އިންޑިއާގެ ނާގްޕޫރުގެ ބަރޯސާކިޔާ ހިސާބެއްގައި ދިރިއުޅޭ އަންހެނަކު އޮޅުވާލައިގެން ތިން ފިރިހެނުންނާ ކައިވެނި ކޮށްފި އެވެ.
އަންހެންމީހާގެ ފުރަތަމަ ކައިވެންޏަކީ ލޯބީގެ ކައިވެންޏެކެވެ. ރާނާ މީހެއްގެ މަސައްކަތްކުރާ މި މީހާއާއެކު އަންހެންމީހާ ހަތަރު އަހަރު ދުވަހު އިނދެގެން އުޅެ ދެ ދަރިން ވެސް ލިބުނު ފަހުން އެހެން މީހަކު ދެކެ ލޯބިވެވި ފިރިމީހާއަށް ސިއްރުން އެ މީހާ ގޮވައިގެން އުޅެން ފެށި އެވެ. މި މީހާ އާ އަންހެންމީހާ އަށް ބައްދަލުވީ އޭނާއަށް އޮޅިގެން ކުރެވުނު މިސް ކޯލް އެއްގެ ސަބަބުންނެވެ. އަންހެންމީހާގެ ސިއްރު ލޯބިވެރިޔާ އަކީ ފައިބާ އޮޕްޓިކް އެޅުމުގެ މަސައްކަތްކުރާ މީހެކެވެ.
މި މީހާ އާ ލޯބިވެގެން ފުރަތަމަ ފިރިމީހާގެއިން ފިލައިގެން ގޮސް ފައްޅިއެއްގައި އެ މީހާ އާ ދެ މީހުން ކައިވެނި ކުރީ އެވެ. އެ އަންހެންމީހާ ފުރަތަމަ ފިރިމީހާގެ ގެއިން ފިލީ ތިމާގެ މީހެއްގެ ގެއަށް ގޮސްލަނީ ކަމަށް ބުނެފަ އެވެ.
ދެ ވަނަ މީހާ އާ ކައިވެނި ކޮށްގެން އެމީހާ އާއެކު ވެސް އަންހެންމީހާ އަށް މާ ގިނަދުވަހު ނޫޅެވުނެވެ. ސޯޝަލް މީޑިއާ އިން އޭނާ އާ ދިމާވި އެހެން ފިރިހެނަކާ އެކު ފިލައިގެން ގޮސް މިހާރު އުޅެނީ އެ މީހާ އާ ކައިވެނިކޮށްގެނެވެ.
ދެ ވަނަ އަށް ކައިވެނިކުރި ފިރިހެންމީހާ އަށް އެ އަންހެނުންމީހާގެ ފުރަތަމަ ފިރިމީހާ އެނގެ އެވެ. އެހެންވެ އަންހެންމީހާ ފިލުމުން ގޮސް ފުލުހުންނަށް މައްސަލަ ހުށަހަޅަން ދިޔައީ މި ދެ މީހުން ކަމަށް ޓައިމްސް އޮފް އިންޑިއާގައިވާ ހަބަރުގައި ބުނެފައި ވެއެވެ.
އަންހެންމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށާއި އޭނާ އުޅޭ ތަނެއް އަދި ނޭނގޭ ކަމަށް މި ޚަބަރުގައި ވެއެވެ.