މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްގެ ސަރަހައްދީ ބަނދަރުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ

Jun 18, 2022

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަތޮޅު ތެރޭގައި ހިންގާ ސަރަހައްދީ ބަނދަރުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމައިފި އެވެ.

މިގޮތަށް އެމްޕީއެލް އިން ނިންމީ އައްޑޫ ސިޓީގައި ހިންގާ ސަރަހައްދީ ބަނދަރުގެ އޮފީހުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެކުންފުނީގެ ހާއްސަ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގަ އެވެ.

އެމްޕީއެލް އިން މިވަގުތު ސަރަހައްދީ ބަނދަރުތައް ހިންގަނީ އައްޑޫ ސިޓީގެ ހިތަދޫގައި އާއި ހދ. ކުޅުދުއްފުށީގަ އެވެ.

މިބައްދަލުވުމުގައި ވަނީ އެމްޕީއެލްގެ އިދާރީ އޮނިގަނޑަށާއި މުވައްޒަފުންގެ މުސާރަތަކާއި އަދި ހިންގުން ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރުމަށްފަހު ގޮތްތަކެއް ނިންމާފަ އެވެ.

އެމްޕީއެލް އިން ބުނީ ބޯޑުގެ ނިންމުންތަކުގެ ބޭނުމަކީ ސަރަހައްދީ ބަނދަރުތަކުގެ ހިދުމަތްތައް މިހާރަށް ވުރެ ހަރުދަނާކޮށް ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ.

އެމްޕީއެލް ބޯޑުގެ ބޭފުޅުން އައްޑޫއަށް ކުރެއްވި ދަތުރުގައި ވަނީ އައްޑޫ އެމްޕީއެލް ބަނދަރުގައި މަސައްކަތް ކުރާ މުވައްޒަފުންނާ ބައްދަލުކޮށް ކުންފުނީގެ ހިންގުމަށް ގެންނަ ބަދަލުތަކާއި މުސާރައަށް ގެންނަ ބަދަލުތަކުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ. އަދި މުވައްޒަފުން ކޮންމެހެން އޮޅުންފިލުވަން ބޭނުންވި ކަންކަމުގައި ކުރެވުނު ސުވާލުތަކަށް ބޯޑު މެންބަރުން ޖަވާބު ދީފައިވެ އެވެ.

އެމްޕީއެލް އިން ނިންމާފައިވަނީ އަންނަމަހުން ފެށިގެން ސަރަހައްދީ ބަނދަރުތަކުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމަށެވެ. މިބަދަލާ އެކު މުވައްޒަފުންގެ މުސާރަތައް ބޮޑުވެ، ބައެއް މުވައްޒަފުންނަށް މަގާމުގެ ކުރިއެރުންވެސް ދިނުމަށް ހަމަޖެހިފައިވެ އެވެ. މުވައްޒަފުންގެ ރިޓަޔާމަންޓް ސިޔާސަތަށްވެސް ބަދަލުތަކެއް ގެނައުމަށް އެމްޕީއެލް އިން ދަނީ މަސައްކަތް ކުރަމުންނެވެ.