( 13 ޖޫން 2022 އާ ގުޅޭ )
ކޮޓަރިން ނުކުތީ ތިން މައިން އެކުގައެވެ. މައިރާއާއި އާމާލްގެ މެދުގައި މާޔަލް ހުއްޓެވެ. ސޯފާތަކުގައި ދެ ޢާއިލާ ތިބީ ވަކިންނެވެ. މަޒްހަރާއި އާމާލްގެ ގާތުގައި މާޔަލް އިނެވެ. އިވާންގެ ނަޒަރު މާޔަލްއަށް ހުއްޓުނު ހިނދު ދެ މީހުން ވެސް ބަދަލުކޮށްލީ މާނަވީ ހިނިތުންވުމެކެވެ.
* * * * *
ރަނުގެ އަދަދު އިއްވުމަށްފަހު ކައިވެނީގެ ތާރީޚު ވެސް ކަނޑައެޅިއްޖެއެވެ. ތިންމަހުގެ މުހުލަތެއް ކައިވެނީގެ ފައިސަލާ ނިންމުމުގެ ކުރީން ބޭނުންވާކަން އާމާލްއާއި މަޒްހަރުގެ ގާތުގައި ވެސް މާޔަލް އޮތީ ބުނެފައެވެ. ދެ ފަރާތުގެ ދެމެދުގައި ތާރީޚަކާ ގުޅިގެން މަޝްވަރާ ކުރިއިރު ބައްޕަ އޭނާގެ އެދުމަށް އިސްކަން ދިންކަން ހަމަޖެހުނު ތާރީޚުން މާޔަލްއަށް އެނގުނެވެ. އެ ރޭގެ ޙަފުލާ ނިމިގެން ދިޔައިރު އިވާނާއި މާޔަލްއަށް ޓަކައި އެންމެން އުފާވެރިކަމުގެ ޝުޢޫރުފާޅުކުރަމުންދިޔައެވެ. ނަމަވެސް މާޔަލް އުންމީދުކުރި ފަދަ އުފާވެރިކަމެއް އޭނާއަށް ހާސިލެއް ނުވިއެވެ. އަމިއްލަ ނަފްސު ކަމަކަށް ތައްޔާރުނޫންއިރު މާ އަވަސްއަރުވާލެވޭކަމުގެ އިޙްސާސް އޭނާއަށް ކުރެވެނީއެވެ. އަމިއްލަ ނަފްސަށް ނިންމި ނިންމުމަކަށްވުރެ ބޮޑަށް އިވާން މާޔޫސްނުކުރާންވެގެން މާޔަލް ނިންމުން ނިންމިފަދައެވެ. ނުވީތާކަށް މިއަދު އޭނާއާ އައިތަން ކުރިމަތިލީ ގޮތުން އެހެންމީހަކަށް ނޭނގުނަސް އޭނާއާ ދުރަށް ހިނދުކޮޅަކަށް ވެސް އައިތަންގެ ޚިޔާލުތައް ނުދެއެވެ. އިނދެވުނު މަޖިލީހަށްވުރެ ވެސް މާޔަލްގެ ސިކުނޑީގައި އައިތަންގެ ވާހަކަތަކަށް ސަމާލުކަން ދެވިފައިވެއެވެ. ޢާއިލާއިން އޭނާއަށް ބުނެދީފައިވަނީ ހިނގި އެކްސިޑެންޓަކީ ބޮޑުކަމެއް ނޫނެވެ. މީހެއްގެ އިހުމާލުން މާޔަލްއަށް އަނިޔާވީ ކަމުގައެވެ. އަދި ގަސްދުގައި ހިނގައިދިޔަ ކަމެއްނޫނެވެ. ވީއިރު އެއީ މާޔަލް ޒިންމާ ނަގަންޖެހޭ ކަމެއްނޫންކަން ޚުދު އޭނާއަށް ވެސް ޤަބޫލުކުރެވެއެވެ. އައިތަން ދައްކާ ވާހަކަ ފަހުމް ނުވެގެން އުޅެނީ އެހެންވެއެވެ. އައިތަންގެ ފަރާތުން ފެނުނު ނުރުހުން އަމާޒުވެފައިވަނީ މާޔަލްއަށްކަން ޔަގީނެވެ. ވީއިރު މާޔަލްއަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ. ހަނދާންނެތުނީ އައިތަންއާ ގުޅިފައިވާ ކަމެއްބާއެވެ.
