ރައީސް އަބްދުﷲ ޔާމީން

އާރަށު މައްސަލަ: ހެކިބަސް ނަގަން ފަށައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކޮށްފައިވާ ވ. އާރަށު މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ހެކިބަސް ނަގަން ފަށައިފި އެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ދެން ދައުވާ ލިބޭ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު، ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި ދެ ފަރާތުން ވެސް ދައުވާތަކަށް އިންކާރުކުރައްވާފައި ވާތީ ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގަން ފަށައިފައި ވަނީ މިއަދު އެވެ. އެގޮތުން މިއަދު ވަނީ މޯބައިލް ފޮރެންސިކް ރިޕޯޓެއް ތައްޔާރުކުރި ފުލުހުންގެ އޮފިސަރެއްގެ ހެކިބަސް ނަގައިފަ އެވެ.

ފޮރެންސިކް ތަހުލީލުކޮށްފައި ވަނީ ޔޫސުފް ނައީމްގެ ނަންބަރާއި މުއާމަލާތްކޮށްފައިވޭތޯ ބެލުމަށް ތިން އައިފޯނަކުން ނަގާފައިވާ ޑޭޓާތަކެކެވެ. އެ ތިން ފޯނު ނިސްބަތްވަނީ ކޮން ފަރާތްތަކަށް ކަން އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

ހެކިބަސް ދެމުން އޮފިސަރު އަބްދުﷲ ޝިފާޒް ވިދާޅުވެފައި ވަނީ މި ތަހުލީލުތައް ކުރިއިރު އެ ނަންބަރުގެ ކޯލް އެލާޓާއި، މެސެޖު އަދި ވައިބާ ޗެޓު ލޮގް ފެނިފައިވާ ކަމަށެވެ. އެ މުއާމަލާތްތަކުގައި ނުވަތަ މެސެޖުތަކުގައި ދައްކާފައިވާ ވާހަކަތަކުގެ ތަފްސީލު ނޭންގޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މި ހެކިވެރިޔާ އާއި ހުރިހާ ފަރާތަކުން ވެސް ގިނައިން ސުވާލުކޮށްފައި ވަނީ އޭނާއަށް ތައުލީމީ ގޮތުން ލިބިފައިވާ ތަޖުރިބާ އާއި، މިފަދަ މަސައްކަތްތަކުގެ ޕްރޮސެސް އޮންނަ ގޮތާއި ރިޕޯޓުގެ ސައްހަކަމާ ބެހޭ ގޮތުންނެވެ.

މި މައްސަލައިގައި މިއަދަށް ދެ ފަރާތެއްގެ ހެކިބަސް ނަގަން ތާވަލުކުރި އެވެ. އެކަމަކު އަޑުއެހުމުގައި ގިނަ ވަގުތުތަކެއް ހޭދަވަމުންދާތީ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ދެވަނަ ހެކިވެރިޔާގެ ހެކިބަސް ނެގުން އެހެން ދުވަހަކަށް ތާވަލުކޮށްފަ އެވެ. މިއަދުގެ އަޑުއެހުން ފެށުނީ ވެސް އަޑުއެހުން ފައްޓަން ތާވަލުކުރި ވަގުތައްވުރެ ގަޑިއިރެއް ފަހުންނެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ގާޒީ ވިދާޅުވެފައި ވަނީ މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް ހެކިބަސް ނެގުން ކުރިއަށްދާނެ ކަމަށެވެ. އަދި މި މައްސަލައިގެ ހުކުމް ސެޕްޓެމްބަރު މަހު ކުރައްވާނެ ކަމަށެވެ.