ރައީސް މުހައްމަދު ނަޝީދު

ޕީޖީ ގުރޫޕްގެ ނިންމުމާ ދެކޮޅަށް ނަޝީދު ނިކުންނަވައިފި، އެކުގައި 16 މެންބަރުން

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ނިންމި ނިންމުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިކުންނަވައިފި އެވެ.

މިއަދު މެންދުރުފަހު ބޭއްވި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމަށް ޝަމީމުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ފާސްވީ ވޯޓުގައި ބައިވެރިިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުން ކަމަށް އެނގިފައިވެ އެވެ. މިއަދުގެ ބައްދަލުވުމަށް ހާޒިރުވި ޖުމްލަ މެންބަރުންގެ އަދަދު ސާފުވާ ގޮތެއް ނުވި އެވެ.

ނަމަވެސް އެމްޑީޕީގެ މި ނިންމުމާ ދެކޮޅަށް ނަޝީދު ވަނީ ނިކުންނަވާފައެވެ. އެމަނިކުފާނު ވަނީ މި މައްސަލާގައި އެމްޑީޕީން ނެރޭ ތްރީލައިން ވިޕް ބްރޭކް ކުރައްވާނެ ކަމަށް ނުސީދާކޮށް ވިދާޅުވެފައެވެ. އަދި އެ ކަމަށް ތާއީދު ކުރައްވާ މެންބަރުން ކޮބައިތޯ ސާފުކުރައްވާފައިވެއެވެ. ނަޝީދުގެ މެސެޖްގައި ވިދާޅުވެފައިވަނީ ޕާލިމަންޓަރީ ގުރޫޕުން ކަންކަން ނިންމަމުންދާ ގޮތަށް ބަލައި ކޮންމެ ފަަހަރަކު ވިޕް ލައިންއާ އެއްގޮތަށް ވޯޓްލާން ބޭނުން ނުވާ މެންބަރުން ނަން ނޯޓް ކޮށްދެއްވުން އެދޭ ކަަމަށެވެ.

"އާންމު މެންބަރުންނަށް ސާފުވާނެ އަޅުގަނޑުމެން އެގޮތަށް [ތްރީލައިން ވިޕާ ދެކޮޅަށް] ވޯޓްލާ ސަބަބު. އަޅުގަނޑު އުންމީދު ކުރަނީ އާންމު މެންބަރުން އަޅުގަނޑުމެން ޕާޓީ ވަކި ނުކުރާނެ ކަމަށް،" ނަޝީދުގެ މެސެޖްގައި ވިދާޅުވިއެވެ.

ނަޝީދުގެ އެ މެސެޖާއި ގުޅިގެން އެމަނިކުފާނު ހިމެނިވަޑައިގަންނަވާހެން 17 މެންބަރަކު ވަނީ ނަން ނޯޓް ކުރައްވާފައެވެ. އެންމެ ފުރަތަމަ އެ ނޯޓް ކުރެއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އޭގެ ފަހުން ރައީސް މުހައްމަދު ނަޝީީދެވެ. ދެން ހިމެނިވަޑައިގަންނަވަނީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އާއި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އާއި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އެވެ.

މީގެ އިތުރުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް އާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު އާއި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ އާއި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް އާއި ގައްދޫ ދާއިރާގެެ މެންބަރު އަހުމަދު ޒާހިރުގެ އިތުރުން މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާންވެސް ވަނީ ނަން ނޯޓް ކުރައްވާފައެވެ.

މި 16 މެންބަރުންނަކީވެސް ރައީސް ނަޝީދުގެ ވަފާތެރި މެންބަރުންނެވެ. މީގެ ކުރީންވެސް އެމަނިކުފާނުގެ ދިފާއުގައި އަދި އެމަނިކުފާނުގެ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރައްވަމުން ގެންދެވި މެންބަރުންނެވެ.

ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް ޝަމީމް އައްޔަންކުރެއްވީ މަޖިލީހުގެ 74 މެމްބަރުންގެ އިއްތިފާގުން އޭނާ އެ މަގާމަށް އައްޔަންކުރަން ރުހުން ދިނުމުންނެވެ.

ޕީޖީ ޝަމީމާ މެދު އެމްޑީޕީގެ މެންބަރުންގެ ހިތްހަމަނުޖެހުން ހުރި ވަކި މައްސަލަތަކެއް އެނގިފައެއް ނުވި ނަމަވެސް ރައީސް ސޯލިހަށް ވަފާތެރި މެންބަރުން ޝަމީމް، އެ މަގާމުން ވަކިކުރަން ބޭނުންވާ ކަމަށް އެނގިފައިވެއެވެ. އެކަމާއި ދެކޮޅަށް ނަޝީދާއި އެމަނިކުފާނުގެ ޓީމުން ނިކުންނެވިއިރު ރައީސް ސޯލިހާއި ނަޝީދުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެތައް މައްސަލައެއްގައި ދެ ބޭފުޅުންގެ ވިސްނުންފުޅާއި ހިޔާލުފުޅު ވަރަށް ތަފާތެވެ. ސަރުކާރުގެ އެކި ކަންކަމަށް ނަޝީދު ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަނެއްކޮޅުން މިދިޔަ ބުދަ ދުވަހު، ރިޔާސީ ދެވަނަ ދައުރަކަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ ރިޔާސީ ރޭހުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ސޯލިހް ފާޅު ކުރެއްވުމުން ނަޝީދު ވަނީ އެކަމަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 2023 ގެ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ފާޅުކުރައްވަމުންނެވެ.