ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އެތެރޭގެ އިންތިހާބުތައް އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ބާއްވަން ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނަށް މިއިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ.
މިބިލް ދިރާސާކުރި އިޖުތިމާއީ ކޮމިޓީން މަޖިލީހުގެ ރިޔާސަތަށް ކޮމިޓީގެ ރިޕޯޓް ފޮނުވީ މިބިލް ފާސްކުރަން ނުފެންނަ ކަމަށް ކަނޑައެޅުމަށްފަހު އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ފުރަތަމަ ވޯޓަށް އެއްސެވީ ބިލް ފާސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށެވެ. އެވަގުތު ޖަލްސާގައި ތިއްބެވި 60 މެންބަރުންގެ ތެރެއިން ބިލު ފާސްކުރަން ވޯޓު ދެއްވީ 18 މެންބަރުންނެވެ. ބިލު ފާސްކުރުމާ ދެކޮޅަށް 35 މެންބަރުން ވޯޓު ދެއްވި އެވެ.
ބިލް ފާސްނުވުމުން ރިޔާސަތުން ދެވަނަ ފަހަރަށް ވޯޓަށް އެހީ އެ ބިލް އަލުން ކޮމިޓީއަށް ފޮނުވުމަށް މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށެވެ. އެވަގުތު ޖަލްސާގައި ތިއްބެވި 60 މެންބަރުންގެ ތެރެއިން ބިލް ކޮމިޓީއަށް ފޮނުވުމަށް ވޯޓު ދެއްވީ 21 މެންބަރުންނެވެ. ބިލް ކޮމިޓީއަށް ފޮނުވުމާ ދެކޮޅަށް 31 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.
ބިލް ފާސްކުރަންވެސް އަދި ބިލް އަލުން ދިރާސާކުރަން ވެސް މެންބަރުންނަށް ފެނިވަޑައިނުގަތުމުން އެ ބިލް ވަނީ މަޖިލީހުގެ ނިޒާމުން ބޭރުވެފަ އެވެ.
ހަސަން އިސްލާހު ހުށަހަޅުއްވާފައިވަނީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އެތެރޭގެ އިންތިހާބުތަކާ ބެހޭ އެންމެހާ ކަންކަން އިލެކްޝަން ކޮމިޝަނުން އިންތިޒާމު ކުރަންޖެހޭ ގޮތް ހަމަޖެއްސުމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ބާއްވާއިރު އެކޮމިޝަނުން ބޭނުންވާ ލިޔުންތަކާއި އެހެނިހެން ވަސީލަތްތައް ކޮމިޝަނަށް ފޯރުކޮށްދިނުމަށްވެސް އިދާރާތަކަށް އިސްލާހުގައި ލާޒިމުކޮށްފައިވެ އެވެ.
ހަސަން މިއިސްލާހު މަޖިލީހަށް ހުށަހެޅުމާ އެކު ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރޭގައި ހިމެނޭ 18 އެސޯސިއޭޝަނަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އެތެރޭގެ އިންތިހާބުތައް މިހާރު ބާއްވަނީ އެ އެސޯސިއޭޝަނެއްގެ ހިންގާ ކޮމިޓީން ކަނޑައަޅާ އިލެކްޓޯރަލް ކޮމިޓީއެއް މެދުވެރިކޮށެވެ. އަދި އެ އެސޯސިއޭޝަނަކާ ގުޅޭ ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުންނާއި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން މިފަދަ އިންތިހާބުތައް މޮނިޓާކުރަމުން ވެސް ދެއެވެ.