ގައުމީ ފެރީ ނިޒާމު ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މެދުވެރިކޮށް ހދ. އަތޮޅުގައި ފަށާފައިވާ ދަތުރުތަކުގެ އަގުތަކާ މެދު ހދ. އަތޮޅު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިދަތުރުތަކުގެ އަގުތައް ސަރުކާރުން ހާމަކޮށްފައި މިވަނީ މިދިޔަ މެއި މަހުގެ ދެވަނަ ދުވަހުން ފެށިގެން ދަތުރުތައް ހިލޭ ކޮށްދިނުމަށްފަހު އެވެ. އެކަމަކު މިއަދުން ފެށިގެން މިދަތުރުތަކަށް އަގު ނެގުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މުޅި ރާއްޖެއަށް ފުޅާކުރުމަށް ނިންމާފައިވާ ގައުމީ ފެރީގެ ނިޒާމު އަދި މިހާތަނަށް ފަށާފައިވަނީ ހދ. އަތޮޅުގަ އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ހދ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖު ވިދާޅުވީ ގައުމީ ފެރީ ނިޒާމުގެ އަގުތަކާ އަދި ދަތުރުތައް ރާވާފައިވާ ގޮތުގެ ސަބަބުން ކަންބޮޑުވުންތަކެއް އަތޮޅުގެ ރައްޔިތުންގެ މެދުގައި އެބަހުރި ކަމަށެވެ. އެއީ އަވަސް ހައްލުތަކެއް ބޭނުންވާ ކަންބޮޑުވުންތަކެއް ކަމަށާއި އެހެން ނޫނީ ދުވެލި ބާރު އުޅަނދުތަކެއް ބޭނުންކޮށްގެން ކުރިއަށް ގެންދާ ގައުމީ ފެރީ ނިޒާމު ކާމިޔާބު ނުވެ ގެއްލުމާ ކުރިމަތިލާންޖެހިދާނެ ކަމަށް ވިދާޅުވި އެވެ.
އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ސިރާޖު ފާހަގަކުރީ އަތޮޅުގެ އެންމެ ބޮޑު ރަށް ކަމަށްވާ ކުޅުދުއްފުށިން ފެރީ ދަތުރުތައް ފަށާ ގޮތަށް އެއްވެސް ދުވަހަކު އެއްވެސް ދަތުރެއް ރާވާފައި ނުވާ މައްސަލަ އެވެ.
"މިހާރު ރާވަފައިވާ މިވާ ގޮތަކީ އަތޮޅުގެ ކޮންމެ ރަށަކުން ވެސް ހެނދުނު ފުރައިގެން ކުޅުދުއްފުށްޓަށް އައިސްފައި އެކުރާ ކަމެއް ކޮށްގެން އަނބުރާ މެންދުރުފަހު އެ ރަށަކަށް ދެވޭ ގޮތަށް. އެކަމަކު ކުޅުދުއްފުށި ރައްޔިތުންނަށް ނޯވޭ ހެނދުނު ކުޅުދުއްފުށިން ފުރައިގެން އަތޮޅުގެ ރަށްތަކަށް ދަތުރުކޮށްފައި ހަމަ އެދުވަހު ކުޅުދުއްފުށްޓަށް އަނބުރާ ދެވޭނެ ގޮތެއް. ހަގީގަތުގައި ކުޅުދުއްފުށްޓަކީ އަތޮޅުގައި އިގްތިސޯދީ އަދި ސިއްހީ ގޮތުން އެންމެ މުހިއްމު ރަށް. އެހެންވީމާ ކުޅުދުއްފުށި މީހުން އަތޮޅުގެ ރަށްތަކަށް ދަތުރު ގޮސްލާ މަޖާކޮށްލުމަށްފަހު އެ ދުވަހު އެނބުރި ކުޅުދުއްފުށްޓަށް އާދެވެން އެބަޖެހޭ. އޭރުން އަތޮޅުގެ އެހެން ރަށްތަކަށް ކުރާ އިގްތިސޯދީ ފައިދާ މާބޮޑުވާނެ. މިހާރު މިއިންނަ ގޮތުން ކުޅުދުއްފުށި މީހުން ޖެހޭނީ އަތޮޅުގެ ކޮންމެވެސް ރަށެއްގައި އެއް ރޭ މަޑުކުރަން،" ސިރާޖު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަތުރުތަކުގެ އަގުތައް ކަނޑައަޅާފައި ހުރި ގޮތުން ވަރަށް ކައިރި ކައިރީގައި ހުރި ރަށްތަކަށް ވެސް އަގު ކަނޑައަޅާފައިވަނީ ތަންކޮޅެއް ދުރުގައި އޮންނަ ދެ ރަށެއްގެ ދެމެދުގައި ކުރާ ދަތުރުތަކަށް ނަގާ އަގުތަކުގައި ކަމަށެވެ. އެގޮތަށް އަގުތައް ހުރުމުން ބައެއް ރަށްރަށުގެ ރައްޔިތުންނަށް އެކަމުން ފައިދާ ވިޔަސް އަތޮޅުގެ ގިނަ ރައްޔިތުންނަށް އެކަމުން މާބޮޑު ފައިދާއެއް ނުލިބޭނެ ކަމުގައި ވިދާޅުވި އެވެ.
