ވާހަކަ

އިޙްސާސްވޭ

( 9 ޖޫން 2022 އާ ގުޅޭ )

"މިއަދު އެކަނިތަ؟ ކޮބާ ރަޒާގެ ވައިފް... އައި މީން ޔޯ ސިސްޓަރ." އައިތަން ޔަގީންކޮށްލީއެވެ.

"ގޭގަ. މިހާރު އަހަރެން ބަލާ އަންނާނެ." މާޔަލް ބުނެލިއެވެ. މިއަދަކީ އޭނާއަށް ޚާއްޞަ ދުވަހެކެވެ. އިރުކޮޅަކުން އޭނާ ބަލާ އިވާން އަންނާނެއެވެ. މިރޭ އޭނާ އިވާންއާ އިންނަން ރަން ކިޔާނެއެވެ. އެކަމުގެ ތައްޔާރީތައް ގޭގައި ކުރިޔަށް ދާއިރު މައިރާވީ މަންމަގެ ކައިރީ ގޭގައެވެ.

* * * * *

މާޔަލްގެ ހިމޭންކަން އިވާނަށް އުނދަގޫ ކުރިއެވެ. ކޮންމެވެސް ކަމަކާ މާޔަލް ވިސްނަނީކަން އިވާނަށް ޔަގީނެވެ. ފިހާރައިން ނުކުމެ އިވާންގެ ސައިކަލު ފަހަތަށް މާޔަލް އެރިއިރު ވެސް އެ މޫނުން އެހެންޏާ ފެންނަ ހިނިތުންވުމެއް ނެތެވެ. ހިތުގެ ތެޅުން އަވަސްވެލީ އެތައް ސުވާލެއް އިވާންގެ ސިކުނޑީގައި އުފައްދަމުންނެވެ. މާޔަލް މަޑުމަޑުން އިނީތީ އެކަމަށް އިވާން އިޝާރާތްކޮށް ވާހަކަދެއްކީ ދުރުދުރުންނެވެ. އެވަރުން ވެސް މާޔަލް ވަކި އެއްޗެއް ނުބުންޏެވެ. ފާޑަކަށް މަޖުބޫރުވުމުން އެންމެންފަހުން ނާހަން އިނދެފައި ވެސް އިވާން ސުވާލުކޮށްފިއެވެ.

"ކަމެއްނުވޭ." މާޔަލްގެ އަޑުގައި ފަރުވާކުޑަ ގޮތެއް ހުއްޓެވެ. މާޔަލްގެ ސަމާލުކަން ކުޑަވެފައި ވުމުން ކަހަލައެވެ. ސައިކަލުގެ ލޯގަނޑުކޮޅުން ފަހަތުގައި އިން މާޔަލްއަށް އިވާން ބަލާލިއެވެ. ދުރު ބަލާ މީހަކު ފަދައިން މާޔަލް އިނީ ކަމަކަށް ގެއްލިފައެވެ. މާޔަލް ދިން ޖަވާބު ޤަބޫލުކުރާން އިވާނަށް ފަސޭހަނުވީ އެހެންވެއެވެ.

މާޔަލް ދިރިއުޅޭ އެޕާޓްމެންޓް ހުންނަ އިމާރާތާ ހަމައަށް އެމީހުންނަށް އާދެވިއްޖެއެވެ. އިމާރާތުގެ ތިރީގައި އޮންނަ ޕާކިން ސަރަޙައްދަށް ވަނުމުގެ ބަދަލުގައި އިވާން ސައިކަލު މަޑުކޮށްލީ މަގުމަތީގައެވެ.

"ދަނީ..." ސައިކަލުން ފޭބިގޮތަށް މާޔަލް ބުނެލިއެވެ.

"މަޑުކޮށްބަލަ." މާޔަލް ހިނގައިގަތުމުގެ ކުރީން އޭނާގެ ކަނާއަތުގައި އިވާން ހިފާލިއެވެ. ލޯބިވެރިޔާއަށް އަންނަ ކުޑަކުޑަ ބަދަލަކުން ވެސް އިވާންގެ ހިތް ތެޅިގަންނަނީ އޮބިނޯންނަ ވަރަށެވެ. ނަފްސުގެ މައްޗަށް އިންތިހާއަށް ހާސްކަން ވެރިކުރުވަމުންނެވެ.

"ބޮލަށް ތަދުވަނީތަ؟. ނުބުނާތި ކަމެއްނުވެޔޭ. އަހަންނަށް މާޔަލް އެނގެޔޭ." އިވާން ބުންޏެވެ. މައުނަވީ ބެލުމަކުން އިވާނަށް ބަލަހައްޓައިގެން އިރުކޮޅަކު މާޔަލް ހުއްޓެވެ. އެހެން ހުރެ ހަގީގަތުގައި ވެސް އިވާނަށް އޭނާ އެނގޭބާއޭ ސުވާލުކޮށްލެވުނީ އަމިއްލަ ހިތާއި ޟަމީރާއެވެ. މިވަގުތު މާޔަލް އެ ހުރި ހާލު އޭނާގެ ކައިރީ އުޅޭ އެކަކަށް ވެސް ނުވިސްނޭނެއޭ ހިތް ބުނަމުންދިޔައެވެ.

"ބޮލުގަ ރިއްސަނީ. ވަރަށް ބޮޑަށް. ނިދާލަން ބޭނުމީ. އޭރުން މިރޭ ހަމަޖެހިލައިގެން ހުރެވޭނީ." މާޔަލް ލުއި ހިނިތުންވުމެއް ވެސް ބަދަލުކޮށްލިއެވެ. ހަގީގަތާ ޚީލާފު އުޒުރުތައް ހިނިތުންވުމަކުން ފޮރުވާލެވޭތޯ އޭނާ ބެލީއެވެ.

