މިނިސްޓްރީ އޮފް އެޑިއުކޭޝަން

ސްކޫލުތަކުގެ ގޭޓްތައް ތަޅުލާފައި ބަހައްޓަން އަންގައިފި

Jun 12, 2022
1

ސްކޫލުތަކުގައި ކިޔަވައިދެމުންދާ ވަގުތުތަކުގައި ސްކޫލުތަކުގެ ގޭޓްތައް ތަޅުލާފައި ބެހެއްޓުމަށް އެޑިޔުކޭޝަން މިނިސްޓްރީ އަންގައިފި އެވެ.

އެޑިޔުކޭޝަނުން މިފަދަ އެންގުމެއް ސްކޫލުތަކަށް އަންގާފައި މިވަނީ މިދިޔަ މަހުގެ ތެރޭގައި ޖަމާލުއްދީން ސްކޫލު ތެރެއަށް މީހަކު ވަދެ އެތަނުގައި އަޑުގަދަކޮށް އިންޒާރުދީ މާރާމާރީ ހިންގި މައްސަލައެއްގައި 37 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައި ވަނިކޮށެވެ.

މިނިސްޓްރީގެ އެންގުމުގައި ބުނެފައިވަނީ ސްކޫލުތަކަކީ ދަރިވަރުންނާއި މުވައްޒަަފުންނަށް އަބަދުވެސް ރައްކާތެރި ތަނަކަށް ހެދުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެންގުމުގައި ވަނީ ސްކޫލުތަކަށް މީހުން ވަދެ ނިކުމެ އުޅުމުގައި އަމަލުކުރަންވީ ގޮތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންވީ ފިޔަވަޅުތައް ވެސް ބުނެދީފަ އެވެ.

މިނިސްޓްރީގެ އެންގުން:

  • ކިޔަވައިދޭ ވަގުތު ހުރިހާ ސްކޫލެއްގެ ގޭޓުތަކުގައި ސެކިއުރިޓީ ބެލަހެއްޓުމަށް ސަމާލުވުން.
  • ސެޝަންތައް ފެށޭ ވަގުތު ނޫން ހުރިހާ ވަގުތުތަކުވެސް ސްކޫލުތަކުގެ ގޭޓްތައް ތަޅުލާފައި ބެހެއްޓުން.
  • ދަރިވަރުންނާއި މުވައްޒަފުން ސްކޫލުތަކަށް ވަދެ ނިކުމެ ހެދުމަށް ހާއްސަ އިންތިޒާމުތައް ސްކޫލުން ހަމަޖެއްސުން
  • އާންމުންނާއި ބެލެނިވެރިންނަށް ސްކޫލުތަކަށް ވަދެވޭނީ އެކަން ކުރާ ސަބަބު ސެކިއުރިޓީ އޮފިސަރަށް އޮޅުންފިލުވައިދިނުމަށްފަހު.
  • ބެލެނިވެރިޔާއަށް ސްކޫލުން ދީފައިވާ ކާޑް އޮތްތޯ ބަލައި ޔަގީންކުރުން

ޖަމާލުއްދީން ސްކޫލަށް މީހަކު ވަދެ އިންޒާރު ދިން މައްސަލައިގައި މީހަކު ހައްޔަރުކުރި ނަމަވެސް އެ މައްސަލައިގައި އެ މީހާއާ މެދު އަމަލުކުރި ގޮތެއް އަދި އެ މައްސަލައަށްވީ ގޮތެއް ކަމާ ގުޅޭ އިދާރާތަކުން ހާމައެއް ނުކުރެ އެވެ.