ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރަންޓްގައި ވަޅިން ހަމަލާދީ ބަންގްލަދޭޝް މީހަކު މަރާލި މައްސަލާގައި އެ ރެސްޓޯރެންޓްގެ ޝެފަކަށް މަސައްކަތްކުރި ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އާބިދަށް ދައުވާ ކޮށްފި އެވެ.
ޚާންޖީ ރެސްޓޯރަންޓްގައި މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ހިނގި ހާދިސާގައި އެތަނުގެ ޝެފަކަށް މަސައްކަތްކުރާ އާބިދު ވަނީ އެ ތަނުގައި މަސައްކަތް ކުރާ ވެއިޓަރަކަށް ބޮޑު ވަޅިއަކުން އެތައް ފަހަރަކު ހަމަލާ ދީފަ އެވެ. ކަރާއި ހަށިގަނޑު އެކި ގުނަވަންތަކަށް ފުން ޒަހަމުތައް ދީފައި ހުއްޓެވެ. އެ ހަމަލާތަކާއި ގުޅިގެން ވަގުތުން އޭނާ މަރުވި އެވެ.
މި މައްސަލަ އާއި ގުޅިގެން ދައުލަތުން އާބިދުގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ އިއްޔެ އެވެ.
މި ކުށުގެ އަދަބަކީ މަރުގެ އަދަބެވެ. އެކަމަކު ވާރިސުން މަރުގެ ދިޔަ ހޯދައި މައާފުދީފިނަމަ ނުވަތަ މަރުގެ ދިޔަ ނުހޯދައި މައާފުދީފި ނަމަ މަރަށް މަރު ނުހިފައި ތައުޒީރީ އަދަބެއް އެމީހާގެ މައްޗަށް ކަނޑައެޅޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
ޚާންޖީ ރެސްޓޯރެންޓުގައި ހިނގި މި ހާދިސާއަށްފަހު އާބިދު ފިލީ އެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ފިލައިގެން އުޅެނިކޮށް ޖެހިގެން އައި ދުވަހު ހުޅުމާލޭ ހިޔާ އަވަށުގެ ބީޗު ސަރަހައްދުންނެވެ.