"ޚިޔާލު ބަދަލުވީތަ. ހުރިހާކަމެއް ހަމަޖެހިފަ އޮތީ. އަނެއްކާވެސް ލަސްކުރާން ބޭނުންވަނީ ދޯ." ކުއްލިއަކަށް އިވާނަށް އަހާލެވުނެވެ. އިވާން ގަޔާނުވިކަން ސާފުކޮށް އޭނާ ވާހަކަދެއްކި ރާގުން ދޭހަވެއެވެ. އެއާއެކު މާޔަލް ނިކަން އަވަހަށް ދެފަރާތަށް ބޯހޫރާލިއެވެ.

"މިރެޔެއެއްނު. އަދި ވަގުތު އެބައޮތޭ." މާޔަލް ބުންޏެވެ.

"އެންމެން އަންނާނެ." އިވާން ބުނެލިއެވެ.

"ރެސްޓްކޮށްލީމަ އައި ވިލް ބީ އޯކޭ. ނިދާލާފަ ތެދުވެ އިވާނަށް މެސެޖު ކުރާނަން. އޯކޭއެއްނު." މާޔަލް ބުންޏެވެ.

ވާހަކަ ނުދައްކާ އެންމެ ރަނގަޅޭ ބުނާ ފަދައިން އިވާން ބޯޖަހާލީއެވެ. ދަނީއޭ ބުނެ މާޔަލް އެނބުރިލި ގޮތަށް ހަލުވިކޮށް އައިސް އިމާރާތުގެ ތެރެއަށް ވަނެވެ. އެ ދިމާ ބަލަން އިން އިވާންގެ ދެބުމަ ކައިރިވެލިއެވެ. ލޯބިވެޔޭ ވެސް ބުނެނުލާ މާޔަލް ދިޔައީތީ އިވާންގެ ހިތާއި ސިކުނޑީގައިވި ވަސްވާސްތައްވީ އިތުރެވެ. އިވާން ސައިކަލު ދުއްވާލީ އެ ރެޔަށް ރޭވިފައި އޮތް ހުރިހާކަމެއް ފަސޭހަކަމާއެކު ފުރިހަމަވާން އެދި ހިތާއިހިތުން ދުޢާ ކުރަމުންނެވެ.

"ދަރިފުޅު އަންނަން އުޅޭނޭ މިކިޔަނީ. ދޭ އަވަހަށް ކާން. ތަށިތައް އަދި ނުނަގަން." ގޭތެރެއަށް މާޔަލްއަށް ވަދެވުމާއެކު ސިޓިންރޫމުގައި އިން އާމާލް ބުންޏެވެ.

"ތަށިތައް ނެގިޔަސް އޯކޭ. ފަހުން ކާނީ" މާޔަލް ބުންޏެވެ.

މާޔަލް އައިގޮތަށް ކޮޓަރިއަށް ވަނީއެވެ. މައިރާއާއި މަލަކް ތިބިއިރު އެކަކަށް ވެސް މާޔަލް ގޮވާނުލީތީ އެކަން ފާހަގަވީ މައިރާ އަށެވެ. އޭނާ ސޯފާއިން ތެދުވެގެން އައިސް މާޔަލްގެ ކޮޓަރީ ދޮރުގައި ޓަކި ޖަހާލިއެވެ. މަޑުމަޑުން ދޮރުހުޅުވާލިއެވެ. އެނދުގައި އޮށޯވެލައިގެން މާޔަލް އޮތްތަން ފެނުމުން މައިރާ ހާސްވިއެވެ.

"ކީއްވެފަ ތިއޮތީ؟." އެނދު ކައިރީ އައިސް ހުއްޓިލުމާއެކު މައިރާ އަހާލިއެވެ.

"ވަރުބަލިވީ. ނިދާލަން މިއުޅެނީ." މާޔަލް ބުންޏެވެ.

"ހެދުން ވެސް ބަދަލުނުކުރަންތަ؟." މައިރާއަށް އެހެން ބުނެވުނީ އެއީ މާޔަލްގެ ގޮތެއްނޫން ވީމަ އެވެ. ބޭރަށް ލައިގެންދާ ހެދުމެއްގައި އޭނާ ދުވަހަކުވެސް އެނދުގައި ނޯށޮންނާނެއެވެ.

"ފަހުން." މާޔަލް ބުންޏެވެ.

"ހޭނުލެއްވިއްޖެއްޔާ ގޮވަން އަންނާނަން." މައިރާ ބުންޏެވެ. ސުވާލެއް ނުކުރި ނަމަވެސް މައިރާގެ ސިކުނޑީގައި ސުވާލުތައް ވިއެވެ. ފުރަތަމަ ވެސް މައިރާއަށް ވިސްނުނީ އިވާނާއި މާޔަލްއާ ދެމެދު ހިތްހަމަނުޖެހުމެއް އުފެދުނީކަމެވެ. އެހެންވިޔަސް މިވަގުތު މާޔަލްގެ ޠަބީޢަތް އެހުރިގޮތުން އޭނާ ވާހަކަނުދައްކާނޭކަން މައިރާއަށް އެނގެއެވެ. ހަމައެއާއެކު މާޔަލް ޚިޔާލަކަށް ބޭނުންވެއްޖެނަމަ އެންމެ ފުރަތަމަ ވެސް އަހާނީ މައިރާގެ ގާތުންކަން އެނގެއެވެ. އަވަސްއަރުވާލާފައި އޮޅުންފިލުވުން މައިރާއަށް މުހިންމުކަމަށް ނުވީ އެހެންވެއެވެ. ކޮޓަރިން މައިރާ ނުކުމެނުކުމެ ހުއްޓާ މާޔަލް "ދޮންތީ" އޭ ގޮވާލައިފިއެވެ.