އެރެޔަށް ޚާއްޞަކުރެވިފައި އޮތް ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމުގައި އިވާންގެ ޢާއިލާ ކާމޭޒުދޮށުގައި ތިއްބެވެ. އެމީހުންނާ ބައިވެރިވީ މަޒްހަރާއި އެ ޢާއިލާގެ ދަނބިދަރިފުޅު ރަޒާއެވެ. މާޔަލް ކާހިތްނެތިފައި ސޯފާގައި އިނެވެ. އޭނާގެ ބޮލަށް ލިބިފައިވާ ބަރުކަން ނުފިލައެވެ. މޭނުބައިކުރާތީ ބަނޑުހައިކަން ވެސް އިޙްސާސް ނުވެއެވެ. އަނގައިގެ ތެރޭގައި ޒާތެއްގެ ދަގަނޑު ރަހައެއް ހުރީތީ އެކަމާވެސް އުނދަގޫވީއެވެ. ނޭފަތުން މާގިނައިން ލޭ އަތުވެއްޖެނަމަ އެއީ ވާގޮތެކެވެ. އެއްޗެއް ކައިގެންކަން ހުންނަންވާނީ ބުނެ އާމާލް ގަދަކަމުން ޖޫސްތަށްޓަކާއި ސޭންޑްވިޗްއެއް މާޔަލް ހޭލުމުން ދީނީތީ އެއިނީ އެ ކާލި ގޮތަށެވެ. ވަރުބަލިކަން ހަށިގަނޑަށް ލިބެންފެށީ ހަށިގަނޑަށް ހަކަތައެއް ނުލިބި ފިކުރުގެ ކަނޑެއްގައި ހުއްޓުމެއްނެތި ފަތާތީކަން މާޔަލްއަށް ވިސްނައެއް ނުލެވުނެވެ. އެންމެންނަށްވުރެ ކުރީން އިވާން ކާމޭޒުދޮށުން ފައިބައިފިއެވެ. އޭނާ އައިސް ސޯފާގައި މާޔަލްގެ ގާތުގައި އިށީނެވެ. ލުއި ހިނިތުންވުމެއް މާޔަލް ހަދިޔާކޮށްލިއެވެ.
"ދުއްވާލަން ދާނަންތަ؟." މާޔަލްގެ ކަނާއަތުގައި ހިފާލަމުން އިވާން އަހާލިއެވެ.
"މިރެއަކުނޫން ދޯ." އެންމެންނަށް ބަލާލި ފަދައަކުން މައިރާ ލޯ ހިންގާލާފައި ސިއްރުން ބުނެލިއެވެ.
"މި ވީކަންޑްގަ ފްރީވެގެން ހުންނައްޗޭ." އިވާން ކުރީބައިގަ ބުނެލިއެވެ.
"ކީއްކުރަން." މާޔަލް އަހާލިއެވެ.
"ބާބެކިއުއަށްދާން." އިވާން ބުންޏެވެ.
"އިވާން ދޭ. އެ ދުންގަނޑު ހުރެވޭހާ އަހަރެން ފިޓެއްނޫން." މާޔަލް އުޒުރުވެރިވިއެވެ.
"ލޯބި ނުޖެހޭނެ އެއްވެސް ކަމެއްކުރާކަށް. ދުރުގައި އަހަންނަށް ފެންނަ ގޮތަށް... ރީތިކޮށް ހުރީމަ ނިމުނީ." އިވާން ބުންޏެވެ. މާޔަލް އެއްގޮތަކަށް ވެސް ދާން ބޭނުމެއްނޫނެވެ. އެހެންވިޔަސް އޭނާއަށް ނޫނެކޭ ފާޅުގައި ބުނާކަށް ނުކެރުނެވެ. އެވަގުތު ފުރުސަތުގެ ބޭނުން ހިފައި އޭނާގެ ހިމޭންކަމުގެ މައްޗަށް ނިޔާ ކަނޑައެޅީ އިވާނެވެ. މާޔަލްއަށް ބަދަލުކޮށްލެވުނީ ލުއި ހިނިތުންވުމެކެވެ. ރުހުމުގެ ރަމްޒެއްގެ ގޮތުގައި އެ ހިނިތުންވުން އިވާން ބަލައިގަތެވެ.
"ލަވް ޔޫ." މަޑުމަޑުން މާޔަލްއަށް އިވޭނޭ ވަރަށް އިވާން ބުނެލިއެވެ.
"މީ ޓޫ." މާޔަލްގެ ޖަވާބު ވެސް އައީ މަޑުންނެވެ.
"ކޮންއިރަކު އަހަރެން މިހާ ބަދަލުވީ. އިވާން ކައިރީ ހަގީގަތަށް ވާހަކަނުދެއްކެންވީ ކީއްވެ. އަހަންނަށް އަހަރެންގެ އަމިއްލަ ނަފްސު ޚިޔާރުނުކުރެވެނީ ކީއްވެ. އަހަރެންގެ އިޙްސާސްތަކަށްވުރެ އެހެން މީހުންގެ އިޙްސާސްތަކަށް އިސްކަން ދޭންފެށުނީ ކޮންއިރަކު. އަހަރެން ހިތްހަމަޖެހިގެން ހުރެ އެހެން މީހަކު ހިތްހަމަޖައްސައިދެވޭނީ... އެކްސިޑެންޓަށްފަހު މުޅި މީހާ ބަދަލުވީތަ؟. ކިހިނެއް؟... އަހަރެން ވިސްނާގޮތް ވެސް ބަދަލުވީތަ؟... ކީއްވެ؟..."
"ހޭއި! ކޮން ޚިޔާލެއްގަ." މާޔަލްގެ އަތް ތަޅުވާލަމުން އިވާން އަހާލިއެވެ. އިސްއޮބާލައިގެން ފައިދަށުގައި އޮތް ރަގަށް ގެއްލިފައި އިން މާޔަލް އިސްއުފުލާލިއެވެ. ޚިޔާލެއްގައެއް ނޫނޭ ބުނާފަދައިން އޭނާ މަޑުމަޑުން ބޯހޫރާލިއެވެ.
