ދީން

ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުން

ހެޔޮކަންތައްތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމުން އެއްކިބާވުމަކީ އުއްމަތުގެ ހެޔޮކަން ނެތިގެންދާކަމެކެވެ. އަދުގެ ދުނިޔޭގެ މުސްލިމުންވަނީ ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން ދޫކޮށްލާފައެވެ. މީސްތަކުންގެ ހިތްތަކުންވަނީ ދީނަށް އޮތް ޣީރަތްތެރިކަން ނެތިގެންގޮސްފައެވެ. މަދު މީހަކު މެނުވީ މި އާފާތުން ސަލާމަތްވެފައި ނުވެއެވެ.

މިއަދު އިސްލާމީ މުޖްތަމަޢުތަކުގައި މުންކަރާތްތައްވަނީ އާއްމުވެފައެވެ. ފާހިޝް ޢަމަލުތަކާއި ދީނުގައި ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކަށް އަރައިގަތުމާއި، ވިޔާނުދާ ޢަމަލުތައް ޢާއްމުވެގެންގޮސްފައިވާ މިންވަރަކީ، އެކަންކަމަކީ ތަހުޒީބާ ތަރައްގީކަމުގައި ބަޔަކަށް ގަބޫލު ކުރެއްވެން ފަށާފައިވާ ހިސާބަށް ގޮސްފައިވުމެވެ. ހެޔޮ ޢަމަލުތަކަކީ ހަރުކަށި ފިކުރުކަމުގައިވަނީ ލޭބަލް ކުރެވިފައެވެ. ފާޖިރު ފާސިޤުންގެ ބަހަށް މަގޫބުލުކަން ލިބި މީސްތަކުން އެމީހުންގެ ވާހަކަތައް އަޑުއަހާ ބަލައިގަންނަ ބަޔަށް އެމީހުންވަނީ ބަދަލުވެފައެވެ. ދީންވެރިއެއްގެ ބަހެއް ނޫނީ ދީނީ ވާހަކައެއް އަޑުއަހަނީ މަދުބައެކެވެ. ދީނީ ނަޞޭހަތްތަކަށް ގިނަ ބަޔަކުވަނީ ފުރަގަސްދީފައެވެ. ޙައްޤާއި ބާޠިލު އޮޅިގެންގޮސް ބާޠިލަކީ ޙައްޤު ކަމުގައިވެސް ބަޔަކު މީހުންނަށް ވިސްނޭ ދަރަޖައަށް ދީނުގައި ނަހީކުރައްވާފައިވާ ކަންތައްތައް ވަނީ އާންމުވެފައެވެ.

މުސްލިމުންގެ ހާލަތު މިހާ ހިސާބަށް ދިޔުމުން، އިސްލާމީ އުއްމަތް ނިކަމެތިވެފައިވާ މިންވަރު ހާމަވެއެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ އެކަން އެގޮތަށްވާނޭކަން ބަޔާންކުރައްވާފައެވެ. އިތުރު އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. "يُوشِكُ أَنْ تَدَاعَى عَلَيْكُمُ الْأُمَمُ مِنْ كُلِّ أُفُقٍ كَمَا تَدَاعَى الْأَكَلَةُ عَلَى قَصْعَتِهَا" قَالَ: قُلْنَا: يَا رَسُولَ اللهِ، أَمِنْ قِلَّةٍ بِنَا يَوْمَئِذٍ؟ قَالَ: "أَنْتُمْ يَوْمَئِذٍ كَثِيرٌ، وَلَكِنْ تَكُونُونَ غُثَاءً كَغُثَاءِ السَّيْلِ، تُنْتَزَعُ الْمَهَابَةُ مِنْ قُلُوبِ عَدُوِّكُمْ، وَيَجْعَلُ فِي قُلُوبِكُمُ الْوَهْنَ" قَالَ: قُلْنَا: وَمَا الْوَهْنُ؟ قَالَ: "حُبُّ الْحَيَاةِ وَكَرَاهِيَةُ الْمَوْتِ" رواه أحمد މާނައީ: "ކޭމެއްގެ ވަށައިގެން ތިބޭ ބަޔަކު، އެކައިން ކައި ހުސްކޮށްލާފަދައިން، އުއްމަތްތައް ތިޔަބައިމީހުންގެ މައްޗަށް ވެރިވެގަތުމުގެ ވަގުތު ކައިރިވެއްޖެއެވެ."

