ހުޅުމާލެ

އިމާރާތުގެ މަތިން ވެއްޓުނު މީހާގެ ހާލު ރަނގަޅު: އާއިލާ

Jun 12, 2022

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އިމާރާތަކުން ވެއްޓުނު އަންހެން މީހާގެ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

މީހުން ދިރިއުޅޭ އިމާރާތެއްގެ ތިންވަނަ ފަންގިފިލާއިން އުމުރުން 22 އަހަރުގެ އަންހެނަކު ވެއްޓުނީ އިއްޔެ ހަވީރު 5:30 ހާއިރު އެވެ.

އޭނާ އަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް މިހާރު އެ އަންހެން މީހާ އަށް ފަރުވާ ދެނީ އައިޖީއެމްއެޗް ވޯޑުގައި ބާއްވައިގެންނެވެ.

އަންހެން މީހާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް ހޮސްޕިޓަލުންވެސް އަދި އާއިލާ އިން ވެސް ހާމައެއް ނުކުރެ އެވެ. ނަމަވެސް އާއިލާ އިން ބުނި ގޮތުގައި އަންހެން މީހާގެ ހާލު ރަނގަޅެވެ.

އަންހެން މީހާ ވެއްޓި ބިންމަތީގައި އޮތް އިރު ނަގާފައިވާ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އޭނާ ވެއްޓުނު ތަނުގައި ކޮންމެވެސް ވަރަކަށް ލޭ ހުރިކަން ފާހަގަވެ އެވެ. އެކަމަކު އަންހެން މީހާ ވެއްޓެން ދިމާވި ވަކި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

މިމައްސަލަ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި މީޑިއާ އަށް ހާމައެއް ނުކުރެ އެވެ.