ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހާއި ގާސިމްގެ މަޝްވަރާއެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ މިރޭ ބައްދަލު ކުރައްވާ މަޝްވަރާތަކެއް ކުރިއަށް ގެންދަވައިފި އެވެ. މި މަޝްވަރާތައް އޮތީ ގާސިމް އިބްރާހިމްގެ ރިސޯޓް ރަށެއް ކަމަށްވާ ސަންއައިލެންޑް ރިސޯޓް އެންޑް ސްޕާގައެވެ.

ނުރަސްމީ އަދި ކުއްލި ދަތުރުފުޅެއްގައި ރައީސް ސޯލިހް މިއަދު ވަނީ އދ. މާމިގިއްޔަށް ވަޑައިގެންފައެވެ. މި ދަތުރުގެ މައުލޫމާތު ކުރީން އާންމު ނުކުރި ނަމަވެސް މާމިގިއްޔަށް ރައީސް ވަޑައިގަތުމުން، ގާސިމްގެ އަމިއްލަފުޅު ހަރަދުގައި އެ ރަށުގައި ތަރައްގީކޮށް އެމަނިކުފާނުގެ ވިލާ އެއާއިން އޮޕަރޭޓް ކުރަމުންދާ މާމިގިލި އިންޓަނޭޝަނަލް އެއާޕޯޓުން ރައީސަށް ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފައެވެ.

މަރުހަބާ ދެންނެވުމަށް ވަޑައިގެން އިސްކޮށް ހުންނެވީވެސް ގާސިމް އިބްރާހިމެވެ. މާމިގިލީގެ ވަރަށް ގިނަ ބަޔަކުވެސް ރައީސަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެންފައިވެއެވެ. ރައީސަށް މަރުހަބާ ދެންނެވުމަށް ގާސިމްގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ތިއްބެވިއެވެ. އޭގެ ތެރޭގައި ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދާއި ޖޭޕީގެ ރަޖިސްޓްރާ އަދި ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް އާއި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު އާއި ކުރީގެ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް އާއި ކުރީގެ ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ހިމެނިވަޑައިގަންނަވައެވެ.

ރަައީސްގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިހާބު އާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަަޝީދު ހުސައިން އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް އަދި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލު ވަޑައިގެންފައިވެއެވެ.

ޖުމްހޫރީ ޕާޓީން ވަނީ ރައީސް ސޯލިހާ ގާސިމް އިބްރާހިމް މިރޭ ސަން އައިލެންޑްގައި ކުރިއަށް ގެންދެވި ބައްދަލްވުމުގެ ފޮޓޯތައް އާންމު ކުރައްވާފައެވެ. ނަމަވެސް ބައްދަލްވުމުގެ އެއްވެސް ތަފްސީލެއް ނުދެއްވައެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ރައީސްގެ އަރިހުގައި ވަޑައިގެން ވަފުދުގެ ބޭފުޅުންނާއެކު ގާސިމް އިބްރާހިމް ބައްދަލުކުރައްވާ މަޝްވަރާ ކުރައްވަނިކޮށް ފެނެއެވެ. ސަރުކާރުންވެސް އަދި އެމްޑީޕީންވެސް ރައީސްގެ މި ދަތުރުފުޅާ ގުޅޭ ތަފްސީލެއް ނުދެއެވެ.

ރައީސް ސޯލިހް ކުއްލި ގޮތަކަށް މާމިގިއްޔަަށް ވަޑައިގެންފައި މިވަނީ ކޯލިޝަނަކާއެކު ނުކުމެ ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެ ރިޔާސީ ދެވަނަ ދައުރަކަށް ތައްޔާރަށް ހުންނެވިކަން އެމަނިކުފާނު އިއުލާނު ކުރައްވާފައި ވަނިކޮށެވެ.

ބުދަ ދުވަހުގެ ހަވީރު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ އެމަނިކުފާނު ވިދާޅުވި ގޮތުގައި އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށެވެ. އެއީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށްޓަކައި ވަރަަށް ގިނަ މަޝްރޫއުތައް ފައްޓަވާފައިވާ ކަމަށާ ކުރިއަށް އޮތް އަހަރުތަކުގައި އެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާން ޖެހޭ ކަމަށެވެ.

