ބޮލީވުޑް

2022: އިންޑިއާގެ މިއުޒިކް އިންޑަސްޓްރީއަށް ކަޅު އަހަރެއް

އިންޑިޔާގެ މިއުޒިކް އިންޑަސްޓްރީގައި މަސައްކަތްކުރާ ވަރަށް ނަން މަޝްހޫރު ލަވަކިޔުންތެރިންތަކެއް މި ދުނިޔެއަށް އަލްވަދާއު ކީ އަހަރަކަށް މިހާރު ހިނގަމުންދާ 2022 ވަނަ އަހަރު ވަނީ ވެފަ އެވެ. އެހެންކަމުން ގިނަ ބަޔަކު ސިފަ ކުރަނީ 2022 އަކީ ހިންދީ މިއުޒިކް އިންޑަސްޓްރީ ދުވަހަކުވެސް ނުދެކޭ ފަދަ ކަޅު އަހަރެއްގެ ގޮތުގަ އެވެ.

މި އަހަރުގެ މިހާތަނަށް ދުނިޔެއަށް އަލްވަދާއު ކިޔާފައިވާ ހިންދީ ލަވަކިޔުންތެރިންގެ ތެރެއިން އެކަކީ ސްޓީރިއޯ ނޭޝަންސްގެ ތާޒް އެވެ. ޕޮޕް ސެންސޭޝަން ތާޒް އަކީ "ޕިޔާރް ހޯގަޔާ"، "ގައްލަން ގޯރިއާ" އަދި "ނާޗޭންގޭ ސާރީ ރާތު" ފަދަ ހިޓް ލަވަތައް ކިޔައިދިފައިވާ ލަވަކިޔުންތެރިއެކެވެ.

މިއަހަރުގެ އެޕްރީލް 29 ގައި އުމުރުން 56 އަހަރުގައި ތާޒް މަރުވީ ކޮވިޑް ޕެންޑެމިކް ފެށުނުތަނާ ދިމާ ހާނިއާގެ މައްސަލަތަކަކަށް ފަރުވާ ނުކުރެވި ލަސްވެގެންނެވެ.

އިންޑިއާގެ ނައިޓިންގޭލްގެ ނަމުން މަޝްހޫރުވެފައިވާ ލަތާ މަންގޭޝްކަރް މި ދުނިޔެ ދޫކުރީ ވެސް މިއަހަރުގެ ތެރޭގަ އެވެ. ފެބްރުއަރީ 6، 2022ގައި ލަތާ މަރުވިއިރު އުމުރުން 92 އަހަރެވެ. ލަތާ މަރުވެފައިވަނީ ކޮވިޑް-19 ޖެހުމާ ގުޅިގެން ސިއްހަތަށް ދިމާވި އިތުރު މައްސަލަތަކެއްގެ ސަބަބުންނެވެ.

ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޑައިރެކްޓަރު ބައްޕީ ލެހެރީ މަރުވީ ލަތާ މަރުވިތާ އެންމެ ހަފުތާއެއް ތެރޭ 15 ފެބްރުއަރީ 2022 ގައެވެ. "ބޮމްބޭ ސެ އާޔާ މެރެ ދޯސްތު"، "ރާތު ބާކީ ބާތު ބާކީ" އަދި "ޔާދް އާރަހާ ހޭ" ފަދަ ރީތި ލަވަތައް އުފައްދައި ކިޔައިދިން މި ފަންނާނު މަރުވިއިރު އުމުރުން 69 އަހަރެވެ.

ސިދޫ މޫސާ ވާލާ އަކީ މި އަހަރު މަރުވި ލަވަކިޔުންތެރިންގެ ތެރެއިން އެންމެ ފަހުން މަރުވި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ޕަންޖާބު ލަވަތައް ކިޔުމުން މަޝްހޫރުކަން ހޯދާފައިވާ ސީދޫ މަރުވީ ކެނެޑާގައި ދިރިއުޅޭ އިންޑިޔާގެ ގޭންގެއްގެ ބޮޑު މީހެއް ކަމަށްވާ ގޯލްޑީ ބްރާރް ބަޔަކަށް ފައިސާ ދީގެން އެބަޔަކު ލައްވާ ބަޑިން ހަމަލަ ދިނުމުގެ ސަބަބުންނެވެ. ޖަލުގައި މިހާރު ހުރި އެހެން ގޭންގްސްޓާރެއް ކަމަށްވާ ލޯރެންސް ބިޝްނޯއީ ވެސް ސިދޫގެ މަރުގެ ޒިންމާ އުފުލާފައި ވެއެވެ. ނަމަވެސް ފުލުހުން ބުނަނީ މައްސަލަ ތަހުގީގު ކުރަމުންދާތީ އަދި ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ކޭކޭ ވެސް ދާދިފަހުން ވަނީ މަރުވެފަ އެވެ. "ހަމް ރަހޭނ ޔާ ނާ ރަހޭ... ޔާދް އާޔޭނގޭ ޔޭ ޕަލް..." ފަދަ ރީތި ލަވަތައް ކިޔައިދީފައިވާ ކޭކޭ މަރުވީ ކޮލްކަތާގައި އޮތް ކޮންސަޓެއްގައި ލަވަ ކިޔަނިކޮށް އުނދަގޫތަކެއް ވާން ފެށުމުން ހޮޓަލަށް ގެންދިޔަތާ އިރުކޮޅެއް ތެރޭގަ އެވެ. އުމުރުން 53 އަހަރުގެ ކޭކޭގެ ހިތުގެ ބޮޑެތި މައްސަލަތަކެއް ހުރިކަން އެނގުނީ އޭނާގެ ޕޯސްޓް މޯޓަމް ރިޕޯޓުންނެވެ.

މީގެ އިތުރުން ޝީލް ސަގަރް ކިޔާ 22 އަހަރުގެ ލަވަކިޔުންތެރިއަކާއި ސަންތޫރު މައެސްޓްރޯ ޕަންޑިތު ޝިވްކުމާރު ޝަރުމާ، 84، އަދި ބެންގާލީ މިއުޒިކްގެ ދުނިޔޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ ސަންދިޔާ މުކަރުޖީ ވެސް މަރުވީ މިއަހަރުގެ ތެރޭގަ އެވެ.