ރައްޔިތުންގެ މަޖިލީހުގައި ނެގޭ ވޯޓްތަކުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރޭ ތްރީލައިން ވިޕާ ދެކޮޅަށް ވޯޓް ދެއްވި ނަމަވެސް ޕާޓީން ވަކި ނުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ނިންމި ނިންމުމާ ދެކޮޅުކަން ހާމަކުރައްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސެޕް ގުރޫޕްގައި ކުރެއްވި މެސެޖެއްގައެވެ.
އެ މެސެޖްގައި ނަޝީދު ވަނީ ޕާލިމަންޓަރީ ގުރޫޕުން ކަންކަން ނިންމަމުންދާ ގޮތަށް ބަލައި ކޮންމެ ފަަހަރަކު ވިޕް ލައިންއާ އެއްގޮތަށް ވޯޓްލާން ބޭނުން ނުވާ މެންބަރުން ތިއްބަވާކަން ފާހަގަކުރައްވާފައެވެ. އޭގެ ފަހަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ނިންމުމާ ދެކޮޅު މެންބަރުން ނަން ނޯޓްކޮށްދެއްވުމަށް އެދިވަޑައިގަތެވެ.
އަދި ވިދާޅުވީ އާންމު މެންބަރުންނަށް އެ ބޭފުޅުން އެގޮތަށް ވޯޓް ދެއްވާ ސަބަބު ސާފުވެވަޑައިގަންނަވާނެ ކަމަށެވެ. ނަޝީދު ވަނީ އެގޮތަށް އަމަލު ކުރެއްވުމުން ޕާޓީން ވަކިނުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. މެންބަރަކު ޕާޓީން ވަކިކުރަން ނިންމަނީ އެކަމާއި ގުޅޭ ކޮމެޓީން ނަމަވެސް ނަޝީދުގެ މެސެޖްގައި ވިދާޅުވެފައި ވަީ "އުންމީދު ކުރަނީ އާންމު މެންބަރުން އަޅުގަނޑުމެން ޕާޓީ ވަކި ނުކުރާނެ ކަމަށް" މިހެންނެވެ.
އެމްޑީޕީގެ އަދި އެހެން ޕާޓީގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުންވެސް އާންމު މެންބަރުންނަށް ޕާޓީން މެންބަރަކު ވަކި ކުރެވޭ ގޮތެއް ނޯވެއެވެ. ނަމަވެސް ނަޝީދު އެ މޭރުމުން ވިދާޅުވެފައި އެ ވަނީ ގަސްތުގަައި ކަމަށް ބެލެވެއެވެ. އެމްޑީޕީގެ އިސް މަގާމުތަކުގައި މިވަގުތު ތިއްބެވީ ނަޝީދުގެ ތާއީދު އޮތް ބޭފުޅެއް ނޫނެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމާއި އަންހެނުން ރޫހުގެ ރައީސާ ކަމަށް އިންތިހާބުވީ ރަައީސް ސޯލިހްގެ ތާއީދު އޮތް ބޭފުޅުންނެވެ. އަދި ގައުމީ މަޖިލީހާއި އެމްޑީޕީގެ މުހިންމު ހުރިހާ ކޮމެޓީތަކުގައިވެސް ތިއްބެވީ ރައީސް ސޯލިހަށް ތާއީދު ކުރައްވާ ބޭފުޅުންނެވެ. އެހެން ކަމުން ޕާޓީގެ ލީޑާޝިޕަށް އިޝާރާތް ކުރައްވާ އެހެން ވިދާޅުވާން ބޭނުންފުޅުނުވީ ކަމަށް ބެލެވެއެވެ. އެމްޑީޕީގެ ގްރާސްރޫޓްގެ ބޮޑު ތާއީދެއް އަަދިވެސް ނަޝީދަށް އޮތުމުން އާންމު މެންބަރުންނަށް އިޝާރާތް ކުރައްވާ އެހެން ވިދާޅުވީ ކަމަށްވެސް ބެލެވެއެވެ.
އާންމު މެންބަރުންނަށް ސާފުވާނެ އަޅުގަނޑުމެން އެގޮތަށް [ތްރީލައިން ވިޕާ ދެކޮޅަށް] ވޯޓްލާ ސަބަބު. އަޅުގަނޑު އުންމީދު ކުރަނީ އާންމު މެންބަރުން އަޅުގަނޑުމެން ޕާޓީ ވަކި ނުކުރާނެ ކަމަށްމުހައްމަދު ނަޝީދު | އެމްޑީޕީގެ ރައީސް
ތްރީލައިން ވިޕާ ހިލާފުވެގެން އެމްޑީޕީންވެސް މެންބަރުން ވަކިކޮށްފައިވެއެވެ. އިދިކޮޅު ޕާޓީތަކުންވެސް އެެފަދަ ނިންމުން ނިންމާފައިވެއެވެ. ޕާޓީ ނިޒާމު ރަނގަޅަށް ހިންގާ ގައުމުތަކުގައި ތްރީލައިން ވިޕާާ ދެކޮޅަށް ވޯޓް ދޭ މެންބަރުންގެ މައްސަލަތައް ބަލާ ހަރުކަށި ފިޔަވަޅު އަޅައެވެ. އަދި އެ މެންބަރުން ޕާޓީން ވަކިކުރެއެވެ.
ރައީސް ނަޝީދުގެ އެ މެސެޖާއި ގުޅިގެން އެމަނިކުފާނު ހިމެނިވަޑައިގަންނަވާހެން 17 މެންބަރަކު ވަނީ ނަން ނޯޓް ކުރައްވާފައެވެ. އެންމެ ފުރަތަމަ އެ ނޯޓް ކުރެއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އޭގެ ފަހުން ރައީސް މުހައްމަދު ނަޝީީދެވެ. ދެން ހިމެނިވަޑައިގަންނަވަނީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އާއި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އާއި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އެވެ.
މީގެ އިތުރުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް އާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު އާއި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ އާއި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް އާއި ގައްދޫ ދާއިރާގެެ މެންބަރު އަހުމަދު ޒާހިރުގެ އިތުރުން މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާންވެސް ވަނީ ނަން ނޯޓް ކުރައްވާފައެވެ.
މި 16 މެންބަރުންނަކީވެސް ރައީސް ނަޝީދުގެ ވަފާތެރި މެންބަރުންނެވެ. މީގެ ކުރީންވެސް އެމަނިކުފާނުގެ ދިފާއުގައި އަދި އެމަނިކުފާނުގެ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރައްވަމުން ގެންދެވި މެންބަރުންނެވެ.
ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް ޝަމީމް އައްޔަންކުރެއްވީ މަޖިލީހުގެ 74 މެމްބަރުންގެ އިއްތިފާގުން އޭނާ އެ މަގާމަށް އައްޔަންކުރަން ރުހުން ދިނުމުންނެވެ.