އިވާންގެ ޢާއިލާއާއެކު އޭނާ ވެސް މާޔަލްއާ އެރެޔަށް ވަކިވުމުގެ ސަލާމްކުރިއެވެ. ތިން އަންހެން ދަރީން ގޮވައިގެން ކާމޭޒުދޮށަށް އާމާލް އެރީ ދެނެވެ. މާޔަލް ނުކާން އިނެއްކަމަކު މަންމަގެ ކުރިމަތީ އޭނާއަށް ބޮޑާނުހޭނެކަން އެނގެއެވެ. މަންމަގެ އަތުން ބޮޑު ސުވަޔެއް މާޔަލްގެ އަނގަށް ލަވައިދިނުމުން ފެންފޮދަކާއެކު އޭނާ ގަދަކަމުން ދިރުވާލައިފިއެވެ. ކުޑޫއާ ދިމާކުރާން މަލަކް އިނެވެ. އާމާލް ފާޅުނުކުރިޔަސް އޭނާއަށް މާޔަލްގެ ހަރަކާތްތައް ފާހަގަވިއެވެ. ދެފަހަރު ކާލާފައި މާޔަލް އޯކަށް ދެމިއްޖެއެވެ. އެންމެންގެ މޫނުތަކުން ކަންބޮޑުވުން ފާޅުވިއެވެ. ސޯފާގައި ހަމަޖެހިލި މަޒްހަރަށް ވެސް ފުންމައިގެން ތެދުވެވިއްޖެއެވެ. އޭނާ ހަލުވިކޮށް އައިސް ކާމޭޒު ކައިރީ ހުއްޓިލީ ވީގޮތެއް އޮޅުންފިލުވަމުންނެވެ.
"މައްޔު ހުންއައީތަ." އާމާލްގެ ވައަތްތިލަ މާޔަލްގެ ކަރުދޮށުގައި ޖައްސާލާފައި ގެނެސް ނިތްކުރީގައި ޖައްސާލިއެވެ.
"ހީވަނީ ރަނގަޅަށް ނުނިދޭހެން. ވަރުބަލިވަނީ... އޮށޯވެލަން ދިޔަސް އޯކޭތަ މަންމާ." މާޔަލް ބުނެލިއެވެ. ހާސްކަމުގައި އިން އާމާލް ނިކަން އަވަހަށް ބޯޖަހާލިއެވެ.
"މަޒްހަރު، އެ މަންޖެއާއެކު ދޭބަލަ." ކަންބޮޑުވުމުގެ ރާގެއްގައި އާމާލްއަށް ބުނެވުނެވެ.
"މަންމާ. މައްކޮ ރަނގަޅުހެން ހިޔެއްނުވޭ." މަޒްހަރާއެކު އެތެރެއަށް މާޔަލް ގޮސް ލޯ މައްޗަށް ގެއްލުމުން މައިރާ ގޮވާލީ ނިކަން މަޑުންނެވެ.
"އެޕޮއިންމެންޓެއް ހައްދަންވީ ކަންނޭނގެ." ޑަކްޓަރަށް މާޔަލަށް ދެއްކުމުގެ ޚިޔާލު އާމާލް ފާޅުކުރިއެވެ.
"އެކްސިޑެންޓާމެދު މައްކޮ ވަރަށް ބޮޑަށް ވިސްނާހެން ހީވަނީ. މިއަދު ސުވާލުކޮށްފި. ކިހިނެއްވެގެންހޯ އެކްސިޑެންޓް ހިނގީ. ހަމަ މައްކޮ އެކަނި ހޯ އިނީ ކާރުގަ."
"ކުޑޫއަށް ކިޔާދޭންވީނު." މަލަކް އިނދެފައި ބުނެލިއެވެ.
"ނޫން. މަލަކް..." އާމާލްގެ ލޮލުން ދިން އިންޒާރު މަލަކްއަށް ފެނުނެވެ.
"އޯކޭ... މަލް ނުބުނާނަން." މަލަކް ނިކަން އަވަހަށް ބުންޏެވެ.
ލާފައި ހުރި ހެދުން ބަދަލުކޮށް ފެންވަރާލައިގެން ނުކުމެކަން އޮށޯންނާނީ މާޔަލް ބުނީތީ މަޒްހަރު އެ ކޮޓަރިން ނުކުތީއެވެ. އޭނާ ނިދަން ދިއުމުގެ ކުރީން ފަހުން އައިސް ދަރިފުޅުގެ ކޮޓަރި ބަލާލާނީކަން ނިންމައިގެން ހުރެއެވެ. އޭނާ އެނބުރި އައިސް ކާމޭޒުދޮށުގައި އިށީނެވެ. ކުދީންނާއި އަނބިމީހާގެ ވާހަކަތަކުގައި މަޒްހަރު ބައިވެރިވިއެވެ.