"މިސާލަކަށް ހިރިމަރަދޫ އާއި ނޮޅިވަރަމްއާ ދޭތެރޭ ދަތުރުކުރަން ކޮޅަކަށް މި ނަގަނީ 35 ރުފިޔާ. ހަމަ އެ އަގު މި ނަގަނީ ނާވައިދޫ އާއި ނެއްލައިދޫއާ ދެމެދު ދަތުރުކުރަންވެސް. އެކަމަކު ހިރިމަރަދޫ އާއި ނޮޅިވަރަމްއާ ދެމެދު ކުރާ ދަތުރުގައި ހޭދަކުރާ ވަގުތަށް ވުރެ ނާވައިދޫއާއި ނެއްލައިދޫއާ ދެމެދު ކުރާ ދަތުރުގެ ވަގުތު މަދުވާނެ. އެހެންވީމާ އަގުގައި އެ ތަފާތު ހުންނަންޖެހޭނެ ކަމަށް ރައްޔިތުން ދެކޭ،" އަގުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ސިރާޖު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމީ ފެރީ ނިޒާމުގެ އަގުތައް ރަސްމީކޮށް ހާމަކުރިއިރު އެކަމުގައި ހދ. އަތޮޅު ކައުންސިލާ އެކު ރަސްމީ މަޝްވަރާތަކެއް ކޮށްފައި ނުވާ ކަމަށެވެ. އަގު ކަނޑައެޅުމުގެ ކުރިން އެފަދަ މަޝްވަރާ އަކަށް ފުރުސަތު ދިން ނަމަ އަގުތަކާއި ދަތުރުތައް ރޭވިފައި ހުރި ގޮތުގައި އުޅޭ ކަންބޮޑުވުންތަކަށް ހައްލު ލިބުނީސް ކަމުގައިވެސް ވިދާޅުވި އެވެ.
"އަގުތައް އިއުލާން ކުރުމުގެ ކުރިން އެމްޓީސީސީން އެއް ދުވަހު އަގުތަކާ ގުޅޭގޮތުން އަޅުގަނޑުމެން ކައުންސިލާ މަޝްވަރާ ކުރަން ހުށަހެޅި. އެކަމަކު އެ ދުވަހަކީ ކައުންސިލްގެ އެހެން މުހިއްމު ކަމެއް އިންތިޒާމު ކުރެވި ވަގުތު އެކަމަށް ދީފައިވާ ދުވަހަކަށް ވާތީ އެހެން ދުވަހަކަށް ބައްދަލުވުން ފަސްކޮށްދޭން އެމްޓީސީސީގައި އެދުނިން. އެކަމަކު އެބޭފުޅުން އެ ބައްދަލުވުން ފަސްނުކޮށް އަގުތަކެއް ކަނޑައެޅުމަށްފަހު ވައިބަ ގުރޫޕެއްގެ ތެރޭގައި އެ މައުލޫމާތު ހިއްސާކުރީ." ސިރާޖު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ގައުމީ ފެރީ ނިޒާމުގެ އަގުތަކާ އަދި ދަތުރުތައް ރާވާފައިވާ ގޮތުގެ ސަބަބުން ކަންބޮޑުވުންތަކެއް ހުރި ނަމަވެސް ހިދުމަތް ދިނުމަށް ބޭނުންކުރާ ފެރީ ތަކަކީ ދުވެލި ބާރު އަދި އެންމެ ގަދަ ދުވަސްތަކުގައި ވެސް ދަތުރުކުރަން ވަރަށް ފަސޭހަ ވަރަށް އަރާމު ފެރީތަކެއް ކަމަށެވެ. އަދި އަގުތަކާއި ދަތުރުތައް ރާވާފައިވާ ގޮތުގެ ސަބަބުން ރައްޔިތުން ފާހަގަކުރާ ކަންބޮޑުވުންތަކަށް އަވަސް ހައްލުތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އާރްޓީއެލް އެޕްލިކޭޝަންގައިވާ ޕޯޓަލްގެ ތެރެއިން ގައުމީ ފެރީ ނިޒާމުގެ ދަތުރުތަކަށް ޓިކެޓް ބުކްކޮށް ފައިސާ ދެއްކޭނެ އިންތިޒާމު އެމްޓީސީސީން ވަނީ ހަމަޖައްސާފަ އެވެ.
ސަރުކާރުން ރޭ އިއުލާންކުރި އަގުތަކަށް ބަލާއިރު ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އެންމެ އަގު ބޮޑީ މުޅިން ވަކިން އޮންނަ މަކުނުދޫ އަށް ކުރާ ދަތުރުތަކެވެ. ހދ. އަތޮޅުގެ ކޮންމެ ރަށަކުން މަކުނުދޫ އަށް ދަތުރުކުރި ނަމަވެސް އެއްކޮޅު ޓިކެޓްގެ އަގަކީ 100 ރުފިޔާ އެވެ. މަކުނުދޫ އަށް ކުރާ ދަތުރުގެ ދެކޮޅު ޓިކެޓުގެ އަގަކީ 200 ރުފިޔާ އެވެ.