"އާދެބަލަ... މިތާ އިށީނދެބަލަ." މައިރާ އިށީނުމަށް އެނދުން ތަން ހަދަމުން މާޔަލް އެއްފަރާތަށް ޖެހުނެވެ.

"އިވާންގެ ވާހަކައެއްތަ؟." ކުޑަކޮށް ހިނިއައިސްފަ ހުރެ މައިރާ އައިސް އެއްފައި އަރުވާލައިގެން އެނދުގައި އިށީނެވެ. ހެޑްބޯޑުގައި ލެނގިލައިގެން އިނދެ އޮށޯވެ އޮތް މާޔަލްގެ ބޮލުގައި ނިތްކުރީން ފެށިގެން މައިރާ ފިރުމާލަދިނެވެ.

"އެކްސިޑެންޓް ހިނގީ ކިހިނެއްކަން ދޮންތި ކިޔާދީފާނަންތަ." މާޔަލް އަހާލިއެވެ. އެ ސުވާލުން މައިރާއަށް ސިހުން ލިބުނެވެ. ނަމަވެސް އޭނާ އިންގޮތުން މާޔަލްއަށް އެ މޫނު ސާފުކޮށް ނުފެނުނެވެ. އެހެންވެ އެ މޫނުން ފާޅުވި ސިހުމާއި ނުތަނަވަސްކަން މާޔަލް ނުދެކެއެވެ.

"ކުއްލިއަކަށް އެކްސިޑެންޓްގެ ވާހަކަ ފެށީ ކީއްވެ؟. މަންމަ ކިޔާދިނެއްނު." މައިރާ ބުންޏެވެ.

"ހަމަ އަހަރެން އެކަނިތަ އިނީ؟. ކާކު ޖެއްސީ... އެކަމަކު ކިހިނެއް؟..." ކެތްތެރިކަމެއް ނެތި އެތައް ސުވާލެއް މާޔަލްގެ ދުލުން ބޭރުވިއެވެ. ހަގީގަތް އެނގެން ބޭނުންވެފައިވާލެއް ބޮޑުކަމުންނެވެ.

"ޑަކްޓަރު ބުންޏެއްނު ގަދަކަމުން ހަނދާންތަކެއް ނާންނާނޭ. އެހެންނޫނަސް މާއްކޮ ހަނދާން ނުވެގެން އުޅޭހާ މުހިންމު ކަމެއް ވެސް ނޫން އެއީ. ބޭކާރު ގޮތުގައި ބަލިވާހިތުން ތިއުޅެނީ... ތިހެން އުޅޭތީއޭ ނޭފަތުން ލޭއަންނަނީ. ހީލްވާން ވަގުތު ނަގާނޭ ޑަކްޓަރު ބުނެފަ އޮތީ. ސްޓްރެސް ބޮޑުނުކުރަން. މާއްކޮއަށް ހުރިހާ އެއްޗެއް މަންމަ ކިޔާދިން. އެކަން ހިނގި ގޮތް ސިފަކުރާން މަސައްކަތް ނުކުރޭ."

މައިރާއަށް ފުރަތަމަ ހީވީ މާޔަލްގެ ހަނދާން އެނބުރިއައީކަމަށެވެ. ނަމަވެސް މާޔަލް ކުރި ސުވާލުތަކުން އެހެން ނުވާކަން މައިރާއަށް ޔަގީންވިއެވެ. ކުއްލިއަކަށް އެކްސިޑެންޓާ ބެހޭ ގޮތުން އެހާބޮޑަށް މާޔަލް ވިސްނަންވީ ސަބަބެއް މައިރާ އޮޅުންފިލުވާން ގަސްދުކޮށް ސުވާލުކުރިއެވެ.

"ކަމެއްނުވޭ. ހަމަ އަހާލީ... މަންމަ ކައިރީ ބުނޭ އަހަރެން ނިދަނީއޭ. ކެޔަސް ކާނީ ހޭލާފަ." މާޔަލް ބުންޏެވެ. އަދި އަރި އަކަށް އެނބުރިލައި ބައްދަން ގެންގުޅޭ ބާލީސް ގެނެސް ގަޔާ ކައިރިކޮށްލުމާއެކު ލޯ މަރާލައިފިއެވެ. ހީވީ އިތުރަށް މައިރާއާ ވާހަކަދައްކަން ބޭނުންނުވީ ހެންނެވެ.

"ބޭސް ކާންވީނު." މާޔަލްގެ ހަރަކާތްތަކަށް ބަލަން އިނދެފައި މައިރާ ބުންޏެވެ.

"ބޮލަކު ނުރިއްސާ. މިއަދު ލެޔެއް ވެސް ނާދޭ. ޑޯންޓް ވޮރީ. ދޮންތި ދަމުން ލައިޓު ނިއްވާލައްޗޭ." ކަމެއްނުވާކަން މޫނުމަތިން ދައްކަމުން މާޔަލް ވާހަކަދެއްކިއެވެ. ދެން އަނެއްކާވެސް ނިދަންވެގެން އޭނާ ބާލީހުގައި ބައްދާލައި ލޯ މަރާލީއެވެ.

