ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަމަވަނީ

Jun 13, 2022

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހަފްތާ ހަމަވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ މިއަހަރުގެ ދެވަނަ ފިޔަވަހީގެ ކޮމިއުނިޓީ ފަންޑަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 18 ވަނަ ދުވަހު ހަމަވާނެ ކަމަށެވެ.

އެހެން ފަހަރުތަކެކޭ ވެސް އެއްގޮތަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވުމަށްފަހު ޕްރޮޖެކްޓް ހިންގުމަށް ކޮމިއުނިޓީ ފަންޑުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ވަނީ ނިންމާފަ އެވެ.

މި ފިޔަވަހީގައި ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅޭނީ ހަމައެކަނި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ އަދި ޖަމާއަތްތަކަށެވެ.

ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާ ބޭންކުން ދެއެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 65 ޕްރޮޖެކްޓެއް ހިންގުމަށް ބޭންކުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދެވިފަ އެވެ.