ހުޅުމާލެ

ހުޅުމާލޭގައި ނުރައްކާތެރި ހާދިސާއެއް، އެކަކު މަރު

ހުޅުމާލެ ފޭސް ދޭއްގެ ޑިންގީ ޖެޓީ ސަރަހައްދުގައި ނުރައްކާތެރި ހާދިސާއެއް ހިނގައިފި އެވެ. މި ހާދިސާގައި އެކަކު ވަނީ މަރުވެފައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ހުޅުމާލެ ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓެއިނާއަކުން މާބުލް ޝީޓްތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި ދެ މީހަކު ތާށިވެފައިވާ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް ފުލުހަށް ލިބުނީ 3:30 އެހާކަންހާއިރު ކަމަށްވެސް ބުންޏެވެ.

މި ހާދިސާގައި ދެ މީހަކަށް ވަނީ އަނިޔާވެފައެވެ. އެއީ ބިދޭސީ ދެ ފިރިހެނުންނެވެ. އެތަނުން އެކަކު ވަނީ މަރުވެފައެވެ. އަދި އަނެއް މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ކޮންޓެއިނާއަކުން މާބުލް ޝީޓްތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި ދެ މީހަކު ތާށިވެފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތަކެއް ވަނީ އާންމުވެފައެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި ތާށިވީ ދެ މީހުން ސަލާމަތް ކުރަން ގިނަ އިރުތަކެއް ހޭދަވިއެވެ. އަދި އެކަކު ނެގިއިރުވެސް ވަނީ މަރުވެފައެވެ. އެ މީހުން އެމްބިއުލާންސްއަށް ލައިގެން ހޮސްޕިޓަލަށް ގެންދާ މަންޒަރުވެސް ފެނެއެވެ.