* * * * *
ރިއާ ގެންގޮސް އޮފީހަށް ލާފައި ހެނދުނުގެ ނާސްތާކުރާން އައިތަން އައީ މަންމަ ކައިރިއަށެވެ. އެނބުރިދާން ބޭނުންނުވެ ހުރެ ވެސް އައިތަން ރިއާގެ ގާތަށް ބަދަލުވިތާ ގިނަ ދުވަހެއް ނުވެއެވެ. ވަރިއާ ހަމައަށް ދިއުމުގެ ކުރީން އަނބިމީހާއަށް ފުރުސަތެއް ދިންކަން މިހާރު އޮންނާނެތާއެވެ. ރިއާގެ މައިންބަފައިނަށް ވެސް އެކަން މިހާރު ޔަގީންވާނެތާއެވެ. ޝަބްނަމްގެ ގާތުގައި ވެސް އައިތަންގެ ނިންމުން ބަދަލުކުރީ ރިއާއަށް ފުރުސަތެއް ދޭންކަން ވަނީ ކިޔާދީފައެވެ. އެއީ ޝަބްނަމް ވެސް އެދޭގޮތްކަން އައިތަންއަށް އެނގެއެވެ.
"ދޮންބެ ކިހިނެއް؟." ގެއަށް އަންނަ ކޮންމެ ފަހަރަކުހެން އެހެން އަހާލުމަކީ އައިތަންގެ އާދައަކަށް ވެއްޖެއެވެ.
"ރޭގަ ޝަހާ އައި. އެހާބާރަށް ރިކް ވާހަކަދެއްކި އަޑެއް މިނޫނީ މަންމަ ނާހަން. ޒުވާބުކުރާތީ ވެސް ނުދެކެން." ރޭގައި ގޭތެރޭގައި ހިނގައިދިޔަ ކަންތައް ޝަބްނަމް ބުނެލިއެވެ.
"އަމިއްލަ ނަފްސު ހޭންޑްލް ކުރާނޭ ގޮތެއް ނޭނގިގެން އުޅޭއިރު ދޮންބެ ކިހިނެއް މެރީ ކުރާނީ. މަންމަ ވެސް ނިކަން ވިސްނާލަބަލަ. އަނތްބެއްނޫން ދޮންބެއަށް ބޭނުންވަނީ. ޝަހާއާ އިންނަން އެއްބަސްވީއިރު ވެސް އެ ދެމީހުންގެ ދެމެދުގައި އެއްވެސް ގާތްކަމެއްނެތް. ތިކަމަކީ މަންމަމެން އަމިއްލައަށް ނިންމައިގެން އުޅޭކަމެއް. ޝަހާ ވެސް އިހަށް ބަލަންވީ ދޮންބެއާއެކު ޓްރަސްޓް ބިލްޑް ކުރޭވޭތޯ. އެކަކުއަނެކަކަށް އިތުބާރު ހިފޭވަރުގެ ގާތްކަމެއް އުފެއްދޭތޯ. އޭރުން ކަންނޭނގެ ޝަހާގެ ބަސް ދޮންބެ އަހާނީ. މީހެއްގެ ސަޕޯޓް ދޮންބެއަށް ބޭނުންވޭ. އަހަރެމެން ދޮންބެއަށްވުރެ ބޯހަރުވާން އެބަޖެހޭ." އައިރިކްގެ އުޅުމަށް އައިސްފައިވާ ބަދަލު އައިތަންއަށް ވެސް ބަލައިގަންނަން ފަސޭހައެއް ނޫނެވެ. ދަރިފުޅުގެ ވާހަކަތައް އިވިފައި ޝަބްނަމްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ޚިޔާލު ތަފާތުވުން އެއްފަރާތްކޮށް ބޭބެގެ ހާލާމެދު ހަގީގަތުގައި ވެސް އައިތަން ވިސްނާވަރު ޝަބްނަމްއަށް އެނގިއްޖެއެވެ.
"ބައްޕަ ދެއްކި ކައުންސެލިން ދޭން މީހަކު ހަމަޖައްސަމުން ދާ ވާހަކަ. ސެޝަންތައް ނަގައިދޭން މިގެއަށް އަންނަ ގޮތައް. ރިކްގެ ނުގަބޫލުގައި ގަދަކަމުން ގެއިން ނެރިގެން ނުގެންދެވޭނެ. އެހެރީ އޭނާ ވާވަރު، ކިހިނެއް ކޮންމެފަހަރަކު ހިފައިގަނެގެން ނެރޭނީ ގެއިން. ބައްޕައާއި މަންމައަށް ކިހިނެއް މިހާރު ދަރިފުޅުމެން ކުއްޖަކު އުފުލޭނީ... ކައިވެނި... ކައިވެނީގެ ތާރީޚު ކަނޑައެޅިޔަސް މަންމަ ބުނާނަން އިހަށް މަޑުކުރާށޭ. ޝަހާއަކީ ރަނގަޅު ކުއްޖެއް. އަހަރެމެންގެ ކޮންމެ ނިންމުމެއް އެކުއްޖާ ޤަބޫލުކުރާނެ. ޔޫނުސްއަށް ވެސް ރަނގަޅަށް އެނގޭނެ ރިކްގެ ހާލު. ތެދަށް ބުނަންޏާ... ރިކްއަށް އެހީވާން ބޭނުންވިޔަސް އެހީވާނީ ކިހިނެއްކަން މަންމައަކަށް ނޭނގޭ. ބުނީމާ ބަހެއް އަހަނީއެއްނޫން. އަބަދު ރުޅި ހަދާލާފަ. ޖަދަލުވެސް ކުރަނީ... ދަރިފުޅު ބަލާބަލަ އޮފީސް މަސައްކަތުގައި ދޮންބެ ބައިވެރި ކުރެވޭތޯ. ބައްޕަ ގާތުގައި މިހެން މަންމަ ބުނެފިން." ޝަބްނަމް ބުންޏެވެ.