ޞަޙާބީން ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! އެއީ އެދުވަހުގައި މުސްލިމުންގެ އަދަދު މަދުކަމުން ކުރިމަތިވާ ނިކަމެތިކަމެއް ތޯއެވެ؟"
ޙަދީޘް ކުރެއްވިއެވެ. "އެދުވަހުން ތިޔަބައިމީހުންނަކީ އަދަދުގެ ގޮތުން ނުހަނު ގިނަބައެކެވެ. ނަމަވެސް ތިޔަބައިމީހުން އެދުވަހު ގައިވަނީ، ކޯރުހެދިގެން ބިންމަތީގައި ދެމެމުންދާ ފެންކޯރެއްގެ މައްޗަށް އަރާފައި ހުންނަ ފޮނުބޮޑިއެއް ފަދައިންވެ. ތިޔަބައިމީހުންގެ އަދުވުންގެ ހިތްތަކުގައި ތިޔަބައިމީހުންގެ މައްޗަށް އޮތް ހައިބަތު ގެއްލިގެންދާނެއެވެ. އަދި ތިޔަބައިމީހުން ހިތްތަކުގައި "އަލްވަހްނު" (އެބަހީ: ނިކަމެތިކަން) ލައްވާނެތެވެ." ޞަޙާބީން ދެންނެވިއެވެ. "އަލްވަހުން" އަކީ ކޮބައިތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "ދުނިޔެއަށް ލޯބިކުރުމާއި، މުރުވުމަށް ނުރެހެވުމެވެ." މިޙަދީޘް ރިވާކުރެއްވީ އަލްއިމާމު އަޙްމަދެވެ.

"ދުނިޔެއަށް ލޯބިކުރުމާއި، މަރުވުމަށް ނުރުހުންތެރިވުމޭ" އޮތް ބަސްފުޅުގެ މުރާދަކީ، މުސްލިމުންގެ ހިތްތަކުގައި ދުނިޔޭގެ އެދުންވެރިކަން ބޮޑުވުމުގެ ވާހަކައެވެ. އަދި އާޚިރަތުގެ ހެވާއި، ދިންނެވުމުގެ ނަސީބަށް އެދިގެން ކުރަންޖެހޭ އަމަލުތަކަށް ނުރެހެވޭ ނުރުހުންތެރިކަމެވެ.
މިއަދި ކަން އޮތީވެސް މިހެންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމު މަހުޖަނުންގެ އަދަދު ޣައިރު ދީންތަކުގެ މަހުންޖަނުންނަށްވުރެ ވަކި މަދެއްނޫނެވެ. އޭގެ ތެރެއިން މާތް ﷲ ގެ ރަޙުމަތުން، ދީނުގެ މަތީގައި ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު ދެއްވާފައިވާ މަދު ބަޔަކު ނޫނީ، އެހެން އެންމެންނަކީ، އެމުއްސަނދިކަމާއި ތަނަވަސްކަން، ދުނިޔޭގެ މަޖަލާއި އަރާމާއި، ފާހިޝް ޢަމަލުތަކާއި މުންކަރާތްތަކުގައި ހޭދަކޮށްލާ މީހުންނެވެ.

އިސްލާމީ އުއްމަތްވަނީ ބައިބައިވެފައިވެ. މީސްތަކުންގެ މެދުގައި ނަފުރަތާއި ފުޅިވެރިކަން އާންމުވެފައެވެ. ސަލާމަތާއި ރައްކާތެރިކަން ހޯދުމަށް އަރަޖެހޭ ނާއުވަނީ ނުރައްކަލަށް ހުށަހެޅިފައެވެ.

އެކަންވަސް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ބަޔާންކުރައްވާފައެވެ. އިތުރު އެކަލޭގެފާނު މިސާލު ޖައްސަވަމުން ޙަދީޘްކުރެއްވިއެވެ. "ﷲ ގެ ޙައްދުތަކަށް ރައްކާތެރިވުމުގައި ދެމިތިބޭ ބަޔަކާއި، އެ ޙައްދުތަކަށް އަރައިގަންނަ ބައެއްގެ މިސާލަކީ، ނަވެއްގައި ދަތުރު ކުރުމަށް ގުރުއަތުލީ ބައެއްގެ މިސާލެވެ. ފަހެ، އޭގެ ތެރެއިން އެއްބަޔަކު ތިބެންޖެހުނީ ނަވުގެ މަތީ ބައިގައެވެ. އަދި އަނެއް ބަޔަކު ތިބެންޖެހުނީ، އެ ނަވުގެ ފަލްކާގައެވެ. ފަލްކާގައި ތިބެންޖެހުނު މީހުން ފެނަށް ބޭނުންވެއްޖެނަމަ ޖެހެނީ ނަވުގެ މަތީގައި ތިބި މީހުންގެ ތެރެއަށް ނުކުންނާށެވެ! ފަހެ، އެބައިމީހުން (އެބަހީ: ފަލްކާގައި ތިބެންޖެހުނު މީހުން) ބުންޏެވެ. އަހަރެމެން ނަވުގެ ބަނޑުފިލާ ތޮރުފައިލައިފިނަމަ (މާ ފަސޭހައިން ފެން ލިބިދާނެއެވެ.) އޭރުން މަތީގައިތިބޭ މީހުންނަކަށް އަހަރެމެންގެ ފަރާތުން އުނދަގުލެއްވެސް ނުވާހުއްޓެވެ. ފަހެ، އެބައިމީހުން އެ އެދުނު ގޮތަށް ކަންކުރުމަށް ދޫކޮށްލެވިއްޖެނަމަ، އެމީހުން އެންމެން އެކުގައި (ކަނޑުވެގެން މަރުވެ) ހަލާކުވެދާހުއްޓެވެ. އަދި އެބައިމީހުންގެ އަތްތަކުގައި ހިފަހައްޓައިފިނަމަ، (އެބަހީ: އެބައިމީހުން ގަސްދުކުރި ކަންތައްކުރުން ހުއްޓުވައިފިނަމަ) އެބައިމީހުން އެންމެން އެކުގައި ސަލާމަތްވާހުއްޓެވެ." (ރިވާކުރެއްވީ އަލްއިމާމުލް ބުޚާރީއެވެ.)

