ގައުމީ ފެރީ ނިޒާމު ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މާދަމާ ރަސްމީކޮށް ފެށުމަށް ނިންމައިފި އެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް މާދަމާ ރަސްމީކޮށް މި ފަށަނީ މިދިޔަ މެއި މަހުގެ ދެވަނަ ދުވަހުން ފެށިގެން ހދ އަތޮޅުގައި ޓެސްޓް ފެރީ ދަތުރުތަކެއް ބޭއްވުމަށް ފަހު އެވެ. އާރްޓީއެލް ހިދުމަތް ފެށުން ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީ އިން ވަނީ ގައުމީ ފެރީގެ ނިޒާމު މާދަމާ ރަސްމީކޮށް ފެށޭނެކަން އިއުލާނު ކޮށްފައެވެ.
މާދަމާއިން ފެށިގެން ފެރީގެ ހިދުމަތް ދޭނީ އުތުރުގެ 41 ރަށެއްގައެވެ. އެއީ އެންމެ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ އަތޮޅާއި ހދ އަތޮޅު އަދި ށ އަތޮޅުގެ ރަށްތަކުގައެވެ.
އާރްޓީއެލް އެޕްލިކޭޝަންގައިވާ ޕޯޓަލްގެ ތެރެއިން ގައުމީ ފެރީ ނިޒާމުގެ ދަތުރުތަކަށް ޓިކެޓް ބުކްކޮށް ފައިސާ ދެއްކޭނެ އިންތިޒާމު އެމްޓީސީސީން ވަނީ ހަމަޖައްސާފަ އެވެ.
އިންޓެގްރޭޓެޑް ފެރީ ނިޒާމުގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ގެންގުޅޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފްލީޓްގައި ހިމެނޭ ދުވެލި ބާރު ފެރީ ތަކަކީ 50 މީހުންގެ ޖާގަ ހިމެނޭ އަދި ޕަސެންޖަރުންނަށް ފަސޭހަކަމާ އެކު ތިބެވޭ އުޅަނދުތަކެކެވެ. ފެރީތަކުގައި މޯބައިލް ފޯން ޗާޖު ކުރެވޭނެ ގޮތާއި ފާހާނާ އާއި ލަގެޖަށް ހާއްސަ ކުރެވިފައިވާ ޖާގަ ވެސް ހުރެ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފެރީތަކުގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވެ އެވެ.
ގައުމީ ފެރީ ނިޒާމު ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މެދުވެރިކޮށް ފަށާ ދަތުރުތަކުގެ އަގުތަކާ މެދު ބައެއް ކައުންސިލްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ހދ އަތޮޅު ކައުންސިލުން ވަނީ ބައެއް ރަށްރަށަށް ދަތުރު ކުރުން ވަރަށް އަގު ބޮޑު ކަމަށް ބުނެފައެވެ.