ދުނިޔެ

ދޮނެސްކާއި ލުހާންސްކްގެ މިނިވަންކަން ގަބޫލެއް ނުކުރަން: ކަޒަކިސްތާން

ދޮނެސްކާއި ލުހާންސް އަކީ މިނިވަން ދެ ދައުލަތް ކަމަށް ރަޝިއާ ގަބޫލުކުރި ނަމަވެސް އެކަން އެގޮތަށް ކަޒަކިސްތާނުން ގަބޫލު ނުކުރާނެ ކަމަށް ރައީސް ގާސިމް ޖޫމާތު ތޮކަޔޭފް ވިދާޅުވެއްޖެ އެވެ.

ދޮނެސްކާއި ލުހާންސް އަކީ ޔުކްރޭންގެ ދޮންބާސް ސަރަހައްދުގެ ދެކޮޅެވެ. އެ ދެ އަވަށުގައި ދިދިއުޅޭ މީހުން ބުނާ ގޮތުން ޔުކްރޭންގެ ބައެއްގެ ގޮތުގައި ދެމިއޮންނާކަށް ބޭނުމެއް ނުވެ އެވެ. އެ މީހުން ބޭނުންވަނީ ޔުކްރޭން ސަރުކާރުން ވަކިވެ މިނިވަން ދެ ދައުލަތް އުފައްދާށެވެ.

ރަޝިއާއިން މިއަހަރު ފެބްރުއަރީ 24 ގައި ޔުކްރޭނަށް އަރައިގަތުމުގެ ކުރިން ދޮނެސްކާއި ލުހާންސްކް ވަނީ މިނިވަންކަން އިއުލާންކޮށް ދޮނެސްކް ޕީޕަލްސް ރިޕަބްލިކް އާއި ލުހާންސްކް ޕީޕަލްސް ރިޕަބްލިކްގެ ނަމުގައި ދެ ދައުލައް އުފައްދާފަ އެވެ.

މިއީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް ގައުމުތަކުން ބުނެ އެވެ. އަދި އެ ދެ ދައުލަތަކީ މިނިވަން ދެ ދައުލަތުގެ ގޮތުގައި ރަޝިއާ ނޫން އެހެން ގައުމަކުން ބަލައެއް ނުގަނެ އެވެ.

ކަޒަކިސްތާންގެ ރައީސް ގާސިމް ޖޫމާތު ތޮކަޔޭފް ވިދާޅުވި ގޮތުގައި މައި ސަރުކާރާ މެދު ނުތަނަވަސްވާ ކޮންމެ ބަޔަކު ވަކި ދައުލަތެއް އުފައްދައި މިނިވަން ކަމަށް ގޮވާ ނަމަ ދުނިޔޭގައި 193 ގައުމުގެ ބަދަލުގައި 600 ދައުލަތް އޮންނާނެ އެވެ.

ގާސިމް ޖޫމާތު ތޮކަޔޭފް ވިދާޅުވި ގޮތުގައި ޓައިވާނަކީ ވެސް މިނިވަން ދައުލަތެއް ނޫނެވެ. އަދި ކޮސޯވޯ އާއި ދެކުނު އޮސެޓިއާ އަދި އަޚްބާޒިއާ އަކީ ވެސް މިނިވަން ދައުލަތް ތަކެއް ގޮތުގައި ކަޒަކިސްތާން ގަބޫލެއް ނުކުރެ އެވެ. ދޮނެސްކާއި ލުހާންސްކްއަށް ވެސް އޮތީ އެ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިއާއިން 2014 ގައި ޔުކްރޭންގެ ކްރައިމިއާ ޖަހަގަތްއިރު ވެސް ދޮނެސްކާއި ލުހާންސްކް އިން ދިޔައީ މިނިވަން ކަމަށް ގޮވަމުންނެވެ. އެ ދެ އަވަށުގައި ވެސް ގިނައީ ރަޝިއާ ބަހުން ވާހަކަދައްކާ މީހުން ކަމަށް ވުމުން އެ މީހުން އެދޭ ގޮތަކީ ރަޝިއާގެ ބެލުމުގެ ދަށަށް ދިއުމެވެ.

އެެހެން ނަމަވެސް، ކްރައިމިއާ އާއި ދޮނެސްކް އަދި ލުހާންސް އަކީ ވެސް ޔުކްރޭންގެ ބައެއް ކަމަށް ބުނެ ޔުކްރޭންގެ އަސްކަރިއްޔާއިން މިހާރު ވެސް ގެންދަނީ ރަޝިއާ ސިފައިން އެތަނުން ބޭލުމަށް ހަމަލާ ދެމުންނެވެ.