މިއަދު ރަސްމީކޮށް ފެށުނު ގައުމީ ފެރީ ނިޒާމު ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އަކީ ދިވެހީން އެދޭ ލާމަރުކަޒީ ތަރައްގީގެ މައިބަދަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ހިދުމަތް ފެށުން ފާހަގަކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ވިދާޅުވީ މި ޖަޒީރާތަކުގެ އެއް ރަށް އަނެއް ރަށާ ގުޅި އިޖްތިމާއީ އަދި އިގްތިސާދީ އެކަހެރިކަން ފިލައި ހުރިހާ ރަށެއްގެ އިގްތިސާދު ގައުމީ އިގްތިސަދާ ލާމެހި ތަނަވަސްވާނީ މިއަދު ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް ނިޒާމުން ކަމަށެވެ.
"މިއީ އަޅުގަނޑުމެން އެދޭ ލާމަރުކަޒީ ތަރައްގީގެ މައިބަދަ،" ރައީސް ވިދާޅުވިއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ދަތުރުތަކުގެ ތެރެއިން މިއަދު ފަށާފައިވަނީ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ހއ، ހދ އަދި ށ. އަތޮޅުގެ ދަތުރުތަކެވެ.
އެމްޓީސީސީން ބުނީ މިއަދު އެންމެ އުތުރުގެ ތިން އަތޮޅުގައި ފެށި ދަތުރުތައް އަންނަ މަހުގެ ތެރޭގައި އިތުރު ފުރިހަމަކުރުމަށްފަހު މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުން މުޅި ރާއްޖެ ގުޅާލުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
ގައުމީ ފެރީ ނިޒާމުގެ ދަތުރުތަކުގައި ރަށްތައް ގުޅާލުމަށް ނިންމާފައިވަނީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކަކުންނެވެ.
ކޮމިއުޓް ލިންކަކީ ކައިރި ރަށްތަކުގެ މެދުގައި ދުވަހުން ދުވަހަށް ކުރާ ދަތުރުތަކެވެ. ނަން-ކޮމިއުޓް ލިންކަކީ ތަންކޮޅެއް ދުރުގައިވާ ދެ ރަށެއްގެ ދެމެދުގައި ކުރާ ދަތުރުތަކެކެވެ. މިކަހަލަ ދަތުރުތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ކުރަން ނުޖެހޭ އެއާޕޯޓް ދަތުރުތަކާއި ވިޔަފާރީގެ ބޭނުމުގައި ކުރާ ދަތުރުތައް ހިމެނެ އެވެ. ހައިވޭ ލިންކަކީ އެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބާ، އަނެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބް ގުޅުވާލުމަށް ކުރާ ދިގު ދަތުރުތަކެކެވެ.