ބޮލީވުޑް

ދީރަޖް "ކުންޑްލީ ބާގްޔާ" ދޫކޮށްލައި އެހެން ޝޯއަކަށް

ޓީއާރުޕީ ޗާޓުގެ އެންމެ ކުރީގައި އުޅޭ އެއް ޝޯ ކަމަށްވާ "ކުންޑްލީ ބާގްޔާ" ގައި ލީޑް ރޯލު އަދާކުރި ދީރަޖް ދޯޕަރް އެ ޝޯ ދޫކޮށްލައިފި އެވެ. އަދި މުޅިން އާ ޝޯ އެއް ކުޅެން ސޮއި ކޮށްފި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. ސުރްބީ ޗަންދްނާ އާއެކު ދީރަޖް އަލަށް ކުޅެން ހަމަޖެހިފައވާ ޝޯގެ ނަމަކީ "ޝަރްދިލް ޝާގިލް" (އެސްއެސް) އެވެ.

ދީރަޖްގެ އާ ޝޯގެ މައުލޫމާތު ރަސްމީކޮށް އަދި ހާމަ ކޮށްފައެއް ނުވެ އެވެ. ނަމަވެސް ކުރިޔަށް އޮތް ދެ ހަފުތާގެ ތެރޭގައި ޝޫޓިން ފަށަން ތައްޔާރުވަމުންދާ ކަމަށް ވެއެވެ. މި ޝޯ އަކީ އިންޑިއާގެ އެކި ޗެނަލްތަކުން ދައްކާ "ސާސް-ބަހޫ" (މައިދައިތަ އާއި ޅީދަރި) ގެ ހަނގުރާމަ ދައްކުވައިދޭ ސިލްސިލާ ތަކާ މުޅިން ތަފާތު ޝޯއެއް ކަމަށް ޚަބަރުތައް ބުނެ އެވެ.

"ކުންޑްލީ ބާގްޔާ" އިން ވަކިވުމަށް ފަހު ދީރަޖް ދީފައިވާ އިންޓަވިއު އެއްގައި ބުނީ އެ ޝޯގައި އޭނާ ކުޅުނު ކަރަންގެ ކެރެކްޓާ އާއި އަސްލު ދީރަޖް އާ ވަރަށް އެއްގޮތް ކަމަށެވެ. އެހެންވެ އެ ޝޯއިން ވަކިވާން ނިންމިޔަސް ވަރަށް ދެރަވެފައި ހުރި ކަމަށެވެ.

ދީރަޖް ޝޯ ދޫކޮށްލުމުން އޭނާ ކުޅުނު ކެރެކްޓާ މިހާރު ކުޅެން ހަމަޖެހިފައި ވަނީ ޝަކްތީ އަރޯރާ އެވެ.