އޭގެ ފަހަށް އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެންމެ ރަނގަޅު ގޮތަކީ ޕްރައިމަރީއެއް ބޭއްވުން ކަމަށާ އެމްޑީޕީން އަމަލު ކުރާނީ އަސާސީ ގަވާއިދުގައި އޮތް ގޮތަށް ކަމަށެވެ. އަދި ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާނީ އެމްޑީޕީގެ ކޮންގްރެސް އިން ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާ ގުޅޭގޮތުން ރައީސް ވިދާޅުވީ 2023 ގެ އިންތިހާބުވެސް އެއް ޕާޓީއަކަށް އެކަނި ނިކުމެ ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި އެމަނިކުފާނަށް އޮތް ޔަގީން ކަމަކީ ކޯލިޝަނަކާއެކު ނިކުންނަވާ 2023 ކާމިޔާބު ކުރެއްވުން ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކަން އެބައޮތް ކޯލިޝަނަކާއެކު އެމްޑީޕީ އިސްވެ އޮވެ ބަޔަކާއެކީގައި ނިކުމެ 2023 އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ. އެމްޑީޕީއަށް އެކަންޏެއް ނުވާނެ. އެހެންވީމަ ޕާޓީގެ ކޮންގްރެސް އިން ނިންމާނީ ކެންޑިޑޭޓަކު. އަޅުގަނޑު ދޭނެ ޔަގީން ކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ރިޔާސީ އިންތިހާބު 2023. އެމްޑީޕީއަށް ވެރިކަން ކުރަން ބޭނުން ކަމަށް ވަންޏާ އަޅުގަނޑު މިހުރީ ޗޮއިސްއެއް،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސްގެ މި އިއުލާނު ކުރެއްވުމާއެކު ޖުމްހޫރީ ޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ ކަމަށް ބުނެފައެވެ. ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހް މިއަދު ވިދާޅުވީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމެވި ނަމަވެސް އެމަނިކުފާނުގެ ފަރާތްޕުޅުން އެފަދަ ހުށަހެޅުމެއް ޖުމްހޫރީ ޕާޓީއަށް އަދި ލިބިފައި ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަށް ރައީސްގެ ފަރާތްޕުޅުން ހުށަހެޅުމެއް ރަސްމީކޮށް ލިބުމުން އަޅުގަނޑުމެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު އެ ނިންމާ ގޮތެއް ނިންމާނަން." އަލީ ސޯލިހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖުމްހޫރީ ޕާޓީން މާކުރިންވެސް ނިންމާފައިވާ ކަމަށެވެ. އެ ނިންމުމަށް އަދި އެއްވެސް ބަދަލެއް ގެނައުމަށް ޕާޓީގެ ކައުންސިލުން އަދި ނިންމާފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅަށް އެމްޑީޕީގެ ރައީސް އަދި އެމަނިކުފާނުގެ ސިޔާސީ އެކުވެރިޔާ ރައީސް ނަޝީދުވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރަައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި މިއަދުގެ މި ހާލަތަކީ އަމިއްލަ އުންމީދު އިސްކޮށް ވެރިކަމަށް ފައިނަގަންވީ ވަގުތެއް ނޫން ކަމަށެވެ. މިއީ ބޭރު ފައިސާގެ ރިޒާވް ރަނގަޅުކޮށް ރައްޔިތުންގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ގޮތަކާމެދު ވިސްނަވާ މަގަށް އަޅުވަންވީ ވަގުތު ކަމަށެވެ.

އެމަނިކުފާނުގެ ވިސްނުން ހާމަ ކުރެއްވީ ވަރަށް ގިނަ ބޭފުޅުން ޓެކްސްޓް ކުރައްވާ އެދިވަޑައިގަންނަވާތީ ކަމަށްވެސް ވިދާޅުވިއެވެ.