ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރަންޓްގައި ވަޅިން ހަމަލާދީ ބަންގްލަދޭޝް މީހަކު މަރާލި މައްސަލާގައި އެ ރެސްޓޯރެންޓްގެ ޝެފަކަށް މަސައްކަތްކުރި ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އާބިދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަށް އިންކާރުކޮށްފި އެވެ.
މި މައްސަލައިގައި އާބިދުގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިއަދު ފަށާފައިވާއިރު އާބިދުގެ މައްޗަށް އުފުލާފައިވާ ދައުވާ އިއްވުމުން އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. ދައުލަތުން އުފުލި ދައުވާގައި ބުނެފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު، ޚާންޖީ ރެސްޓޯރެންޓްގައި މަސައްކަތްކުރި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޝަމީމް އާއި އޭނާއާއި ދެމެދު ހިނގި ހަމަނުޖެހުމުގައި ޝަމީމްއަށް ލިބުނު އަނިޔާގައި އޭނާ މަރުވެފައިވާ ކަމަށެވެ.
މި ކުށުގެ އަދަބަކީ މަރުގެ އަދަބެވެ. އެކަމަކު ވާރިސުން މަރުގެ ދިޔަ ހޯދައި މައާފުދީފިނަމަ ނުވަތަ މަރުގެ ދިޔަ ނުހޯދައި މައާފުދީފި ނަމަ މަރަށް މަރު ނުހިފައި ތައުޒީރީ އަދަބެއް އެމީހާގެ މައްޗަށް ކަނޑައެޅޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
އޭނާގެ ދިފާއީ ވަކީލް އިބްރާހިމް އަލީ ވިދާޅުވެފައި ވަނީ އާބިދު ވަޅިން ހަމަލާ ދީފައި ވަނީ އަމިއްލަ ނަފްސު ދިފާއު ކުރުމަށް ކަމަށެވެ. ޝަމީމް އޭނާގެ ބޮލުގައި އެއްޗަކުން ބާރަށް ޖެހުމުގެ ސަބަބުން ބޯ ބުރާންތިވެފައިވާ ކަމަށެވެ. އެވަގުތު އެއްޗެއް ނަގައި ހޫރައިލީ ކަމަށާއި އޭނާއަށް ނެގުނީ ކޯންޗެއް ކަމަށާއި ކުރެވުނީ ކީއްކަން ނޭންގޭ ކަމަށެވެ. އެހެންކަމުން ދައުވާގެ ސީޣާގައި ބަޔާންކޮށްފައިވާ ކަންކަމަށް އާބިދުގެ ފަރާތުން އިންކާރުކޮށް އެއީ ގަސްދުގައި ކުރެވުނު ކަމެއް ނޫން ކަމަށް ބުނެފައިވާ ކަމަށް ދިފާއީ ވަކީލް ވިދާޅުވި އެވެ.
ދައުވާއަށް އާބިދު އިންކާރު ކުރުމާއި ގުޅިގެން ދައުލަތުން ވަނީ ހެކި ހާމަކޮށްފަ އެވެ. އެކަމަކު ދިގު ލިސްޓެއް ކަމުން ވަކިވަކިން ހެކިންގެ ނަންތައް ކިޔައިފައެއް ނުވެ އެވެ.
މި މައްސަލައިގައި ހެކިބަސް ދޭން ތިބި ގިނަ މީހުންނަނީ ބިދޭސީން މީހުންނަށް ވާތީ ފަހަށް ރައްކާކުރުމަށް ކުރީބައިގައި ހެކިބަސް ނަގައިދިނުމަށް ދައުލަތުން އެދިފައިވެ އެވެ. އެހެންކަމުން އަންނަ ހޮނިހިރު ދުވަހު 11 ބިދޭސީ ރައްޔިތުންގެ ހެކިބަސް ނެގުމަށް ގާޒީ އިސްމާއީލް ޝަފީއު ވަނީ އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.
މި މައްސަލައިގައި ދިފާއީ ހެކި ހުށަހެޅުމަށް އާބިދަށް ވަނީ 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އަދި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ދެ ފަރާތަށް ވަނޫ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ޚާންޖީ ރެސްޓޯރެންޓުގައި ހިނގި މި ހާދިސާއަށްފަހު އާބިދު ފިލީ އެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ފިލައިގެން އުޅެނިކޮށް ޖެހިގެން އައި ދުވަހު ހުޅުމާލޭ ހިޔާ އަވަށުގެ ބީޗު ސަރަހައްދުންނެވެ.