ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޕީޖީ އޮފީސް މުވައްޒަފުންގެ ފިޓްނަސް ޓެސްޓެއް

ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް މުވައްޒަފުން ދުޅަހެޔޮ ބަޔަކަށް ހެދުމަށް އެ އޮފީހުގެ ޕާފޯމެންސް އިވެލުއޭޝަންގައި ފިޓްނެސް ޓެސްޓެއް ހިމަނައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ މިއަހަރުން ފެށިގެން އެ އޮފީސް މުވައްޒަފުންގެ ފިޓްނެސް ޓެސްޓެއް ހަދާނެ ކަމަށެވެ. އެ އޮފީހުގައި ކުރާ މަސައްކަތްތަކުގައި ސިކުނޑި ބޭނުންކޮށްގެން ކުރާ މަސައްކަތްތަކަށްވާތީ، ސިކުނޑި ރަނގަޅަށް މަސައްކަތް ކުރުމަށްޓަކައި ދުޅަހެޔޮ މީހަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.

އެހެންކަމުން މި ޓެސްޓުގައި ހިތުގެ ދުޅަހެޔޮކަމާއި، ގައިގާ ބާރު ހުރިވަރާއި ފްލެކްސިބިލިޓީ އަދި ބީއެމްއައި އަށް ބަލާނެ ކަމަށް ޝަމީމް ވިދާޅުވެފައިވެ އެވެ. އެމުވައްޒަފަކު ފެތޭ މިންގަނޑު ބަލާނީ ޢުމުރާއި، ދާއިމީ ބައްޔަކަށް ބޭސްކުރާނަމަ އެކަންކަމަށް ވެސް ބަލައިގެން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ފުލުހުންނާއި އެމްއެންޑީއެފްގައި ފިޓްނެސް ޓެސްޓްތައް ހަދަ އެވެ. އެ އިދާރާތަކުން ކުރަނީ ޖިސްމާނީ ދުޅަހެޔޮކަމަށް ބޭނުންވާ ކަންކަން ކަން ފާހަގަކުރައްވަމުން ޕީޖީ ވިދާޅުވެފައި ވަނީ، މުޅި ސިވިލް ސާވިސްގައި ވެސް ފިޓްނަސް ޓެސްޓު ތައާރަފްކުރަން ޖެހޭ ކަމަށެވެ.

ޕީޖީ އޮފީހުގައި އަހަރަކު އެއްފަހަރު ޕާފޯމަންސް އިވެލުއޭޝަން ޓެސްޓް ހަދަ އެވެ.