ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

މަދީނާ އިސްލާމިކް ޔުނިވަސިޓީގެ ޝަރަފްވެރި އެވޯޑެއް ޑރ. ޝަހީމަށް

Jun 16, 2022
4

މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ތައުލީމު ހާސިލްކޮށްފައިވާ ހިދުމަތްތެރި ދަރިވަރުންނަށް އަރުވާ އެންމެ ޝަރަފްވެރި އެވޯޑް ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދަށް އަރުވައިފި އެވެ.

މަދީނާ އިސްލާމިކް ޔުނިވަސިޓީގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޝަހީމަށް އެވޯޑް ހަވާލު ކޮށްދެއްވީ މަދީނާގެ އަމީރު އަދި ސައުދި އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ދަރިކަލުން ފައިސަލް ބިން ސަލްމާން އެވެ.

ޖާއިޒަތުލްޚިއްރީޖީނައްރުއްވާދުގެ ނަމުގައި ދޭ މި އެވޯޑަކީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީގެ ކުރީގެ ދަރިވަރުންގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރައްވާ އަދި ލީޑަޝިޕް ހުނަރު ދައްކަވަމުން ގެންދަވާ ބޭފުޅުންގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ ޔުނިވާސިޓީން ދޭ އެންމެ މަތީ ދަރަޖައިގެ އެވޯޑެކެވެ.

އެވޯޑާ ހަވާލުވެވަޑައިގަތުމަށް ޝަހީމް މަދީނާ އަށް ކުރައްވާ މިދަތުރުފުޅުގައި މަދީނާ އިސްލާމިކް ޔުނިވަސިޓީގެ 58 ވަނަ ދަސްވެނިވުމުގެ ހަފްލާގައި ހާއްސަ މެހުމާނެއްގެ ގޮތުގައިވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

މީގެއިތުރުން ޝަހީމުގެ މިދަތުރުފުޅުގައި މަދީނާ އިސްލާމިކް ޔުނިވަސިޓީގައި ތައުލީމު ހާސިލްކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މިހާރަށް ވުރެ ގިނަ ފުރުސަތުތައް ހޯދައިދިނުމަށް އެ ޔުނިވަސިޓީގެ އިސްވެރިންނާ އެކު މަޝްވަރާކުރެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ (އައިއައިޔޫއެމް)ގެ ކުރީގެ ދަރިވަރުންނަށް ދޭ ޝަރަފްވެރި އެވޯޑެއް ކަމަށްވާ -- އެލުމްނާއި ލީޑަޝިޕް އެވޯޑް ވެސް މީގެކުރިން ޝަހީމަށް ލިބިވަޑައިގެންފައިވެ އެވެ.

ސައުދި އަރަބިއްޔާގައި ހުންނަ އިސްލާމީ އުންމަތުގެ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމުގައިވާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ނަމޫނާއަކަށް ބަލައިގެން ރާއްޖޭގައި އުފައްދާފައިވާ ގައުމީ ފެންވަރުގެ ޖަމިއްޔާއެއް ކަމުގައިވާ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗާ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)ގެ އެންމެ އިސްވެރިޔަކީ ވެސް ޑރ. ޝަހީމް އެވެ.

ޝަހީމް ވަނީ ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ކަމާއި އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ޗާންސެލަރުގެ ކަމުގެ އިތުރުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރުގެ މަގާމުވެސް އަދާކުރައްވާފަ އެވެ. .