ދުނިޔެ

ދެކުނު ސޫދާނަށް ކާންދޭނެ ފައިސާއެއް ނެތް: އދ

ދުނިޔޭގެ ނިކަމެތި ފަގީރުންނަށް ކާން ދިނުމަށް އދ. އިން ހިންގާ "ވޯލްޑް ފުޑް ޕްރޮގްރާމް" ދެމެހެއްޓުމުގައި ދަތިތަކެއް ހުރި ކަމަށް އެ އިދާރާއިން ބުނެފި އެވެ. ވޯލްޑް ފުޑް ޕްރޮގްރާމުން ބުނި ގޮތުގައި ދެކުނު ސޫދާންގައި އެއްވެސް ފަދައެއް ނެތް ފަގީރުންނަށް ކާންދެވޭ ވަރުވެސް އެ އިދާރާގައި ނެތެވެ.

ފަގީރުންނަށް ކާން ދެވެން ނެތް ސަބަބެއް ކަމަށް އެ އިދާރާއިން ބުނީ ފައިސާ ނެތުމެވެ. ފައިސާ ނެތުމުގެ ސަބަބުން ދެކުނު ސޫދާނަށް ކާން ދިނުން ވަގުތީ ގޮތުން ހުއްޓާލާފާއި އޮތް ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.

ދެކުނު ސޫދާންގެ ވެރިރަށް ޖޫބާއިން ބުނި ގޮތުގައި ފަގީރުންނަށް ކާންދޭނެ ފަދައެއް އދ. ގައި ނެތުމަކީ ބޮޑު ހިތާމައެކެވެ. އަދި ބުނީ ކާބޯތަކެތީގެ ގޮތުގައި އދ. އިން ފޯރު ކޮށްދޭ އެހީތެރިކަން ހުއްޓާލުމުން ގިނަ ބަޔަކު ބަނޑަށް މަރުވާނެ ކަމަށާއި އެ ހާލަތުގައި މިހާރު ވެސް 1.7 މިލިއަން މީހުން ތިބި ކަމަށެވެ.

އދ. ގެ އިންސާނީ އެހީއާ ބެހޭ އިދާއިން ލަފާކުރާ ގޮތުގައި މި އަހަރުގެ ބާކީ އޮތް ބަޔަށް އެކަނި ވެސް 426 މިލިއަން ޑޮލަރު ބޭނުން ވާނެ އެވެ.

ދެކުނު ސޫދާންގެ ހާލަތު މިހާ ބޮޑަށް ގޯސްވުމުގައި ދުނިޔޭގެ މަސްރަހު ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމަށް އދ. އިން ބުނެ އެވެ. ދުނިޔެ ކޮވިޑުން އަރައި ނުގަނެވިގެން އުޅެނިކޮށް ރަޝިއާއިން ޔުކްރޭނަށް ހަމަލާ ދޭން ފެށުމަކީ ވެސް ޚާއްސަކޮށް ފަގީރު ގައުމުތަކަށް ދިމާވި ބަލިމަޑުކަމެކެވެ.

އަނެއްކޮޅުން ދެކުނު ސޫދާންނަށް މިއީ މޫސުން ބީރައްޓެހި ދުވަސްވަރެކެވެ. ފެން ނުލިބުނުގެ ސަބަބުން ބިންގަޑު ވަރަށް ބޮޑަށް ހިކި ވަނީ ނޮޅިގެން އަރާފަ އެވެ.

ވޯލްޑް ފުޑް ޕްރޮގްރާމްގެ އޮފިޝަލަކު ޚަބަރަށް ބުނި ގޮތުގައި ދުނިޔެއަށް ކާންދެވޭ ވަރަށް މިހާޜު ފައިސާއެއް ނުލިބެ އެވެ. އަދި ލިބޭ އެއްޗަކުން ފަގީރުންގެ ހައްގުތަށް ކަށަވަރު ކޮށްދޭނެ އެއްވެސް ގޮތެއް ނެތެވެ.

އދ. އިން ބުނީ ކުޑަކުދިންނަށާއި އަންހެނުން އަދި އުމުރުން ދުވަސްވީ މީހުންނަށް އަޅާލެވޭ ގޮތެއް ނެތުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.

އެހީދޭ ޖަމާތްތަކުން ފޯރުކޮށްދޭ އެހީ އިތުރުކޮށްގެން ނޫން ގޮތަކަށް ހާލަތުން އަރައި ނުގަނެވޭނެ ކަމަށް ވެސް ވޯލްޑް ފުޑް ޕްރޮގްރާމުން ބުނެ އެވެ.