ގުޅިފަޅު

ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކަން އެއް ބިލިއަން ރުފިޔާގެ ލޯނެއް ނަގައިފި

Jun 16, 2022
3

މާލެ ރައްޔިތުންނަށް ސަރުކާރުން ގޯތި ދޫކުރަން ނިންމާފައިވާ ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތަށް 1.6 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިފި އެވެ.

ސަރުކާރުން މި ލޯން ނަގާފައިވަނީ ނެދަލޭންޑްސްގެ އޭބީއެން އޭއެމްއާރްއޯ ބޭންކާއި ކޭއޭ ޔޫރަޕިއަން އެކްސްޕޯޓް އެންޑް ޓްރޭޑް ބޭންކްގެ އިތުރުން އައިއެންޖީ ބޭންކް މެދުވެރިކޮށެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ލޯނު އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. މިރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ލޯނުގެ ޖުމްލަ އަދަދު ފިޔަވާ އިތުރު އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ރައީސް ސޯލިހްގެ ސަރުކާރުން އެންމެ ފުރަތަމަ ނިންމާފައިވަނީ މާލޭގައި އޮތް ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކޮށް އެތަނުގައި ބައިނަލްއަގްވާމީ ފެންވަރުގެ ޕޯޓެއް ހެދުމަށްފަހު ގުޅިފަޅުން 600 އަކަފޫޓުގެ 1200 ގޯތި ދޫކުރުމަށެވެ. ނަމަވެސް މިދިޔަ ހަފްތާގެ ތެރޭގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނު މާލޭ ރައްޔިތުންނަށް ދޫކުރާނެ ކަމަށް ވައުދުވެވަޑައިގެންނެވި 5،000 ގޯތީގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރާ 2،000 ގޯތި ދޫކުރާނީ ގުޅިފަޅުން ކަމަށެވެ.

ގުޅީފަޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު 2010 ވަނަ އަހަރު އިންޑިއާގެ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް (ޖީޑީޕީ) ކުންފުންޏާއި ހަވާލުކޮށްގެން ހިއްކައިގެން މީހުން ދިރުއުޅުމަށް އެންމެ ފުރަތަމަ ތަރައްގީ ކުރި ރަށެކެވެ. އެކަމަކު ޖީޑީޕީން އެ ރަށް ތަރައްގީކުރުން ލަސްކުރަމުންދާ ކަމަށް ބުނެ ޖީޑީޕީގެ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ގޮތަށް ގުޅީފަޅު އިންވެސްޓްމަންޓް އުފައްދާ ފެބްރުއަރީ 6، 2016 ގައި އެކުންފުންޏަށް ގުޅިފަޅު ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެެވެ. ރައީސް ޔާމީންގެ ސަރުކާރުން ނިންމީ ލައިޓް އިންޑަސްޓްރީތަކެއް އެ ރަށުގައި ތަރައްގީ ކުރުމަށެވެ. އެހެންކަމުން މީހުން ދިރިއުޅެން ގުޅިފަޅުގައި ހަދާފައި ހުރި ހައުސިން ޔުނިޓްތަކަށް ބައެއް މީހުން ފައިސާ ދައްކާފައި ވަނިކޮށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެ ފްލެޓްތައް ސަރުކާރަށް ނަގާފަ އެވެ. އެކަމަކު ފްލެޓްތަކަށް ބަދަލު ދިނީ މިސަރުކާރުގަ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބަށް ބަލާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް ވަނީ ލޯންގެ ގޮތުގައި 38 ބިލިއަން ރުފިޔާ ނަގާފަ އެވެ. މީގެތެރޭގައި ހިމެނެނީ ސަރުކާރުން ދޫކޮށްފައިވާ 1.1 ބިލިއަން ރުފިޔާގެ ސޮވެރިން ގެރެންޓީއަކާއި 37 ބިލިއަން ރުފިޔާގެ ލޯނެވެ.