ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވެރިކަމުގެ ދެވަނަ ދައުރެއް ދޭކަށް ނުފެނޭ: މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ދިނުމަށް ފެނިވަޑައިނުގަންނަވާ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މަޝްހޫރު ގާނޫނީ ވަކީލް މުއިއްޒު މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އިއުލާނު ކުރެއްވި އިއުލާނު ކުރެއްވުމަށް އިޝާރާތް ކުރައްވައެވެ.

މިނިސްޓަރު މާރިޔާގެ ޓްވީޓް ރި-ޓްވީޓް ކުރައްވާ ކުރެއްވި ޓްވީޓެއްގައި މުއިއްޒު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ދިނުމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"ވެރިކަމުގެ ދެވަނަ ދައުރެއް ދޭކަށް ނުފެނޭ. ނުފެނޭ ދޭން ޖެހޭ ސަބަބެއް،" އަވަސް އިން ގެނެސްދިން ހަބަރަކަށް މުއިއްޒު ކުރެއްވި ކޮމެންޓެއްގައި ވިދާޅުވިއެވެ.

ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ސޯލިހް ކުރިމަތިލެއްވުމަށް ތާއީދުކުރައްވާ މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ. ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖޭގެ ފުރަތަަ ޑިފެންސް މިނިސްޓަރު ކަމަށް މާރިޔާ އައްޔަންކުރެއްވީ ނޮވެމްބަރު 17، 2018 ގައެވެ.

އެކަން ފާހަގަކުރައްވާ މާރިޔާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ވަޒީރުންގެ މަޖިލީހުގައި ރައީސް ސޯލިހާ އެކު މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިގަތުމުން ރައީސް ސޯލިހަކީ މީހުން ގޮވައިގެން މަސައްކަތް ކުރައްވަން އެނގިވަޑައިގަންނަވާ ލީޑަރެއް ކަން ފާހަގަކުރެއްވުނު ކަމަށެވެ. މާރިޔާ ވިދާޅުވީ ރައީސް ސޯލިހަކީ ކެތްތެރި، ހުޅުވާލެވިފައިވާ ވިސްނުމަކުން ކަންކަން އަޑުއައްސަވާ އަދި ކަންކަން ނިންމެވުމުގައި ވަރަށް ގާބިލް ބޭފުޅެއް ކަމަށެވެ.

"2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ ކެންޑިޑެސީއަށް ފުރިހަމައަށް ތާއީދުކޮށް އެމަނިކުފާނާ އެކު ކުރިއަށް ދިއުމަށް އަޅުގަނޑު ނިންމައިފިން،" މާރިޔާ ވިދާޅުވެފައިވެ އެވެ.

މާރިޔާގެ ފަހުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ހެލްތް މިނިސްޓަރު އަހުމަދު ނަސީމްވެސް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ބޭފުޅުންގެ ތާއީދު އޮތީ ރަައީސް ސޯލިހަށް ކަމަށް ވިދާޅުވެ އެކަން ހާމަކުރައްވާފައެވެ.