ދަންނާށެވެ! އިސްލާމީ އުއްމަތަކީ އެންމެ ހެޔޮވެގެންވާ އުއްމަތެވެ. އެ ހެޔޮ ކަން ދެމިއޮންނަނީ ހެޔޮކަމުގެ ޝަރުޠުތައް ފުރިހަމަވުމުންނެވެ. އެކަންތައްތައް ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنْكَرِ وَتُؤْمِنُونَ بِاللَّهِ وَلَوْ آمَنَ أَهْلُ الْكِتَابِ لَكَانَ خَيْرًا لَهُمْ مِنْهُمُ الْمُؤْمِنُونَ وَأَكْثَرُهُمُ الْفَاسِقُونَ ﴾ (آل عمران: 110) މާނައީ: "މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުއްމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރުކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން ﷲ އަށް އީމާންވަމުއެވެ. ފޮތުގެ އަހުލުވެރިން އީމާންވީނަމަ، އެއުރެންނަށް އެގޮތް ހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. އެއުރެންގެ ތެރެއިން އީމާންވެގެންތިބި މީހުންވެއެވެ. އަދި، އޭގެތެރެއިން ގިނަމީހުންނީ ފާސިޤުންނެވެ."

ހެޔޮ ކަންތައްތަކަށް އަމުރު ކުރުމާއި މުންކަރާތްތައް ނަހީ ކުރުމަކީ އުއްމަތުގެ ހެޔޮކަން ދެމި އޮތުމުގެ ސިއްރުކަމުގައިވީފަދައިން، އެކަމުން އެއްކިބާވުމަކީ، އުއްމަތަށް ކޯފާއެއް ފޮނުއްވުމުގެ ސަބަބެއްކަމުގައިވެސް ވެގެން ހިނގައިދާނޭ ކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިމަންކަލޭގެފާނުގެ ފުރާނަ އެއިލާހުގެ އަތްޕުޅުގައިވާ މާތްރަސްކަލާނގެ ޒާތުފުޅު ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން މުންކަރާތްތައް ނަހީކުރާ ހުށީކަމެވެ. އެހެންނޫނީ، މާތް ﷲ ގެ ޙަޟުރަތުން ތިޔަބައިމީހުންގެ މައްޗަށް ކޯފާއެއް ބާވައިނުލައްވައި ނުދާހުއްޓެވެ. އެއަށްފަހު، ތިޔބައިމީހުން އެކަލާނގެ ޙަޟުރަތަށް ދުޢާދަންނަވާނޫއެވެ. ފަހެ، (އެހާރުން) ތިޔަބައިމީހުންގެ ދުޢާ އިޖާބައެއް ނުކުރެއްވޭހުއްޓެވެ." (ރިވާކުރެއްވީ އަލްއިމާމުއް ތިރްމިޒީއެވެ.)

މީސްތަކުންގެ މެދުގައި ޞުލްޙަ މަސަލަސްކަން ދެމިގެން ދިޔުމަށް އެދޭނަމަ، އަޅުގަނޑުމެންނަށް އޮތް މަގަކީ ދީނުގެ މަގަށް ރުޖޫޢަވުމެވެ. ޢަދުލު އިންސާފު ހޯދަން އެދޭނަމަވެސް އޮތް ހަމައެކަނި މަގަކީވެސް އެއީއެވެ. އުއްމަތުގެ ހެޔޮކަން އަބުރާ ހޯދުމަށް އެދޭނަމަ ހެޔޮކަންތައްތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމުގައި ދެމިތިބުމެވެ.