"މަންމަ ނުބުންޏަސް ތިކަމާ އެބަ ވިސްނަން. ދޮންބެ ގެއިން ބޭރަށް ނެރެވޭނެ ގޮތެއް ވާނެނަމައޭ އަހަރެން ވެސް ހިތައް އަރާ. ކައުންސެލިންއަކީ ރަނގަޅުކަމެއް. ދޮންބެއަށް އެފަދަ ފަރުވާއެއް ބޭނުންވޭ. ޕޮޒިޓިވް ވިސްނުމެއް ހުރުން ވެސް މުހިންމު." މަންމަގެ ވާހަކަތައް ފަރުވާތެރިކަމާއެކު އައިތަން އެހިއެވެ.
ކާމޭޒު ދޮށުން އައިތަން ތެދުވީ ފޯނުކޯލެއް އައިސްގެންނެވެ. އޭނާއަށް ގުޅީ އިސާކެވެ. އޮފީހަށް އަންނަނީ ކޮންއިރަކުންތޯ ބަލާށެވެ. މުހިންމު ބައްދަލުވުމަކަށް އިސާކާއެކު އައިތަން ހުރުން މުހިންމުވީމައެވެ. ބައްދަލުވުމުގެ މަތިން އައިތަން ހަނދާންވީ ދެނެވެ. މަންމަ ކައިރީ ދާންޖެހިއްޖެޔޭ ބުނެ ގެއިން ނުކުންނަން އައިތަން އައެވެ. ދަރިފުޅު ގޮސް ގޭޓުން މަގުމައްޗަށް ނުކުންނަންދެން ޕޯޓިކޯގައި ޝަބްނަމް ބަލަން ހުއްޓެވެ.
މެންދުރުވީއިރު ވެސް އޮފީހުގެ މަސައްކަތްތަކުން އައިތަންއަށް ސަލާމަތް ވެވޭ ގޮތެއް ނުވިއެވެ. ބައްދަލުވުންތައް ތަންކޮޅެއް ގިނަ ދުވަހަކީއެވެ. އައިރިކްގެ މަޤާމް ފުރާން ޖެހުމުން އެއީ ކިހާ ބުރަ މަސްޢޫލިއްޔަތެއްކަން އައިތަންއަށް އިޙްސާސް ކުރެވުނެވެ. މަސައްކަތް ދެކެ ލޯބިވާ މީހަކަށް އެއީ ބުރަކަމެއް ނޫނެވެ. އޭނާގެ ބޭބެއަށްވުރެ މަސައްކަތްދެކެ ލޯބިވާ މީހަކު އައިތަން ނުދެކެއެވެ. ވަގުތު ދާގޮތް ނޭނގިފައި އޮފީހުގައި އައިރިކް އިންނަތަން ކިތަންމެ ފަހަރަކު އައިތަންއަށް ހުރީ ފެނިފައެވެ. އައިރިކްއަށް ނޭނގި އޮފީހުގައި ކަމެއް ނުހިނގާނެއެވެ. މަސައްކަތާ ގުޅޭ ވާހަކައެއްނަމަ އޭނާއަށް ޖަވާބު ނުދެވޭނެ ސުވާލެއް ނުކުރެވޭނެއެވެ. އައިރިކްއާ އޮފީހުގެ ހުރިހާ ޒިންމާއެއް ބައްޕަ ހަވާލުކުރީ ވެސް އެހެންވެއެވެ.
ފޯނު ކޯލެއް އަންނަން ފެށުމުން އައިތަންގެ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށިއެވެ. އޭނާ ފޯނު ނަގައި މޭޒު ދަށުން ސިއްރުން ފޯނަށް ބަލާލިއެވެ. ނަންބަރު އަރާފައި އޮތަސް އެއީ ކާކުކަމެއް ނޭނގެއެވެ. އާންމުކޮށް ކާކުކަން ނޭނގުނަސް އޭނާއަށް ކޯލެއް އަތުވެއްޖެއްޔާ އެ ކޯލަކަށް އައިތަން ޖަވާބު ދެއެވެ. ނަމަވެސް މިވަގުތު އޭނާ އެ އިނީ އޮފީހުގައި ކުރިޔަށްދާ ބައްދަލުވުމެއްގައެވެ. ކޯލު ކަނޑާލީ އެހެންވެއެވެ. އެމީހަކު ތިން ފަހަރަށް ގުޅިއެވެ. ދެން އައީ މެސެޖެކެވެ.
"އިންތިޒާރު ކުރަމުން މިއައީ ތިކޯލަށް." މެސެޖު ފެނުމުން އައިތަންއަށް ހިތާހިތުން ބުނެލެވުނެވެ.
