އާސަންދަ

އަހަރު ދެބައި ނުވަނީސް އާސަންދަ ބަޖެޓް ހުސްވެއްޖެ

Jun 17, 2022
3

ދިވެހި ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާކޮށްދޭ ގައުމީ ހެލްތު އިންޝުއަރެންސް ސްކީމް -- އާސަންދައަށް މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓް އަހަރު ދެބައިނުވަނީސް ހުސްވެއްޖެ އެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓްގައި އާސަންދަ ސްކީމަށް ކަނޑައަޅާފައިވަނީ 730 މިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް އާސަންދައަށް 795 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ މިމުއްދަތުގައި އާސަންދަ ސްކީމުން ހަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ 658 މިލިއަން ރުފިޔާ އެވެ.

އާސަންދަ ސްކީމަށް ކަނޑައެޅި ބަޖެޓު މިދިޔަ އަހަރުވެސް ނުނިމެނީސް ވަނީ ހުސްވެފަ އެވެ. މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ބަޖެޓުން އާސަންދައަށް 1.5 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައިވެ އެވެ.

ދައުލަތުން ސަބްސިޑީދޭ އުސޫލާއި، އާސަންދައަށް ހަރަދުކުރާ އުސޫލަށް ބަދަލު ގެނެސް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށް ދައުލަތުން ހަރަދުކުރާ ގޮތަށް މުޅި ނިޒާމު ބަދަލުކުރުމުގެ މަޝްވަރާތައް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން ދަނީ ކުރަމުންނެވެ.

އަމިއްލަ ކްލިނިކްތަކަށާއި، ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރުމަށް ކުރާ ހަރަދަށް އާސަންދައިން ބޮޑު އަދަދެއް ހަރަދުކުރަންޖެހެ އެވެ.