މައިރާ ކޮޓަރިން ނުކުމެ ދޮރު ލައްޕާލިކަމުގެ ހިލަން ވުމާއެކު އާޙެއް ފަދައިން މާޔަލްގެ އަނގައިން ފުންނޭވާއެއް ބޭރުކޮށްލެވުނެވެ. އޭނާގެ ހާލު ރަނގަޅެއް ނޫނެވެ. އިވާން ގާތުގައި ބޮލުގައި ރިއްސައޭ ބުނީ އެކަނިވާން ބޭނުންވެފައި ހުރިވަރުންނެވެ. އެކަމަކު މިހާރު އޭނާގެ ބޮލުގައި ހަގީގަތަށް ވެސް ރިހެން ފަށައިފިއެވެ. ފިކުރުތަކުން މިންޖުވާން ބޭނުންނުވެފައިވަނީ މާޔަލް އެދޭ ސުވާލުތަކުގެ ޖަވާބު ނުލިބޭތީއެވެ. އޭނާގެ މަރާލެވިފައިވާ ލޯކުރިމަތީ ކުރެހިގެން އައީ އައިތަންގެ ސޫރައެވެ. މާޔަލްގެ ދެބުމަ ކައިރިވެލިއެވެ. މަޑުމަޑުން ތުންފިއްތާލިއެވެ.

"ހަނދާންނައްތާލީ ކީއްވެ؟." އައިތަން ކުރި ސުވާލުން މާޔަލްއަށް ލިބުނީ ހައިރާންކަމެވެ. އޭނާ އެ އިޝާރާތްކުރަނީ ކޮންކަމަކަށްކަން މާޔަލްއަށް ނޭނގުނެވެ. ސަމާސާއެއް ކުރަނީއޭ ހީވާ ވަރަށްވުރެ އައިތަންގެ މޫނުން އެވަގުތު ފެންނަން ހުރީ ސީރިއަސްކަމުގެ އަސަރެވެ. އެހެންވިޔަސް އޭނާ ކުރި ސުވާލު މާޔަލްއަށް އެއްގޮތަކަށް ވެސް ފަހުމް ކުރާކަށް ނޭނގުނެވެ.

"އެކްސިޑެންޓްގެ ސަބަބުން ލިބުނު ގެއްލުމުގެ ޒިންމާ ނަގާނީ ކާކު؟." ވާހަކައެއް ދައްކަން މާޔަލްއަށް ނޭނގިފައި ހުއްޓާ އައިތަން ދެވަނަ ސުވާލު ކުރިއެވެ.

"އެކްސިޑެންޓް." މަޑުމަޑުން މާޔަލްއަށް ކިޔާލެވުނެވެ.

"އައިތަންއަށް ކިހިނެއް އެނގުނީ؟. ރަޒާބެތަ ކިޔާދިނީ. އެކަމުގައި ދެން ކުރެވޭނެކަމެއްނެތް ދޯ... ސަލާމަތްވީތީ ޝުކުރުވެރިވާންވީ. އެކަމާ ނުވިސްނާ އުޅެވޭތޯ ބަލަނީ." މާޔަލްއަށް އޭރު ވެސް އައިތަން ދައްކާ ވާހަކައިގެ މުރާދަކީ ކޮބާކަން ނޭނގެއެވެ.

"ތިހާ ވަރަށް މީހަކު އަމިއްލަ އެދުން ބޮޑުވާނީ." އައިތަން ބުންޏެވެ. އޭނާގެ މޫނުން މިހާރު އެއްވެސް ގާތްކަމެއް މާޔަލްއަށް ނުފެނެއެވެ. ކަމަކާ ހިތްހަމަނުޖެހިފައި ހުރި ކަހަލައެވެ. މާޔަލްގެ މޫނުން ފެށިގެން އޭނާގެ ހަށިގަނޑަށް އައިތަންގެ ނަޒަރު ދަތުރުކުރި ގޮތުން އިތުރަށް އުނދަގޫ އިޙްސާސެއް ކުރެވިގެންދިޔައެވެ.

"އަހަންނަށް ކަމެއް ކުރެވުނީތަ؟. އައިތަން މިތަނަށް އައީ ކީއްކުރަން؟." މާޔަލް ހިސާބަކަށް ޖެހިލުންވެއްޖެއެވެ. އޭނާއަށް އައިތަންއަކީ ކާކުކަމެއް ނޭނގޭތީއެވެ. ކުރީން ދެމީހުން ބައްދަލުވި ހަނދާނެއް ނުވެއެވެ. ދަންނަ މީހަކުނަމަ މާޔަލްއަށް އެނގުނީހޭ ހިތް ބުނެއެވެ. އައިތަންއާ ފުރަތަމަ ބައްދަލުވުމުން ވެސް އެކުވެރި މިޒާޖެއްގެވެރި ޒުވާނެއްކަމުގައި މާޔަލްއަށް ހީކުރެވުނެވެ. ރަޒާގެ ރައްޓެއްސެއްކަން އެނގުމުން އިހުނަށްވުރެ ބީރައްޓެހިކަން ކުޑަވިއެވެ. ނަމަވެސް މިވަގުތު މާޔަލްގެ ކުރިމަތީ އޮފީސް ހެދުމުގައި ފަޓުލޫނުގެ އަރިމަތީ ޖީބަށް ދެއަތް ކޮށްޕާލައިގެން ހުރި އައިތަންގެ ފަރާތުން އެކުވެރިކަމެއް ނުފެނެއެވެ.

