މާރިޔާ އަހުމަދު ދީދީ

ރިޔާސީ އިންތިހާބުގައި މާރިޔާގެ ތާއީދު ރައީސް ސޯލިހަށް

Jun 14, 2022
1

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ސޯލިހް ކުރިމަތިލެއްވުމަށް ތާއީދުކުރައްވާ މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ.

ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖޭގެ ފުރަތަަ ޑިފެންސް މިނިސްޓަރު ކަމަށް މާރިޔާ އައްޔަންކުރެއްވީ ނޮވެމްބަރު 17، 2018 ގައެވެ.

އެކަން ފާހަގަކުރައްވާ މާރިޔާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ވަޒީރުންގެ މަޖިލީހުގައި ރައީސް ސޯލިހާ އެކު މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިގަތުމުން ރައީސް ސޯލިހަކީ މީހުން ގޮވައިގެން މަސައްކަތް ކުރައްވަން އެނގިވަޑައިގަންނަވާ ލީޑަރެއް ކަން ފާހަގަކުރެއްވުނު ކަމަށެވެ.

މާރިޔާ ވިދާޅުވީ ރައީސް ސޯލިހަކީ ކެތްތެރި، ހުޅުވާލެވިފައިވާ ވިސްނުމަކުން ކަންކަން އަޑުއައްސަވާ އަދި ކަންކަން ނިންމެވުމުގައި ވަރަށް ގާބިލް ބޭފުޅެއް ކަމަށެވެ.

"2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ ކެންޑިޑެސީއަށް ފުރިހަމައަށް ތާއީދުކޮށް އެމަނިކުފާނާ އެކު ކުރިއަށް ދިއުމަށް އަޅުގަނޑު ނިންމައިފިން،" މާރިޔާ ވިދާޅުވެފައިވެ އެވެ.

ރައީސް ސޯލިހް 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭން ފައްޓަވައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރައްވަން ދެން މާރިޔާ ވަނީ ރައީސް ސޯލިހް ތަރުޖަމާންގެ މަގާމުވެސް މީގެ ކުރިން އަދާކުރައްވާފަ އެވެ.

މީގެއިތުރުން މިނިސްޓަރު މާރިޔާ ވަނީ ރައީސް ސޯލިހާ އެކު ރައްޔިތުންގެ މަޖިލީހުގައި 15 އަހަރު އަދި މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައިވެސް ގިނަ ދުވަސްތަކަކު އެކުގައި މަސައްކަތް ކުރައްވާފަ އެވެ.

ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިއުލާންކުރެއްވީ މިމަހުގެ އަށްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީން ވެރިކަމުގެ ދެވަނަ ދައުރެއް ބޭނުންވާނަމަ އެމަނިކުފާނަކީ އެންމެ ރަނގަޅު "ޗޮއިސް" ކަމަށާއި ކޯލިޝަނާ އެކު ނިކުމެވަޑައިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.