އެމްޓީސީސީ

އަންނަ މަހު ޓްރާންސްޕޯޓް ފޯ މޯލްޑިވްސް ހިނގައި ގަންނާނެ: ހަލީމް

ޓްރާންސްޕޯޓް ފޮ މޯލްޑިވްސް (ޓީއެފްއެމް) ގެ މަސައްކަތްތައް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގު ހަލީމް ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ހިއްސާވާ މި ކުންފުނި އުފެއްދީ މާލެ، ހުޅުމާލޭގެ އެއްގަމު އަދި ކަނޑުމަތީ ދަތުރުފަތުރުތަކުގެ ނިޒާމް ހަރުދަނާ ކުރުމަށެވެ. އެހެން ނަމަވެސް ޓީއެފްއެމްގެ މަސައްކަތްތަކެއް އަދި މިހާތަނަށް އޮތީ ނުފަށަ އެވެ.

އަލަށް އުފެއްދި، ޓީއެފްއެމްއާ ބެހޭގޮތުން ހަލީމް މިއަދު ވިދާޅުވީ ޖޮއިންޓްވެންޗާ ކުންފުނީގެ ބޯޑާއި ބިޒްނަސް ޕްލޭނާއި ބަޖެޓްވެސް ހަމަޖެހި މިހާރު އޮތީ ބޯޑަށް ހުށަހަޅާ ހިސާބުގައި ކަމަށާއި ނަމަވެސް އިދާރީ ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގެ އޮޕަރޭޝަންތަކަކީ އެންމެ ދުވަހަކަށްވެސް މަޑު ނުޖެހި ހުއްޓުމެއް ނެތި ކުރަން ޖެހޭ މަސައްކަތަކަށްވާތީއާއެކު ކުންފުނީގެ ބައެއް ކަހަލަ އިދާރީ ކަންތައްތައް ހަމަޖައްސަން ޖެހޭ ކަމަށެވެ.

"މިފަދަ ސަބަބުތަކަކާ ހެދި އަދި ކުންފުނި ތެރެއިން ރަނގަޅަށް އޮޕަރޭޝަންތައް ނުފެށިގެން މި އުޅެނީ. ނަމަވެސް އުޅުގަނޑުމެން މި އުންމީދު ކުރަނީ އަންނަ މަހުތެރޭގައި ކުންފުނި ފުލީ ފަންޝަނަށް އަންނާނެ ކަމަށް،" ހަލީމް ވިދާޅުވި އެވެ.

މާލެއާ ހުޅުމާލެއާ ދެމެދު ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ އިތުރުން ހުޅުމާލެ ތަރައްގީވަމުން އަންނަ އިރު ހުޅުމާލޭއާއި ޔޫތު ސިޓީގެ ދަތުރުފަތުރުގެ ނިޒާމް ޓީއެފްއެމްގެ ދަށުން ހިނގުމުގެ ވިސްނުން އެމްޓީސީސީން ގެންގުޅެ އެވެ.