އައިތަން މެސެޖުކޮށްފައި އޮތީ މާޔަލްއެވެ. ގުޅަނީ ކާކުކަން ނޭނގޭތީ އައިތަން ފޯނަށް ޖަވާބު ނުދެނީއޭ މާޔަލްއަށް ހީކުރިކަން އޭނާ ލިޔެފައި އޮތް މެސެޖު ކިޔާލުމުން އައިތަންއަށް އެނގުނެވެ. މާވިއްކާ ފިހާރައިން ދިމާވި ރަޒާގެ ވައިފްގެ ކޮއްކޮ މާޔަލްކަން ލިޔެފައި އެއޮތީ އެހެންވެކަން ޔަގީނެވެ.
"މިވަގުތު ބިޒީ. ފްރީވިހާ އަވަހަށް އަހަރެން ގުޅާނަން." އައިތަން ވެސް މެސެޖެއް ލިޔެ ފޮނުވާލިއެވެ. އެއަށްފަހު ފޯނުގައި މާޔަލްގެ ނަންބަރު ސޭވްކޮށްލިއެވެ.
މާޔަލްގެ ކޯލަށްފަހު އައިތަންއަށް އިނދެވުނީ ބައްދަލުވުން ނިމޭނެ އިރަކަށް ކެތްމަދުވެފައެވެ. އޭނާއަށް ބައްދަލުވުން ބާއްވާ ކޮޓަރިން ނުކުމެވުނީ މެންދުރުފަހު ދޭއް ޖެހިފަހުންނެވެ. ފޯނުކޯލެއް ކުރާނޭ ވަގުތުކޮޅެއް ލިބުނަސް އަދި އޮފީހުން ނުކުމެގެން ނުދެވޭނެކަން އައިތަންއަށް އެނގެއެވެ. އެހެންވިޔަސް އޭނާ ފުރުސަތެއް ހޯދައި އެކަހެރިވެލިއެވެ. އަވަހަށް މާޔަލްއަށް ގުޅިއެވެ.
"ބުނީމެންނު ގުޅާށޭ." މާޔަލްގެ އަޑު އިވުނެވެ.
"މާޔަލް އެނގެން ބޭނުމިއްޔާއޭ އަހަރެން ބުނީ... ޔަގީންތަ ހުރިހާކަމެއް އެނގެން ބޭނުންކަން." އައިތަން އަހާލިއެވެ. އޭނާގެ އަޑުގައި ހިސާބެއްގެ ހަރުކަށިކަމާއި ދުރުކަން އެކުލެވިފައި ހުއްޓެވެ.
"ޔަގީން. އެކަމަކު... ކިހިނެއް ތިހަދަނީ ތެދުކަން އެނގޭނީ ކިހިނެއް." މާޔަލް ބުންޏެވެ. އެ ވާހަކަތަކުން އައިތަންއަށް ދަތްކުނޑިވިކާލެވުނެވެ.
"އެނގޭނެ. އަހަންނާއެކު ތަނަކަށް ދާން ކެރޭނެތަ؟. އޭރުން ހުރިހާކަމެއް އެނގިދާނެ. ހަގީގަތް އެނގެން ބޭނުމިއްޔާ މީހެއް ކައިރީ ބުނެގެންނުވާނެ. ހީވޭތަ މާޔަލްގެ ޢާއިލާ މީހުން ހުއްދަދޭނެހެން. ރަޒާއަށް އެނގޭނެ އަހަންނަކީ ކާކުކަން. ހިނގި އެކްސިޑެންޓްއާ ގުޅުން ހުރީ ކިހާ މިންވަރަކަށްކަން. އެކަމަކު އޭނާ ބުނާނޭ ހީވޭތަ." އައިތަންގެ ވާހަކައާއެކު މާޔަލް އެއްޗެކޭ ނުބުނެ ހިމޭންވީއެވެ. އައިތަންއަށް އިތުބާރު ނުކުރެވޭނެކަން ޚުދު އޭނާއަށް ވެސް އެނގެއެވެ. އެހެންވިޔަސް މާޔަލްއަށް ޖެހޭނީ އެހިތްވަރު ނެރެންށޭ އައިތަންގެ ޟަމީރު ވެސް އެއްބަސްވިއެވެ.
"ކޮންތާކަށް ދަނީ؟." އިރުކޮޅެއް ފަހުން މާޔަލް އަހާލިއެވެ.
"އަހަރެންގެ ގެއަށް. ގަލޮޅު ލާލުގެ." އައިތަން ބުންޏެވެ.
"އޯކޭ." މިފަހަރު މާޔަލްގެ ޖަވާބު އައީ އަވަހަށެވެ. ފަހަރެއްގައި އައިތަން ގޭގެ އެޑްރެސް ބުނީމާއޭ އޭނާ ހީކުރިއެވެ.
"ފައިވްއާއި ފައިވް ތާޓީއާ ދެމެދު އަހަރެން ގުޅާނަން. މާޔަލް އުޅޭތަން އެނގޭ. އަހަރެން ގުޅީމަ ނުކުންނަން ރެޑީވެ ހުންނާތި." އައިތަން އިރުޝާނު ދިނުމުން މިފަހަރު ވެސް މާޔަލް އޯކޭއޭ ބުނެލިއެވެ. އިތުރު ވާހަކައެއް ނުދައްކާ އައިތަން ކޯލު ކަނޑާލީއެވެ.
