާތުގެ މަސައްކަތް ހަވާލުކުރީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށެވެ. އެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހޭއިރު މަސައްކަތުގެ އަގަކީ7.7 މިލިއަން ރުފިޔާ އެވެ.

މާފަރު ސްކޫލުގެ ހަތަރު ކުލާސްރޫމް އަދި މަލްޓިޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ މިމަސައްކަތުގެ އަގަކީ 20.5 މިލިއަން ރުފިޔާ އެވެ.

ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ފަންގިފިލާގެ އިމާރާތުގެ މަސައްކަތް ވެސް ނިންމަން ހަވާލުކޮށްފައިވަނީ އެއް އަހަރުގެ ތެރޭގަ އެވެ. ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ހަވާލުކޮށްފައިވާ މަސައްކަތުގެ އަގަކީ 8.3 މިލިއަން ރުފިޔާ އެވެ.