ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަން ކުރާ ކޯލިޝަނާ މަޝްވަރާ ކުރެއްވުމެއްނެތި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރެއްވުމުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައިފި އެވެ.
ރައީސް ނަޝީދު ނުރުހުން ފާޅުކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ގުރޫޕަށް ފޮނުއްވި މެސެޖެއްގަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހް ރިޔާސީ ދެވަނަ ދައުރަކަށް ކެންޑިޑެސީ އިއުލާން ކުރެއްވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއާ މަޝްވަރާ ނުކޮށް، އެ ޕާޓީތަކުން ރައީސް ސޯލިހާ އެކު ކުރިއަށް ދާނެ ކަމަށް ނިންމަވައިގެން ކަމަށެވެ. ރައީސް ސޯލިހް ކުއްލިއަކަށް ގާސިމާ ބައްދަލުކުރެއްވުމުން އެކަމަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ ޕާޓީތަކާ ރައީސް ސޯލިހް މަޝްވަރާ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި ނަަމަވެސް އެގޮތަށް އަމަލުކުރައްވާފައި ނުވާ ކަމަށެވެ.
"މި ފެނުނީ ޖޭޕީއާވެސް އަދާލަތު ޕާޓީއާވެސް އެމްޑީޕީން މަޝްވަރާކޮށްފައި ނުވާކަން. ރައީސްގެ ކެންޑިޑެސީ އިއުލާން ކުރެއްވުމާ އެކު ފުރާވަޑައިގަތީ މާމިގިއްޔަށް،" ނަޝީދު ވިދާޅުވި އެވެ.
ނުރަސްމީ އަދި ކުއްލި ދަތުރުފުޅެއްގައި ރައީސް ސޯލިހް އިއްޔެ ވަނީ އދ. މާމިގިއްޔަށް ވަޑައިގެންފައެވެ. މި ދަތުރުގެ މައުލޫމާތު ކުރީން އާންމު ނުކުރި ނަމަވެސް މާމިގިއްޔަށް ރައީސް ވަޑައިގަތުމުން، ގާސިމްގެ އަމިއްލަފުޅު ހަރަދުގައި އެ ރަށުގައި ތަރައްގީކޮށް އެމަނިކުފާނުގެ ވިލާ އެއާއިން އޮޕަރޭޓް ކުރަމުންދާ މާމިގިލި އިންޓަނޭޝަނަލް އެއާޕޯޓުން ރައީސަށް ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފައެވެ.
މަރުހަބާ ދެންނެވުމަށް ވަޑައިގެން އިސްކޮށް ހުންނެވީވެސް ގާސިމް އިބްރާހިމެވެ. މާމިގިލީގެ ވަރަށް ގިނަ ބަޔަކުވެސް ރައީސަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެންފައިވެއެވެ. ރައީސަށް މަރުހަބާ ދެންނެވުމަށް ގާސިމްގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ތިއްބެވިއެވެ. އޭގެ ތެރޭގައި ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދާއި ޖޭޕީގެ ރަޖިސްޓްރާ އަދި ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް އާއި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު އާއި ކުރީގެ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް އާއި ކުރީގެ ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ހިމެނިވަޑައިގަންނަވައެވެ.
ރަައީސްގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިހާބު އާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަަޝީދު ހުސައިން އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް އަދި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލު ވަޑައިގެންފައިވެއެވެ.
ޖުމްހޫރީ ޕާޓީން ވަނީ ރައީސް ސޯލިހާ ގާސިމް އިބްރާހިމް ރޭ ސަން އައިލެންޑްގައި ކުރިއަށް ގެންދެވި ބައްދަލްވުމުގެ ފޮޓޯތައް އާންމު ކުރައްވާފައެވެ. ނަމަވެސް ބައްދަލްވުމުގެ އެއްވެސް ތަފްސީލެއް ނުދެއްވައެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި ރައީސްގެ އަރިހުގައި ވަޑައިގެން ވަފުދުގެ ބޭފުޅުންނާއެކު ގާސިމް އިބްރާހިމް ބައްދަލުކުރައްވާ މަޝްވަރާ ކުރައްވަނިކޮށް ފެނެއެވެ. ސަރުކާރުންވެސް އަދި އެމްޑީޕީންވެސް ރައީސްގެ މި ދަތުރުފުޅާ ގުޅޭ ތަފްސީލެއް ނުދެއެވެ.