ކްރިމިނަލް ކޯޓް

ބިދޭސީއެއް އަތުން ފޭރުނު ދެ އަންހެނުން ޖަލަށް

ބިދޭސީއެއްގެ އަތުން ފޭރުނު ދެ އަންހެނުން ޖަލަށްލައި 96 ގަޑިއިރު މުޖުތަމައުއަށް ފައިދާހުރި މަސައްކަތެއް ކުރުމަށާއި 24،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކުރި މި މައްސަލަ އަކީ 2018 ވަނަ އަހަރުގެ ނޮވެމްބަރު ހަތްވަނަ ދުވަހު ހިނގައި ދިޔަ ހާދިސާއަކާއި ގުޅިގެން ދައުލަތުން ދެ މީހެއްގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ފާތިމަތު ނަޝާޔާ އަދި ހަދީޖާ ޝައިމާ ކިޔާ ދެމީހެއްގެ މައްޗަށެވެ.

ދައުލަތުން މި ދެ މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ މި ދެ މީހުންނާއި އިތުރު ބަޔަކު ބައިވެރިވެގެން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ރޮބެލްމިއާ ކިޔާ މީހަކު ދައުވާ ލިބޭ ފާތިމަތު ނަޝާޔާ ދިރިއުޅޭ ގެއަށް ވެއްދުމަށްފަހު ފޭރުނު ކަމަށެވެ. އެގޮތުން ބިދޭސީ މީހާގެ އަތުގައި ހުރި 3335 ޑޮލަރާއި އޭނާގެ އަތުގައި އޮތް ސެމްސަންގް 8 ޕްލަސް ފޯނު އަތިލާފައިވާ ކަމަށެވެ.

އެންމެ ފުރަތަމަ މި ދެ މީހުން ކުށަށް އިންކާރުކުރި އެވެ. އެކަމަކު ފަހުން ވަނީ ކުށަށް އިއުތިރާފްވެ ކަން ހިނގައި ދިޔަ ގޮތް ކޯޓުގައި ކިޔައިދީފަ އެވެ. މައްސަލަ ސާބިތުވުމުން ދެ މީހުން ވެސް އެދުނީ ޖަލު ހުކުމް ނޫން ވީހާވެސް ލުއި އަދަބެއް ކަނޑައަޅައިދިނުމަށެވެ.

ގާޒީ ސޮފްވަތު ހަބީބު ކުރެއްވި ހުކުމުގައި ބަޔާންކޮށްފައި ވަނީ މި ދެ މީހުން ކުށަށް އިއުތިރާފްވެފައިވާތީ އާއި ހުށަހަޅާފައިވާ ހެކި ގަރީނާތަކަށް ރިއާޔަތްކުރާއިރު މައްސަލަ ސާބިތުވާ ކަމަށެވެ. އެހެންކަމުން މި ދެ މީހުން ހަތަރު މަހަށް ޖަލަށްލައި، 96 ގަޑިއިރު މުޖުތަމައަށް ފައިދާހުރި މަސައްކަތެއް ކުރުމަށާއި 24،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފަ އެވެ.