"އެ އެކްސިޑެންޓުގައި ތި ދެ ލޯ އަނދިރިވިނަމަ ކިހިނެއް ހަދާނީ؟. އޭރުން ވެސް ފުރާނަ ސަލާމަތްވީތީ އުފަލުން އުޅޭނަންތަ؟. ކުރި އުންމީދުތައް ފުނޑުފުނޑުވެ، މުޅި އުމުރަށް އެހެންމީހުންގެ އެހީއަށް އެދެންޖެހުނީމާ... ދިރިހުރީތީ ޝުކުރުކުރާނަންތަ؟. އޭރުން ވެސް އެކްސިޑެންޓްގެ މަތިން ހަނދާންނައްތާލާފައި ތިބުނާ ލައިފްއާއިގެން ކުރިޔަށް ދެވޭނެތަ؟. އެކަމުން އެ ލިބުނު ގެއްލުން ފޫބެއްދިދާނެތަ؟. އެކަމާ ނުވިސްނާ ހުރެވޭނެތަ؟." އައިތަންގެ ހަރުކަށިކަން އަޑުން ފާޅުވަމުން ދިޔައިރު އޭނާގެ މޫނުން ރުޅި ފެންނަން ހުއްޓެވެ. ކަންބޮޑުވެ ހާސްވީވަރުން މާޔަލްއަށް ހިންދިރުވާލެވުނެވެ.

"ތިކަހަލަ އެއްޗެހި ތިކިޔަނީ ކީއްވެ؟. އަހަންނަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ. އަހަރެމެން ދެމީހުން ބައްދަލުވީ އިހަށް ދުވަހަކު." އައިތަން ރުޅި އަންނަން ޖެހޭ ސަބަބެއް މާޔަލްއަކަށް ނުވިސްނެއެވެ. އެހެންވެގެން އަދިވަކިން އައިތަންގެ ރުޅި ގަދަވެއެވެ.

"ބައްދަލުވީ އިހަށްދަހު ވިޔަސް އަހަންނަށް ވަރަށް ރަނގަޅަށް ކަލޭ އެނގޭ." އައިތަން ބުނެލިއެވެ.

ފިހާރައިގެ ދޮރުކައިރިއަށް މަޑުކޮށްލި އިވާން ފެނުމާއެކު މާޔަލްގެ ނަޒަރު އެ ދިމާއަށް ދަތުރުކޮށްލިއެވެ. ކަސްޓަމަރެއް ފިހާރައިގަ ހުރީތީ އިވާން ސައިކަލުމަތީ މަޑުކޮށްލީއެވެ. އައިތަންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. ސައިކަލުމަތީ އިން އިވާނަށް ބަލާލާފައި އައިތަން އަނެއްކާވެސް ނަޒަރު ސީދާކޮށްލީ މާޔަލްއާއެވެ. ފަޓުލޫނުގެ ފަހަތު ޖީބުން ނެގި ވޮލެޓުން އައިތަން އެޑްރެސް ކާޑު ނެގިއެވެ. ކައުންޓަރު ދޮށުގައި ހުރި މާޔަލްއަށް އެ ކާޑު ދިއްކޮށްލިއެވެ.

"ކުރެވުނުކަމެއް ނޭނގެންޏާ އެނގެން ބޭނުންތަ؟. ތީގަ އޮންނާނެ އަހަރެންގެ ނަންބަރު. ގުޅާ." އައިތަން ބުންޏެވެ. މާޔަލް އެ ކާޑުކޮޅުގައި ހިފާލިއެވެ. އައިތަން ނުކުމެގެން ދިޔަލެއް ހަލުވިކަމުން މާޔަލްގެ ޖަވާބެއް ވެސް އޭނާއަށް މުހިންމުނޫންކަން ދޭހަވިއެވެ.

ބައްދާލައިގެން އޮތް ބާލީހުގެ ތެރޭ މާޔަލް ވަކިން ބޮޑަށް މޫނު ފޮރުވާލިއެވެ. ރިހުން ގަދަވެ ބޮލުގައި ވިންދު ޖަހަންފެށި ކަހަލައެވެ. މާޔަލްއަށް ކުކުރާލެވުނެވެ.

"އައިތަން... ކާކުތަ ތީ؟. ކީއްވެ އަހަރެން އެނގެންވީ؟. އަހަރެން... އައިތަންއަށް ކީއްކުރީ؟." މާޔަލް އަމިއްލަ ނަފްސާ ސުވާލުކުރިއެވެ. އޭނާގެ ޟަމީރު ހިމޭންކަމުގައިވީއިރު ހިތާއި ސިކުނޑި ވެސް މަންމަނުން ފަދައެވެ. އޭނާއަށް ޖަވާބެއް ހޯދައިދޭން އެމީހުން އެއްބާރުލުން ނުދޭންވީ ކީއްވެ ހެއްޔެވެ.