* * * * *
ލޯގަނޑު ކުރިމަތީ ހުރެ މާޔަލް އަމިއްލަ ސޫރައަށް ބަލާލިއެވެ. މުޅީން ހުދަށްނުވާ ގަމީސްހެން ގޮށްފަތި ލާފައި ހުރި ދިގު ކުރުތާ ކަށިމައްޗަށްވުރެ ތިރިއަށް ހުއްޓެވެ. އުޅަންބޮއްޓާ ހަމައަށް ހުރި އަތްކުރީގައި ރޫކޮޅެއް ޖައްސާފައި ހުއްޓެވެ. ކުރިމަތިންނާއި ދެ އަރިމަތިން ހުރީ ފަޅާފައެވެ. އެއާގުޅާ މާޔަލް ލައިގެން ހުރީ މަޑު "ކޮރަލްޕިންކް" ކުލައިގެ މަލެއް ނުކުމެއްފައިވާ މާކޯންޏެއްގެ ކުރެހުން ތަންތަންކޮޅުގައި ޕްރިންޓުކޮށްފައިވާ ފުޅާ ހުދު ހަރުވާޅެކެވެ. ހަރުވާޅަކަށްވުރެ ބޮޑަށް ލާފައި ހުންނައިރު ހީވަނީ ސްކާޓެއް ލާފައި ހުރީ ހެންނެވެ. މާޔަލްގެ އާންމު ހެދުން އެޅުމުގެ ވައްޓަފާޅި ހުންނަނީ އެފަދައިންނެވެ. ކުރު ޓޮޕްތަކަށްވުރެ އޭނާއަށް ރީތީ ކަށިމައްޗަށްވުރެ ކުރުނުވާނޭހެން ހުންނަ ދިގު ކުރުތާއާއި ފުޅާ ހަރުވާޅެވެ.
"އިވާން އަންނަނީތަ؟." ކޮޓަރިން ނުކުމެ ބެލްކަންޏާ ދިމާއަށް މާޔަލް އަންނާތީ ފެނި މަލަކް އަހާލިއެވެ. އޭރު މަލަކްއާއެކު އާމާލް ވެސް އިނެވެ. މާޔަލް ކޮޓަރިން ނުކުތީ ފަސްގަޑި ފަނަރަ ހިނގާ ދިޔައީމައެވެ. އައިތަންއަށް ގުޅަން ދެ ޚިޔާލެއްގައި ހުރެއެވެ.
"ފްރެންޑަކާއެކީ." އާމާލްއަށް ވެސް އަޑު އިވޭނޭހެން މާޔަލް ބުންޏެވެ.
"ކާކު." އާމާލްއަށް ވަގުތުން އަހާލެވުނެވެ. އެކްސިޑެންޓަށްފަހު މާޔަލް އެއްވެސް އެކުވެރިޔަކާއެކު ބޭރަށް ގޮސްފައެއް ނުވެއެވެ. ގިނަ ރައްޓެހިންތަކެއް ވެސް މާޔަލްގެ ނެތެވެ. ހޮސްޕިޓަލަށް މާޔަލްއަށް ގޮވާލަން އައީ ވެސް ދެ ކުއްޖެކެވެ. އެތަނުން އެކަކީ އިވާންގެ ކޮއްކޮ އައިމީއެވެ. އިތުބާރު ހިފޭ މީހަކާއެކު ނޫން ގޮތަށް ދަރިފުޅު ބޭރަށްފޮނުވަން އާމާލް ބިރުގަންނަނީއެވެ. އެކްސިޑެންޓްގެ ފަހުން އޭނާގެ ހިތުގައި އުފެދުނު ބިރެކެވެ. މާޔަލްއަށް ކަމެއްވެދާނޭތީއެވެ. އަނެއްކާވެސް ދަރިފުޅަށް އެފަދަ ހާލެއް ޖެހިދާނޭތީ ޖެހިލުންވަނީއެވެ.
