އޭދަފުށި

އޭދަފުށީ ހޮސްޕިޓަލްގެ ހޭނައްތާ ޑޮކްޓަރު "ފިލައިގެން" ގައުމަށް!

ބ. އޭދަފުށީ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން އައި ހޭނައްތާ ޑޮކްޓަރު އެނގުމަކާއި ނުލާ ރަށުން ފުރައިގެން ގައުމަށް ގޮސްފި އެވެ.

އޭދަފުށި ހޮސްޕިޓަލުގައި ހުންނަ ހަމައެކަނި ހޭނައްތާ ޑޮކްޓަރަކީ ބަންގްލަދޭޝްގެ ޑޮކްޓަރެކެވެ. އެންގުމަކާ ނުލައި އެ ޑޮކްޓަރު ފުރައިގެން ދިޔައީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި އޭގެ ސަބަބުން އެހޮސްޕިޓަލުގެ ބައެއް އޮޕަރޭޝަންތަކަށް ބުރޫއަރައި ހުއްޓުމަކަށް އައެެވެ.

އޭދަފުށީ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ވަހީދު މިއަދު ވިދާޅުވީ ހޭނައްތާ ޑޮކްޓަރު އޭނާގެ މާލެ ދިޔައީ އޭނާގެ އަންހެނުން ގައުމަށް ފުރުވާލަން ކަމަށް ބުނެ ކަމަށާއި ނަމަވެސް ދިޔަ ގޮތަށް ހަބަރެއް ނުވި ކަމަށެވެ. އޭގެ ސަބަބުން ހޮސްޕިޓަލުގައި ކުރަންޖެހިފައި ހުރި ބައެއް އޮޕަރޭޝަންތައް ހުއްޓުމަކަށް އައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭނާ ދިޔައީ އަނބިމީހާ ފުރުވާލަންށޭ ބުނެ އަނެއްދުވަހު އަންނަ ގޮތަށް. ނަމަވެސް ދިޔަ ގޮތަށް ހަބަރެއް ނުވޭ. އަޅުގަނޑުމެން މަސައްކަތް ކުރިން އޭނައަށް ގުޅޭތޯ. ނަމަވެސް އޭނައާއެކީ އުޅޭ ބައެއް މީހުންގެ ފަރާތުން އެނގިފައިވާ ގޮތުގައި އޭނާ ވެސް ވަނީ ފުރައިގެން ބަންގްލަދޭޝް އަށް ގޮސްފައި،" ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ ގޮތުގައި އެކަމުގެ ސަބަބުން އޮޕަރޭޝަންތައް ހުއްޓިފައިވާތީ ހއ. އަތޮޅުން ވަގުތީ ގޮތުން ޑޮކްޓަރެއް ގެނެސްފައިވާ ކަމަށާއި ހޮސްޕިޓަލުގައި ހުއްޓިފައި ހުރި މަސައްކަތް މިހާރު ހިނގައިގެންފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ޑޮކްޓަރުގެ ބަދަލުގައި އެހެން ޑޮކްޓަރެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.