"އައްދޯއި!..." ބޮލުގައި ހިފަހައްޓާލަމުން މާޔަލްއަށް ބުނެވުނެވެ. އެއާއެކު އޭނާގެ ނޭފަތް ހިރުވާފަދަ އިޙްސާސެއް ކުރެވެން ފެށިއެވެ. ވަގުތުން ނޭފަތުގައި ހިފަހައްޓާލެވުމާއެކު ފުންމައިގެން އެދުން ފޭބިއެވެ. ދުވަމުން ކަހަލަ ގޮތަކަށް އޭނާ އައިސް ފާޚާނާއަށް ވަނެވެ. މާޔަލް ނޭފަތުން އިނގިލިތައް ނައްޓާލިއެވެ. އެހިނދު މޫނު ދޮންނަ ތަށީގެ ތެރެއަށް ލޭ ތިއްކެއް ޖަހައިފިއެވެ. އިސްކުރު ދޫކޮށްލުމާއެކު އޮހިގަތް ފެނުން ދެއަތް ދޮވެލުމާއެކު ނޭފަތް ސާފުކޮށްލިއެވެ. އޭނާ ދެ ލޯ މަރާ ބާރުކޮށްލިއެވެ. އިޙްސާސް ކުރެވޭ ތަދާއެކު ސިކުނޑި ހީވަނީ ގިރިގެން ނޭފަތުން ފައިބަން އުޅެނީ ހެންނެވެ. މާޔަލްގެ ދެ ލޯ ފެންކަޅިވިއެވެ. ކުރިމަތީ ހުރި ބޮޑު ވަށް ލޯގަނޑަށް އޭނާ ނަޒަރު ހުއްޓާލިއެވެ. އޭނާގެ ތުންފަތުން ތިރިއަށް ދަތްދޮޅީގެ ކޮޅަށް ލޭގެ ރޮނގު ހެދުނެވެ. ލޯގަނޑުން ފެންނަން ހުރި މާޔަލްގެ ދެ ލޮލުގައިވަނީ ނުރުހުމުގެ އަސަރެވެ.

"ސްޓޮޕް ބީން ވީކް... ޓެލް މީ ވަޓް ހެޕެންޑް... ވައި ވޯންޓް ޔޫ ރިމެމްބަރ އެނީތިންގް... ޖަސްޓް ޓެލް މީ. ޓެލް މީ ވަޓްސް މިސިންގް." މާޔަލް އޭނާގެ އަމިއްލަ ސޫރައާ ވާހަކަދެއްކިއެވެ. އާދޭސްކުރާ ފަދައިންނެވެ. ނަމަވެސް ލޯގަނޑުން ފެންނަން ހުރި ރިވެއްޏަށް އަމިއްލަ އިޚްތިޔާރެއް ލިބިފައެއް ނުވެއެވެ. އެގެނީ ހަމައެކަނި ނަކަލުކުރާށެވެ. އަޑެއް ލިބިފައި ނުވިޔަސް މާޔަލްގެ ކޮންމެ ހަރަކާތެއް ލޯގަނޑުން ފެންނަން ހުރި އޭނާގެ ސޫރަ ތަކުރާރުކުރެއެވެ.

"ފަ* ޔޫ..." އަމިއްލަ ސޫރަ ދެކެ ރުޅި އައިސްގެން މާޔަލް ބުނެލިއެވެ. މީ އޭނާގެ ނުފެންނަ ފަރާތެކެވެ.

ޓިޝޫތައް ނޭފަތުގައި ޖައްސައިގެން އިނދެ މާޔަލް ފެންތަށި ބޯލިއެވެ. ވޭނަށް ކެތްނުކުރެވުނީއެވެ. ފާޚާނާއިން ނުކުތް ގޮތަށް ބޭސްގުޅައެއް ކާލީ މިވަގުތަށް އޭނާއަށް އޮތް ހައްލަކީ އެއީ ކަމަށްވީމައެވެ. އެހެންޏާ ނާންނަ ވަރަށް ނޭފަތުން ލޭ އަންނަމުން ދިޔައީތީ މާޔަލް އިނީ ހާސްވެފައެވެ. އެހެންވިޔަސް ބޭހުގެ އަސަރު ކުރާން ފެށުމާއެކު މީހާ ވަރުބަލިވާން ފަށައިފިއެވެ. ހަށިގަނޑަށް ކުރީން ވެރިވެފައިވާ ހުރި ހަރުކަށިކަން ފިލަން ފެށިއެވެ. ނޭފަތުގެ ހިނދުރިއަށް ޓިޝޫކޮޅެއް ވައްދާލައިގެން އޭނާ ބޮޑު ގޮނޑީގެ ތެރޭ ހަމަޖެހިލިއެވެ. ނޭފަތުން ލޭ އައިސް އައިސް ހުއްޓާ އެނދުގައި އޮށޯންނަން ނުވާނެތީއެވެ.

* * * * *

ހާމަފެންޑާގައި ހުރި މޭޒަށް ދެފައި އަރުވައިގެން މަލަކް އިނެވެ. މޭޒުމަތީގައި ލެޕްޓޮޕް ހުޅުވާފައި ހުރީ އެސައިންމެންޓްގެ މަސައްކަތް ކުރުމަށެވެ. އޭގެ ކައިރީ މަސައްކަތަށް އެއްކޮށްފައިހުރި މަޢުލޫމާތު ކަރުދާސްތައް އެއްވެސް ތަރުތީބެއްނެތި މަތިމައްޗަށް ހުއްޓެވެ. މަލަކްގެ ސަމާލުކަން ވަނީ ފޯނުގައެވެ. އެކުވެރީންގެ ގުރޫޕުގައި ދެކެވޭ ވާހަކައަށް ގޮސް ގެއްލިފައެވެ.

މަލަކް: "މަރީ... އޭނަ ގޮވައިގެން ގޮސް އިނީ ބިޓުތަ؟."

މަރިޔަމް: "ނޭނގެ. ރީތި ދޯ އެކުއްޖާ."

ޖުމާ: "މަލް ހިތަށް ގޮތެއްވެއްޖެހެން ހާދަ ހީވޭ."

މަރިޔަމް: "އެވަރުވީމަ ހުރިހާ ގޮތެއްވެސް ވާނެ. ދޯ މަލް."

މަލަކް: "އޭ ދަނީ. މިރޭ ކުޑޫ ރަންކިޔާ. އަދި އެސައިންމެންޓް ވެސް އޮތީ. ވޯޑްލިމިޓް ހަމަވާން ކައިރިވެސް ނުވޭ. ކޮންސެންޓްރޭޓް ނުކުރެވިގެން މިއުޅެނީ."

