އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު

ގައުމީ ފެރީ ނިޒާމުގެ ދަތުރުތައް ރަސްމީކޮށް ފަށައިފި

Jun 12, 2022

ގައުމީ ފެރީ ނިޒާމު ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ދަތުރުތައް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ދަތުރުތަކުގެ ތެރެއިން މިއަދު ފަށާފައިވަނީ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ހއ، ހދ އަދި ށ. އަތޮޅުގެ ދަތުރުތަކެވެ.

އެމްޓީސީސީން ބުނީ މިއަދު އެންމެ އުތުރުގެ ތިން އަތޮޅުގައި ފެށި ދަތުރުތައް އަންނަ މަހުގެ ތެރޭގައި އިތުރު ފުރިހަމަކުރުމަށްފަހު މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުން މުޅި ރާއްޖެ ގުޅާލުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ގައުމީ ފެރީ ނިޒާމުގެ ދަތުރުތަކުގައި ރަށްތައް ގުޅާލުމަށް ނިންމާފައިވަނީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކަކުންނެވެ.

ކޮމިއުޓް ލިންކަކީ ކައިރި ރަށްތަކުގެ މެދުގައި ދުވަހުން ދުވަހަށް ކުރާ ދަތުރުތަކެވެ. ނަން-ކޮމިއުޓް ލިންކަކީ ތަންކޮޅެއް ދުރުގައިވާ ދެ ރަށެއްގެ ދެމެދުގައި ކުރާ ދަތުރުތަކެކެވެ. މިކަހަލަ ދަތުރުތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ކުރަން ނުޖެހޭ އެއާޕޯޓް ދަތުރުތަކާއި ވިޔަފާރީގެ ބޭނުމުގައި ކުރާ ދަތުރުތައް ހިމެނެ އެވެ. ހައިވޭ ލިންކަކީ އެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބާ، އަނެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބް ގުޅުވާލުމަށް ކުރާ ދިގު ދަތުރުތަކެކެވެ.

ގައުމީ ފެރީ ނިޒާމުގައި އަތޮޅުތައް ޒޯންތަކަށް ބެހިފައިވާ ގޮތް

  • ފުރަތަމަ ޒޯން: ހއ | ހދ | ށ
  • ދެވަނަ ޒޯން: ނ | ރ | ބ | ޅ
  • ތިންވަނަ ޒޯން: ކ | އއ | އދ | ވ
  • ހަތަރުވަނަ ޒޯން: މ | ފ | ދ | ތ | ލ
  • ފަސްވަނަ ޒޯން: ގއ | ގދ
  • ހަވަނަ ޒޯން: ފުވައްމުލައް | އައްޑޫ ސިޓީ

އާރްޓީއެލް އެޕްލިކޭޝަންގައިވާ ޕޯޓަލްގެ ތެރެއިން ގައުމީ ފެރީ ނިޒާމުގެ ދަތުރުތަކަށް ޓިކެޓް ބުކްކޮށް ފައިސާ ދެއްކޭނެ އިންތިޒާމު އެމްޓީސީސީން ވަނީ ހަމަޖައްސާފަ އެވެ. އަދި ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފެރީތަކުގައި ހިލޭ ދަތުރުކުރެވޭނެ އެވެ.

އިންޓެގްރޭޓެޑް ފެރީ ނިޒާމުގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ގެންގުޅޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފްލީޓްގައި ހިމެނޭ ދުވެލި ބާރު ފެރީ ތަކަކީ 50 މީހުންގެ ޖާގަ ހިމެނޭ އަދި ޕަސެންޖަރުންނަށް ފަސޭހަކަމާ އެކު ތިބެވޭ އުޅަނދުތަކެކެވެ. ފެރީތަކުގައި މޯބައިލް ފޯން ޗާޖު ކުރެވޭނެ ގޮތާއި ފާހާނާ އާއި ލަގެޖަށް ހާއްސަ ކުރެވިފައިވާ ޖާގަ ވެސް ހުރެ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފެރީތަކުގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވެ އެވެ.