"ކުރީގެ ފްރެންޑެއް. އަބަދު ގޭގަ އޮންނާކަށް ނުވާނެއެއްނު މަންމާ. މަޑުމަޑުން ބޭރަށް ނުކުމެ އުޅޭންވެއްޖެ މިހާރު... ފޯނު ހިފައިގެން މިދަނީ. މަންމަ ގުޅާއިރަށް ފޯނަށް އާންސާކުރާނަން." އާމާލްއަކީ ދަރީން ގޭތެރޭގައި ހިފަހައްޓައިގަނެހެން އޮބިއުޅޭ ފަދަ މަންމައެއް ނޫންކަން މާޔަލްއަށް އެނގެއެވެ. ދަރީންނަށް އިތުބާރުކޮށް މިނިވަންކަން އާމަލް ވަނީ ދީފައެވެ. އެހެންވިޔަސް މަންމަގެ މޫނުން ފާޅުވެލި ހާސްކަމާއި ކަންބޮޑުވުމުގެ ފަހަތުގައިވާ އެއްޗެއް މާޔަލްއަށް ތަރުޖަމާ ކުރެވެއެވެ. މަންމަ ވީމާ އެހެންވާނޭކަން އޭނާއަށް ޤަބޫލުކުރެވެއެވެ. ބެލްކަންޏާ ދިމާއަށް ދިއުމުގެ ބަދަލުގައި މާޔަލް އައިސް ހުއްޓިލީ ކާމޭޒު ކައިރީއެވެ. ގޮނޑީގައި އިން މަންމަގެ ފަހަތުން ގާތްވެލައި އޭނާ ބައްދާލިއެވެ. މަޒްހަރު އޮފީސް ނިންމާފައި އައިސް އެޕާޓްމެންޓަށް ވަނީ އެވަގުތެވެ. ބައްޕަގެ ވާހަކައަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް މާޔަލްގެ ފޯނު ރިންގުވާން ފެށިއެވެ. އެއްކޮނޑުގައި އަޅުވާލާފައި އޮތް "ކޮރަލް ޕިންކް" ކުލައިގެ އަތްދަބަހުން މާޔަލް ފޯނުނެގިއެވެ. ހޫންއެއް ލައްވާލުމާއެކު އެ ކޯލު ނިމިއްޖެއެވެ.
"ދަނީ މަންމާ... އަންނާނަން އަވަހަށް." މާޔަލް ބުންޏެވެ.
"ބަލައިގެން އުޅެއްޗޭ." ކައިރިން އަޅާފައި ދިޔަ މާޔަލްގެ ބޮލުގައި އަތްޖައްސާލަމުން މަޒްހަރު ބުންޏެވެ. އާނއޭ ބުނެ މާޔަލް އެޕާޓްމެންޓުން ނުކުތެވެ.
ލިފްޓު ތެރޭ ހުރިއިރު މާޔަލްގެ ހިތްވަނީ އަވަސްވެފައެވެ. އޭނާ އައިތަންއާއެކު ދާން އެއްބަސްވިޔަސް އެ ނިންމުމާމެދު ޔަގީންކަމެއް ނެތެވެ. ހިތާއި ސިކުނޑިވަނީ އެކިއެކި ވަހުމްތަކުން ފުރިފައެވެ. ކުރެވެން މިއުޅެނީ ރަނގަޅުކަމެއްކަން އަމިއްލަ ޟަމީރަށް ވެސް ނިންމާކަށް ނޭނގުނެވެ. އެހެންވިޔަސް އޭނާ އެ އަންނަނީ އައިތަންއާއެކު ދާށެވެ. ޢާއިލާގެ މީހެއް ކައިރީ ވެސް ނުބުނެއެވެ. ހަމަޖެހެން މަސައްކަތް ކުރިޔަސް އެކަން މާޔަލްއަށް ކާމިޔާބެއް ނުވިއެވެ. ކެރޭކަމަށް ހެދުނަސް އޭނާ ހަގީގަތުގައި ހުރީ ނުހަނު ބޮޑަށް ޖެހިލުންވެފައެވެ. އައިތަންގެ ހަގީގަތް ނޭނގޭތީއެވެ. ރަޒާގެ އެކުވެރިޔަކަށް ވިޔަސް މާޔަލްއަށް އޭނާއަކީ އިހަށްދުވަހު ފެނުނު ބީރައްޓެއްސެކެވެ. އައިތަންގެ ނުރުހުމުގައި އޭނާ މާޔަލްއާ ގާތްކަމެއް ބާއްވަން ބޭނުންވާނެއޭ ބުނެވޭނެ ޖާގައެއް ނެތެވެ. މަޑުމަޑުން ނިތްކުރީގައި މާޔަލް ފިރުމާލިއެވެ. އަތްތިލައިގައި މަޑު ތުރުތުރެއް ހުރިކަން އެނގުނީ އެހިނދުއެވެ. މަޑުމަޑުން އަތްތިލަ މުއްކަވާލައި ބާރުކޮށްލިއެވެ. ދެން އޭނާ ހަށިފުރާ ފުންނޭވާތަކެއް ލިއެވެ. ހިތުގެ ހިނގުން ހަމައަކަށް އެޅިގެން ނޫނީ އޭނާގެ ނަފްސު ހަމަނުޖެހޭނެކަން އެނގޭތީއެވެ. ލިފްޓު ހުއްޓުމަކަށް އައިސް ދޮރު ކެހިގެން ދިޔައެވެ. މާޔަލް މޭގައި އަތްޖައްސާލިއެވެ. ހަމަޖެހޭށޭ ހިތްކައިރީ އޭނާ ބުނާ ކަހަލައެވެ. ދެން އަތްތިލަ ތިރިކޮށްލުމާއެކު ލިފްޓުން ނުކުތެވެ. އިމާރާތުގައި އުޅޭ މީހުންގެ އުޅަނދުތައް ޕާކުކުރާ ބަޔަށް ވައްދާފައި އޮތް ކަޅުކުލައިގެ ކާރު ފެންނުނުއިރު މާޔަލްއަށް އޭގައި ލެނގިލައިގެން ހުރި އައިތަން ވެސް ފެނިއްޖެއެވެ. (ނުނިމޭ)