ޖުމާ: "އެނގޭ ތިވެގެން އުޅޭ ގޮތް. ހުވަފެން ފެންނަން ފެށީ. އެވެސް ހޭލާ ހުއްޓާ."

މަރިޔަމް: "މަލް އެކަމާ އުޅޭންވީނު. އޭނަ ކުރީން ވެސް އެޕްރޯޗް ކޮށްފައެއްނު އޮތީ."

މަލަކް: "އޭތް! ސީރިއަސްކޮށް ދާންޖެހިއްޖެ. މަންމަ އެބަގޮވާ. އިރުއޮއްސިއްޖެޔޭ އެތެރެއަށް ވަންނާށޭ. އަދި ރެޑީވާން ޖެހޭނެ."

ޖުމާ: "ކުޑޫގެ ފޮޓޯއެއް ފޮނުވައްޗޭ."

އެކުވެރީންގެ ގުރޫޕުން މަލަކް ނުކުތެވެ. ދެފައި މޭޒުން ތިރިކޮށްލައި އޭނާ ތެދުވިއެވެ. ލެޕްޓޮޕް ލައްޕާލާފައި ހުރިހާ އެއްޗެއް ހިފައިގެން އޭނާ އައީ ކޮޓަރިއަށެވެ. ލިޔާ މޭޒުމަތީ ހުރިހާ އެއްޗެއް ބެހެއްޓިއެވެ. ދެން އައިސް އޭނާ އެނދުމައްޗަށް އުއްޑުން ވެއްޓިގަތީއެވެ.

އެކުވެރީންނާއެކު ރޭގަނޑު ބޭރަށް ދިއުމަކީ މަލަކްގެ އާދައެކެވެ. އެގޮތުން ކުރިން ރެޔަކު އެންމެން ކާން އެރީ ހުޅުމާލޭގައި ފަހުން ހުޅުވި ރެސްޓޯރެންޓަކަށެވެ. އާތަނެއް ހުޅުވައިފިނަމަ އެތަނެއްގެ ރަހަތައް ބަލާލަން މަލަކްއާއި އޭނާގެ ރައްޓެހިން ދާނެއެވެ. އޯޑަރު ދިން އެއްޗެހި އަންނަންދެން އެންމެން ތިބީ ވާހަކައިގައެވެ. ރެސްޓޯރެންޓަށް ވަން ދެ ޒުވާނުން މަލަކްއަށް ދެއްކީ ކުރިމަތީ އިން މަރިޔަމެވެ. އެމީހުން ފެނުމާއެކު މަލަކްއަށް ވެސް ހަގީގަތެއްހެން އިޙްސާސެއް ނުކުރެވުނެވެ.

"ދަ..އް..ޔާ..ން... އެއީ ހަމަ އޭނަތަ" އަމިއްލަ ނަފްސާ މަލަކްއަށް ސުވާލުކޮށްލެވުނެވެ.

މޫނުގައި ދެއަތް އަޅައި ބޯހޫރާލަމުން ތޫލި ގޮތަކަށް މަލަކްއަށް ހަޅޭލަވައިގަނެވުނެވެ. ދެން އޭނާ އެނދުން ފުންމައިގެން ތެދުވެ އިށީނެވެ. އަނެއްކާ ވެސް ނިކަން އަވަހަށް ބޯހޫރާލިއެވެ. އޭނާއަށް އެރޭ ދައްޔާނު ފެނުމުން ކަމެއްވެއްޖެކަން ޔަގީނެވެ. އެކަމަކު ދައްޔާނާމެދު ނުވިސްނުމަށް އަމިއްލަ ހިތާއި ސިކުނޑި ކައިރީ އޭނާ ބުނަމުންދިޔައެވެ. ދައްޔާންގެ ޚިޔާލުތަކުން އެއްފަރާތްވާން ލިބުނު ފުރުސަތަކަށް މަލަކްގެ ފޯނު އެވަގުތު ރިންގުވުން ވިއެވެ. ފޯނަށް ބަލާލާފައި ކޯލަށް ޖަވާބު ދިނީ ނިކަން އަވަހަށެވެ.

"ހެލޯ ސްޓްރޭންޖާ." މަލަކް ބުންޏެވެ. އެއާއެކު މަސްތީ ހުނުމެއްގެ އަޑު އިވިގެން ދިޔައެވެ. އަދި އެ ޖާދުވީ އަޑުން މަލަކްގެ ނަން ކިޔާލިއެވެ.

"ވާހަކަދައްކާލާ ހިތުން މިގުޅާލީ." އެ ޒުވާނާ ބުންޏެވެ.

"އެހާ ގިނައިރަކު ނުހުރެވޭނެ." މަލަކް ބުންޏެވެ.

"އޯ! ދައްތަގެ ވެޑިން ދޯ." ކަމެއް ހަނދާންވީ ފަދައިން އެ ޒުވާނާ ކުއްލިއަކަށް ބުނެލިއެވެ.

"ވެޑިންއެއްނޫން. ރަންކިޔަނީ... މިހާރު ދެން ރެޑީވާން އުޅެންވީ. ޔޫ ކީއްކޮށްލަނީ." މަލަކް ވާހަކަދައްކަމުން އެނދުން ތެދުވިއެވެ. އަލަމާރިއާ ދިމާއަށް އޭނާ އައީ އެރެއަށް ލާން ކަނޑައެޅި ހެދުން ނަގާށެވެ.

