އެމްޓީސީސީ

މާލޭގައި ބަހުގެ ހިދުމަތް ދޭން އެމްޓީސީސީ އިން ހުށަހަޅައިފި

  • ބޮޑެތި ރަށްރަށުގައި ބަހުގެ ހިދުމަތް ދޭން ޝައުގުވެރިވޭ
  • މާލޭގައި ބަހުގެ ހިދުމަތް ދޭން ޖެހޭނީ ރޭވުންތެރިކަމާ އެކު
  • މާލޭގައި ބަހުގެ ހިދުމަތް އެމްވީކޭ އިން ނުދޭ

ބައެއް ބޮޑެތި ރަށްރަށުގައި މިހާރު ވެސް ބަހުގެ ހިދުމަތް ދޭ ގޮތަސް، އެމްޓީސީސީ އިން މާލެ އާއި އެހެން ވެސް ބައެއް އަތޮޅުތަކުގައި ރަށް ރަށުގައި ބަހުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ކަމަށް އެކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެ އެވެ.

ހަލީމް މިހެން ވިދާޅުވީ އިރު މިދިޔަ ނޮވެމްބަރު މަހު އިކޮނޮމިކް މިނިސްޓްރީން އިން ވަނީ މާލެ އާއި ހުޅުމާލެ އަދި އައްޑު އަތޮޅު ފަދަ ރާއްޖޭގެ ބޮޑެތި އާބާދީތައް ދިރިއުޅޭ ރަށްރަށުގައި ބަހުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅުމަށް ފުރުސަތު ހުޅުވާލައިފަ އެވެ.

"އަވަސް" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ސީއީއޯ ހަލީމް ވިދާޅުވީ މާލޭގައި މިހާރު ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދެނީ އެންމެ އެކަށީގެންވާ ފެންވަރެއްގައި ނޫން ކަމަށެވެ. އެގޮތުން ސަރުކާރުން ދާދިފަހުން މާލެ ފަދަ ބޮޑެތި ރަށްރަށުގައި ބަހުގެ ހިދުމަތްދޭން އިއުލާން ކުރުމުން އެކަމަށް އެމްޓީސީސީ އިން ޝައުގުވެރިކަން ފާޅުކޮށް ސަރުކާރަށް ހުށަހަޅާފައިވާނެ ކަމަށް ހަލީމް ވިދާޅުވި އެވެ. 

"މާލޭގައި އާންމު ރައްޔިތުންނަށާއި ސްކޫލުކުދިންނަށް ބަހުގެ ހިދުމަތް ދިނުމަކީ ވަރަށް ޕްލޭންޑް ކޮށް ސްޓްރެޓަޖައިޒް ކޮށް ކުރަން ޖެހޭނެ މަސައްކަތެއް. އަދި އަޅުގަނޑު ގަބޫލު ކުރަނީ އެކަން ކުރުން އެންމެ ރަނގަޅު ވާނީ އެކަމުގައި ތަޖުރިބާ ހުރި ފަރާތްތައް. އެހެން ކަމުން އެމްޓީސީސީ އިން ވެސް އެކަން ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާނެ އަދި އެކަން ވާނީ ސަރުކާރަށް ވެސް އަންގާފައި،" ހަލީމް ވިދާޅުވި އެވެ.

އެމްޓީސީސީ އިން މާލޭގައި ބަހުގެ ހިދުމަތް ދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު މިދިޔަ މަހު އިކޮނޮމިކް މިނިސްޓްރީ އިން ހުޅުވާލި އެ ފުރުސަތުގެ މުއްދަތު ވެސް ވަނީ އިތުރުކޮށްފަ އެވެ. އަދި އެމްޓީސީސީ އިން މިހާރުވެސް އަންނަނީ ހުޅުމާލޭގައި ފުޅާދާއިރާއެއްގައި ބަހުގެ ހިދުމަތް ދެމުންނެވެ. 

މާލޭގައި ބަހުގެ ހިދުމަތް ދޭން ހަވާލުކޮށްފައި ވަނީ، އެމްވީކޭއާ އެވެ. އެހެން ނަމަވެސް އެ ކުންފުނިން އެކަން އެކަށީގެންވާ ގޮތަކަށް ނުކުރެ އެވެ.