އިސްލާމިކް ޔުނިވާސިޓީ

ސައުދީ ޝޫރާ ކައުންސިލްގެ ރައީސް އިސްލާމިކް ޔުނިވާސިޓީއަށް އެއްލައްކަ ޑޮލަރު ދެއްވައިފި

ސައުދީ އަރަބިއްޔާގެ ޝޫރާ ކައުންސިލްގެ ރައީސް ޑރ. އަބްދުﷲ ބިން މުހައްމަދު ބިން އިބްރާހިމް އަލް ޝެއިހް ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއަށް ޒިޔާރަތް ކުރައްވާ އެ ޔުނިވާސިޓީއަށް އެއް ލައްކަ ޑޮލަރު (ގާތްގަނޑަކަށް 1.5 މިލިޔަން ރުފިޔާ) ހަދިޔާ ކުރައްވައިފިއެވެ.

އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި މިއަދު އެ ޔުނިވާސިޓީއަށް ވަޑައިގެން ބޭއްވި ބައްދަލުވުމަށްފަހު ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ މަނިކުފާނުގެ ޒިޔާރަތުގައި ޔުނިވާސިޓީގެ އިސްވެރިންނާ ބައްދަލުކުރެއްވުމުން ޔުނިވާސިޓީ އާއި ބެހޭ މައުލޫމާތު އެމަނިކުފާނާއި ހިއްސާ ކުރެއްވި ކަމަށެވެ.

"އަޅުގަނޑުމެން ވާނެ މި ޔުނިވަސިޓީ އަކީ ރާއްޖޭގައި އިސްލާމްދީނަށް ހިދުމަތްކޮށް އިސްލާމްދީން ކަންތައްތައް ރާއްޖޭގައި ފަތުރާ އަގީދާ ކުރިއަރުވަން ގާއިމްކުރި ޔުނިވަސިޓީއެއްކަމަށް ދަންނަވާފަ. އެމަނިކުފާނު ވަނީ އެކަމާއި ވަރަށް ބޮޑަށް އުފާކުރައްވާ ސައުދީގެ އެހީތެރިކަން ހޯއްދަވައި ދިނުމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފައި،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އެމަނިކުފާނު އެއްލައްކަ ޑޮލަރު ހަދިޔާ ކުރެއްވީ އަމިއްލަފުޅު ޖީބުން ކަމަށާއި އެ ފައިސާ ހަދިޔާ ކުރެއްވުމަށްފަހު ސައުދީގެ އެހެނިހެން މުއައްސަސާތަކުންވެސް ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ފެންވަރު ރަނގަޅު ކުރުމަށް އެ ޔުނިވާސިޓީން އަންނަނީ ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން އަންނަ އަހަރު ހާއްސަކޮށް މާސްޓާސް ޑިގްރީގައި އަރަބި ބަހުން ގިނަ މާއްދާތަކާއި ޝަރުއީ ދާއިރާގެ ކޯސްތައް އަރަބި ބަހުން ކިޔަވައިދޭން ވަނީ ނިންމާފަ އެވެ. އަދި އެޔުނިވަސިޓީން ދަނީ ޕީއެޗްޑީ ފެންވަރުގެ ޓީޗަރުން އަޒްހަރު ޔުނިވާސިޓީއިން ގެނައުމަށް ގިނަ މަސައްކަތް ކުރަމުންނެވެ.