* * * * *

އަސްމާއާއި އުމޭދުގެ ފަހަތުން އައިމީގެ ދެމަފިރިން ވަނެވެ. އިވާން ވަނީ ބޭބެ އަލްވިންއާއެކުއެވެ. އެމީހުންނަށް ގޭތެރެއިން ހޫނު މަރުޙަބާއެއް މަޒްހަރާއި އާމާލް ކިޔެވެ. އެންމެންގެ މޫނުތަކުން އުފާވެރިކަމުގެ ހިނިތުންވުން ފަނޑުނުވެއެވެ. ކުރަމުން އައި އުންމީދެއް ފުރިހަމަވާން އުޅޭކަމުގެ ހިތްހަމަޖެހުން އެންމެންގެ ހިނިތުންވުން ރަމްޒުކޮށްދެއެވެ.

"މާޔަލް ކޮބާ؟." އިވާނަށް އަހާލެވުނެވެ.

"ދަރިފުޅުގެ ކެތްތެރިކަމެއް ވެސް ނެތް ދޯ." އުމޭދު އޭނާގެ ދަރިފުޅާ ދިމާކޮށްލިއެވެ.

"މިރޭ މެރީ ކުރެވެންޏާ ކުޑަދޮންބެ ދާނީ މާޔަލްއާ މެރީ ކޮށްގެން ގޮވައިގެން." އައިމީ ވެސް ބައްޕައާ އެއްކޮޅަށް އެރިއެވެ. އެންމެންގެ ހުނުންގަނޑު ނުހިފެއްޓުނެވެ. މާޔަލްއާ ހެދި އިވާން އުޅޭވަރު ދެ ފަރާތުގެ ޢާއިލާއަށް ވެސް އެނގެއެވެ.

"އަދިވެސް ވަރުބަލިވަނީތަ؟." މާޔަލްގެ މޫނަށް އެންމެ ފަހު ފަހަރަށް ބަލާލާފައި މައިރާ އަހާލިއެވެ.

"ނައު އޯކޭ." މާޔަލް ހިނިތުންވެލީ ގަދަކަމުންނެވެ. އެހެންޏާ ބޭސް ކައިގެން ނިދާފައި ހޭލާއިރު އެ ލިބޭ ހިތްހަމަޖެހުމެއް މިފަހަރު އޭނާއަކަށް ނުލިބެއެވެ. އަދިވެސް އޭނާގެ ސިކުނޑީގައިވަނީ އައިތަންއެވެ. އޭނާ ދެއްކި ވާހަކަތަކެވެ. ނަމަވެސް އޭނާގެ ފުށުން ހާސްކަމާއި ނުތަނަވަސްކަން ފެންނަނަމަ ވަށައިގެން އުޅޭ އެންމެން އެކަމާ ކަންބޮޑުވާނޭކަން މާޔަލްއަށް އެނގެއެވެ. ހިނިތުންވުމެއް ކުރަހާލަމުން އޭނާ ބެލީ އުފާވެރި ޚިޔާލުތަކުން ސިކުނޑިއާއި ހިތް ފުރާލެވޭތޯއެވެ. މިރޭ އޭނާ ނަލަވެގެން އެ އިނީ އިވާނަށް އިންނަން ރަންކިޔާށެވެ. ގިނަ ދުވަހެއްނުވެ އޭގެ ދެ މީހުން ދެމަފިރިންނަށް ވާނެއެވެ.

"ކޮބާ ނުނިމޭތަ؟." ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު އާމާލް އަހާލިއެވެ.

"ނިމިއްޖެ. އެންމެން އައީތަ." މައިރާ އަހާލިއެވެ.

"ހެކިވެރީން ވެސް އަތުވެއްޖެ. އިވާންގެ ޢާއިލާ ވެސް އެބަތިބި." ކޮޓަރިއަށް ވަދެގެން އަންނަމުން އާމާލް ބުންޏެވެ. އޭނާ އައިސް މާޔަލްގެ ކުރިމަތީ ހުއްޓިލިއެވެ. މާޔަލް ރީތިވާ މޭޒު ކައިރީ ހުރި ގޮނޑިން ތެދުވިއެވެ. ހެދުމުގައި ފަސްބައިގަ ހިފައި ރީތިކޮށްލިއެވެ. ދަރިފުޅުގެ ފަހަތަށް ދޫކޮށްލެވިފައި އޮތް އިސްތަށިގަނޑު ރީތިކޮށްލަ ދީފައި ކޮނޑުގައި އާމާލް ފިރުމާލިއެވެ.

"އިރާދަކުރެއްވިއްޔާ އެންމެ އަވަހަށް ދެން އޮތީ ދަރިފުޅުގެ ކައިވެނި." ހިނިތުންވެ ހުރެ އާމާލް ބުންޏެވެ. މަންމަގެ ވާހަކައާ އެއްބަސްވުމުގެ ގޮތުން މާޔަލް ބޯޖަހާލިއެވެ.

ކޮޓަރިން ނުކުތީ ތިން މައިން އެކުގައެވެ. މައިރާއާއި އާމާލްގެ މެދުގައި މާޔަލް ހުއްޓެވެ. ސޯފާތަކުގައި ދެ ޢާއިލާ ތިބީ ވަކިންނެވެ. މަޒްހަރާއި އާމާލްގެ ގާތުގައި މާޔަލް އިނެވެ. އިވާންގެ ނަޒަރު މާޔަލްއަށް ހުއްޓުނު ހިނދު ދެ މީހުން ވެސް ބަދަލުކޮށްލީ މާނަވީ ހިނިތުންވުމެކެވެ. (ނުނިމޭ)