ބޭރު ކުޅިވަރު

ވާޑީ ދެ ހަފުތާ އަށް ކުޅުމާ ދުރަށް

އިނގިރޭސި ޕްރެމިއާ ލީގުގައި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލެސްޓަ ސިޓީގެ އެންމެ އިސް ފޯވަޑް ޖިމީ ވާޑީ ދެ ހަފުތާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

ތާވަލުގެ ދެ ވަނާގައިވާ ޓީމުގެ ފޯވަޑުގެ އުކުޅުވަޅަށް ހާނިއްކަވީ ބޯނެމައުތާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގަ އެވެ.

އިނގިރޭސި ގައުމީ ޓީމަށް ވެސް ނަގާފައިވާ ވާޑީ ވަނީ މި ސީޒަނުގައި މިހާތަނަށް 15 ލަނޑު ޖަހައިފަ އެވެ. އަދި ޖެހިޖެހިގެން 10 މެޗުގައި އިނގިރޭސި ލީގުގައި ލަނޑު ޖަހައި އޭނާ ވަނީ މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ފޯވަޑް ރުޑްވޭން ނިސްޓެލްރޫއީގެ ރެކޯޑް ވެސް މުގުރާލައިފަ އެވެ.

ވާޑީ ނެތުމަކީ ލެސްޓާ ސިޓީ އަށް ކުރިމަތިވާނެ ބޮޑު މައްސަލައެކެވެ. ނަމަވެސް ކޯޗު ކްލައުޑިއޯ ރަނިއޭރީ ވަނީ މި ސީޒަނުގައި ޓީމު ދައްކަމުން އަންނަ ކުޅުމަކީ މުޅި ޓީމުގެ ހިތްވަރުން ނެރޭ ނަތީޖާތަކެއް ކަމަށް ބުނެފަ އެވެ.