ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ކަމުގައި ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ މެންބަރު އަދި އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ. ސަމީރަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރެކެވެ.
ރައީސް ސޯލިހަށް ރިޔާސީ ދެވަނަ ދަައުރެއް ހޯއްދަވައިދެއްވުމަށް އެމަނިކުފާނުގެ މިނިސްޓަރުން އިސްވެ ނިކުންނަވާ މަސައްކަތް ފައްޓަވާފައިވާއިރު ސަމީރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހަކީ ރައްޔިތުންނަށް އޯގާތެރި ލީޑަރެއް ކަަމަށެވެ. އަދި އެމަނިކުފާނަށް ދެވަނަ ދައުރަކަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ތާއީދު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ކަމުގައި އެމަނިކުފާނުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުންގެ ތެރެއިން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވަނީ ހާމަކުރައްވާފައެވެ. މިއީ މުޅީންވެސް އެމްޑީޕީގެ ސްލޮޓްތަކުގައި މިނިސްޓަރު ކަމުގައި ތިއްބެވި ބޭފުޅުންނެވެ.
އެމްޑީޕީ ފިޔަވައި އެހެން ޕާޓީއެއްގެ އިސް ބޭފުޅެއް ރައީސް ސޯލިހަށް ތާއީދު ކުރައްވާކަން ހާމަކުރެއްވި ފުރަތަމަ ބޭފުޅަކީ ސަމީރެވެ. ސަމީރުގެ މި ނިންމެވުމުން ހާއްސަވާ އެއް ސަބަބަކީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމަށް ސަމީރު ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީ އާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތާއީދު މުހިންމު ވުމެވެ. ރިޔާސީ ދެވަނަ ދައުރަކަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ސޯލިހް އިއުލާނު ކުރެއްވީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. އޭގެ ފަހުން ހުކުރު ދުވަހުގެ ހެނދުނު ކުއްލި ގޮތަކަށް މާމިގިއްޔަށް ވަޑައިގެން ގާސިމާ ބައްދަލު ކުރެއްވިއެވެ. އަދި އެ ރޭ ގާސިމްގެ ސަން އައިލެންޑްގައި އިތުރު މަޝްވަރާތައް ބޭއްވެވިއެވެ.
ޖުމްހޫރީ ޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާ މާކުރީން އެކަން އިއުލާނު ކޮށްފައެވެ. އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރަކަށް ތާއީދު ކުރައްވަން ނުވަތަ ނުކުރައްވަންވެސް އަދި ނުނިންމަވާ ކަަމަށް ވިދާޅުވެފައެވެ. އެފަދަ ނިންމުމެއް ނިންނެވުމަށް އަދި މާ އަވަސް ކަމަށް ވިދާޅުވިއެވެ.