ހދ. އަތޮޅުގައި ކުރާ ދަތުރުތަކުގެ ތެރެއިން އެންމެ އަގުހެޔޮކޮށް ދަތުރުކުރެވެނީ ހަނިމާދޫ - ނޮޅިވަރަންފަރު އަދި ނޮޅިވަރަންފަރު - ހަނިމާދޫ ދަތުރާއި، ފިނޭ - ހިރިމަރަދޫ އަދި ހިރިމަރަދޫ - ފިނޭ ދަތުރާއި، ކުރިނބީ - ހިރިމަރަދޫ އަދި ހިރިމަރަދޫ - ކުރިނބީ ދަތުރާއި، ނެއްލައިދޫ - ހިރިމަރަދޫ އަދި ހިރިމަރަދޫ - ނެއްލައިދޫ ދަތުރާއި، ނޮޅިވަރަމް - ހިރިމަރަދޫ އަދި ހިރިމަރަދޫ - ނޮޅިވަރަމް ދަތުރާއި، ކުޅުދުއްފުށި - ކުމުންދޫ އަދި ކުމުންދޫ - ކުޅުދުއްފުށި ދަތުރާއި، ނޮޅިވަރަމް - ކުޅުދުއްފުށި އަދި ކުޅުދުއްފުށި - ނޮޅިވަރަމް ދަތުރާއި، ނޭކުރެންދޫ - ކުޅުދުއްފުށި އަދި ކުޅުދުއްފުށި - ނޭކުރެންދޫ ދަތުރާއި، ނެއްލައިދޫ - ކުރިނބީ އަދި ކުރިނބީ - ނެއްލައިދޫ ދަތުރާއި، ނެއްލައިދޫ - ނާވައިދޫ އަދި ނާވައިދޫ - ނެއްލައިދޫ ދަތުރާއި، ވައިކަރަދޫ - ނޭކުރެއްދޫ އަދި ނޭކުރެންދޫ - ވައިކަރަދޫ ދަތުރާއި، ކުމުންދޫ - ނޭކުރެންދޫ އަދި ނޭކުރެންދޫ - ކުމުންދޫ ދަތުރާއި، ނޮޅިވަރަމް - ނޮޅިވަރަންފަރު އަދި ނޮޅިވަރަންފަރު - ނޮޅިވަރަމް ދަތުރެވެ. މިދަތުރުތަކުގެ އެއްކޮޅު ޓިކެޓްގެ އަގަކީ 35 ރުފިޔާ އެވެ. ދަތުރުގެ ދެކޮޅު ޓިކެޓެއްގެ އަގަކީ 65 ރުފިޔާ އެވެ. ހދ. އަތޮޅުގެ އެހެން ބައެއް ރަށްތަކުގެ މެދުގައި ކުރާ ދަތުރުތަކުގެ އަގު އުޅެނީ 65 ރުފިޔާ އަދި 70 ރުފިޔާގަ އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ގައުމީ ފެރީ ނިޒާމު މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއުގެ ދަށުން ފުރަތަމަ ދަތުރުތައް ފެށީ ހދ. އަތޮޅުގެ 13 ރަށް ފަސް ރޫޓަކުން ގުޅާލައިގެންނެވެ.
އިންޓެގްރޭޓެޑް ފެރީ ނިޒާމުގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ގެންގުޅޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފްލީޓްގައި ހިމެނޭ ދުވެލި ބާރު ފެރީ ތަކަކީ 50 މީހުންގެ ޖާގަ ހިމެނޭ އަދި ޕަސެންޖަރުންނަށް ފަސޭހަކަމާ އެކު ތިބެވޭ އުޅަނދުތަކެކެވެ. ފެރީތަކުގައި މޯބައިލް ފޯން ޗާޖު ކުރެވޭނެ ގޮތާއި ފާހާނާ އާއި ލަގެޖަށް ހާއްސަ ކުރެވިފައިވާ ޖާގަ ވެސް ހުރެ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފެރީތަކުގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވެ އެވެ.
ހދ. އަތޮޅުގައި އެމްޓީސީސީން ގެންދަނީ ދުވެލި އެހާ ބާރު ނޫން ލަކުޑި ފެރީއެއްގެ ހިދުމަތް ވެސް ދެމުންނެވެ. އެ ފެރީގައި ހދ. އަތޮޅުގެ ކޮންމެ ރަށަކަށް ވެސް 20 ރުފިޔާ އިން ދަތުރުކުރެވެ އެވެ. އެކަމަކު އެއީ ވަރަށް ގިނަ ވަގުތު އެ ދަތުރު މަތީގައި ހޭދަކުރަންޖެހޭ ފެރީ އެކެވެ.