އައިޖީއެމްއެޗް

އައިޖީއެމްއެޗަށް ދާއިރު މާސްކް އެޅުމަށް އިލްތިމާސްކޮށްފި

Jun 14, 2022

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވާން ފެށުމާ ގުޅިގެން ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް -- އައިޖީއެމްއެޗްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފި އެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފައިވާ ހާލަތަށް ރިއާޔަތްކޮށް ހޮސްޕިޓަލުގައި އަމަލުކުރަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ހޮސްޕިޓަލަށްދާ ބަލިމީހުންނާއި ބަލިމީހުންގެ އެހީތެރިންނާއި އަދި އެކި ބޭނުންތަކުގައި ހޮސްޕިޓަލަށް ޒިޔާރަތް ކުރާ މީހުން ހޮސްޕިޓަލަށް ވަންނައިރު މިއަދުން ފެށިގެން މާސްކް އެޅުމަށް އައިޖީއެމްއެޗުން ވަނީ އަންގާފަ އެވެ. ކޮވިޑު ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި ހުރިހާ ފަރާތްތަކަކުން އެއްބާރުން ދިނުމަށްވެސް އެދިފައިވެ އެވެ.

އެޗްޕީއޭ އިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެފައި އޮތުމަށް ފަހު އަނެއްކާވެސް އެ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ.

އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވަނީ މިދިޔަ ހަފްތާގައި 142 މީހަކަށް ބަލި ޖެހިފައިވާ ކަމަށާ މިއީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު 69 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އަދި ސާމްޕަލް ޕޮޒިޓިވިޓީ އާއި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާ ކަމަށެވެ. މެއި މަހު އެޑްމިޓް ކޮށްފައިވަނީ 15 މީހުން ކަމަށާ ނަމަވެސް ޖޫން މަހުގެ މިހާތަނަށް 11 މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހިފައިވާ ކަމަށެވެ.

އެހެން ކަމުން ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް އެދިފައިވެ އެވެ. އެގޮތުން ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް އެހެން މީހުންނާ އެކަހެރިވެ ޓެސްޓް ކުރުމާއި، ބަލީލީގެ އަލާމާތްތައް ހުރި މީހުން އަދި ބަލީގެ ސަބަބުން ނުރައްކާވެދާނެ މީހުންނާއި އެފަދަ މީހުންނާއެކު ދިރިއުޅޭ ނުވަތަ އެފަދަ މީހުން ބަލަހައްޓާ މީހުންނާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގަ އާއި އެތަންތަނަށް ޒިޔާރަތްކުރާއިރު މާސްކު އެޅުމަށް ވަނީ އެދިފަ އެވެ. ކޮވިޑަށް ޕޮސިޓިވް ވެއްޖެ ނަމަ އެކަހެރިވުމާއި ކޮންޓެކްޓުންގެ މައުލޫމާތު ފޯރުކޮށްދިނުމަށްވެސް އެދިފައިވެ އެވެ.

މީގެ އިތުރުން ވެކްސިންގެ ޑޯޒުތައް ފުރިހަމަ ނުވާ މީހުން ވެކްސިން ފުރިހަމަ ކުރުމަށާާއި އުމުރުން 12 އަހަރުން މަތީގެ މީހުން ވެކްސިންގެ ދެ ޑޯޒު އަދި 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ދެ ޑޯޒު ފުރިހަމަކޮށް ހަމަސް ވެފައިވާނަމަ ބޫސްޓާ ޖެހުމަށް ވަނީ އެދިފައިވެ އެވެ.