އެމްޓީސީސީ

މާލޭގައި އަންނަ މަހު މިނީ ބަހުގެ ހިދުމަތް ފަށަނީ

Jun 15, 2022
2

މާލޭގައި އަންނަ މަހުގެ ތެރޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.

އެމްޓީސީސީގެ ފަރާތުން މިކަން ހާމަކުރެއްވީ "ރައްކާ ރޯޑް ސޭފްޓީ ޕާޓްނާޝިޕް" އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 100 ދުވަހުގެ ތެރޭގައި ކުރަން ނިންމެވި ކަންކަމުގެ ތެރޭގައި ހިމެނޭ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.

އާޒިމް މިއަދު ވިދާޅުވީ މާދަމާގެ ވަގުތެއްގައި މާލެ ތެރޭގައި ގިނަ އަދަދެއްގެ ކުދި ބަސްތައް ދަތުރުކުރާނެ ކަމަށެވެ. ނަމަވެސް ރަސްމީކޮށް މިނީ ބަހުގެ ހިދުމަތް ފަށާނީ އަންނަ މަހުގެ ތެރޭގައި ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ 50 އަށް ވުރެ ގިނަ ބަސް މާލޭ ސަރަހައްދުގައި ދުއްވަން ފަށާނެ،" އާޒިމް ވިދާޅުވި އެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީއާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު 2019 ވަނަ އަހަރުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއި ކޮށްފައިވެ އެވެ. ނަމަވެސް މިނީ ބަހުގެ ހިދުމަތް ފެށުން ވަރަށް ބޮޑަށް ލަސްވެގެން ދަނީ އެކަމަށް ބޭނުންވާ ފައިސާ މުޅިން ހަމަޖެހިފައި ނުވާތީ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ ކުރިން ވިދާޅުވެފައިވެ އެވެ.